ށ. މިލަންދޫގައި މޫދަށް އެރި އެޅެނިކޮށް އޮޔާދިޔަ ކުޑަ ކުއްޖަކު ސަލާމަތް ކުރި މީހަކަށް ގިނަ ބަޔަކު ތައުރީފު ކޮށް ޝުކުރު އަދާ ކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ ހާދިސާގެ ވާހަކަ ހިއްސާ ކުރަމުން އެރަށު ކައުންސިލުގެ ރައީސް އަބްދުﷲ ފާއިޒު ވިދާޅުވީ، އޮޔާ ގޮސްފައިވަނީ ގާތްގަނޑަކަށް އުމުރުން ތިން އަހަރުގެ ކުއްޖެއް ކަމަށާއި އެކުއްޖާ މޫދަށް އެރިފައިވަނީ އިތުރު ކުދިންތަކަކާއި އެކީ ކަމަށެވެ.

"އެކުއްޖާ މޫދަށް އެރި އޮތީ ދޫންޏެއް ހެން އޮންނަ ސީބެޑް އެއްގައި. އެ ހިފަހައްޓައިގެން ތިބި ކުދިން އަތުން ދޫވެގެން އޮޔާ ދާން ފެށީ" ފާއިޒު ވިދާޅުވިއެވެ.

ފާއިޒު ވިދާޅުވީ، އެ މަންޒަރު ފެނިފައިވަނީ އެވަގުތު އެތަނަށް ސައިކަލުގައި ގޮސް ހުރި އަލީ އަފީފް ނަމަކަށް ކިޔާ ޒުވާނަކަށް ކަމަށެވެ. އެވަގުތު އޭނާ މޫދަށް ފައިބައިގެން ކުއްޖާ ސަލާމަތް ކުރަން ދިޔަ ކަމަށާއި އެހެން ނަމަވެސް ކުއްޖާ އާއި އަރާ ހަމަވުމުން ކުއްޖާ ސީބެޑުން މޫދަށް ފުންމާލި ކަމަށެވެ.

"އޭނާ ފީނާފައި ދަނިކޮށް ވަކި ހިސާބަކަށް ދެވުނުތަނާ ކުޑަ ކުއްޖާ ފުންމާލީ ސީބެޑުން މޫދަށް. ދެން އަނެއްކާ އަލީ އަފީފު އެސޮރު ސަލާމަތް ކުރަމުން ކޮނޑު މައްޗަށް ލައިގެން އައިސް ކިރިޔާ އެއްގަމަށް އެރުނީ. އެއްގަމަށް އެރުނު ތަނުން ޓީޗަރަށް ފެނިގެން ޓީޗަރު ދިޔައީ. އަސްލު މީގައި މިބުނާ ސޮރު އެކަން ކޮށްފައިވަނީ" ފާއިޒު ވިދާޅުވިއެވެ.

ފާއިޒު ބުނި ގޮތުގައި މިލަންދޫ ސްކޫލްގެ ލީޑިން ޓީޗަރެއް ކަމަށްވާ އަކްރަމް އަށް ކުޑަ ކުއްޖާއާއި އަފީފް ފެނިފައިވަނީ އެއްގަމާއި ހިސާބުންނެވެ. އެހިސާބުން އަކްރަމް ވަނީ އެމީހުން ކައިރިއަށް ގޮސް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކޮށްފައެވެ.

އަކްރަމް އެގޮތަށް މަސައްކަތް ކުރުމުން ގިނަ ބަޔަކު ވަނީ އަކްރަމް އަށް ތައުރީފު ކޮށް ޝުކުރު އަދާ ކޮށްފައެވެ. އެހެން ނަމަވެސް ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި ކުއްޖާ ސަލާމަތް ކުރުމުގައި އެންމެ ބޮޑު މަސައްކަތް ކޮށްފައިވަނީ އަފީފް ކަމަށެވެ. އެހެން ކަމުން ގިނަ ބަޔަކު ވަނީ އަފީފްގެ އިތުރުން އަކްރަމް އަށްވެސް ތައުރީފު ކޮށް ޝުކުރު އަދާ ކޮށްފައެވެ.

އަދި އަކްރަމްގެ އަމަލަށް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށްވެސް މިލަންދޫ ސްކޫލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިނިި

    ކުޑަކުދިން ދަނީ މައިންބަފައިން ގޭގަ ބައިތިއްބާފަބާ...
    އިހުމާލް

    19
    2
  2. ޢެސޮރު

    މާޝާﷲ ވަރަށް ބަރާބަރު

    15
  3. ފުރަގަސް

    ހިހޫތަނުން ކާލީދޯ

  4. ރަމްލާ އައްތަ

    މި ޚަބަރުކިޔަމުން ދާއިރު ހީވަނީ އެބައުޅޭ އެބައުޅޭ ވާހަކައިގެ ތަންކޮޅެއްހެން...ދެބޭފުޅުންނަށް ޝުކުރިއްޔާ

  5. ފާތުން

    ތިޔަ ޓީޗަރު ކަންނުވެ ނަންވީދޯ، ތިއީ ކަނދި ކަމަނާގެ މަސް ތެލުލުން ކަހަލަ ކަމެެއް،