އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ތަފްސީލްތައް އަދި ނުލިބެއެވެ. މަޖިލީހަށް ފޮނުވާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަން އެނގިފައިވެއެވެ.
ގާނޫނުއަސާސީގައި އޮންނަނީ ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ސަރުކާރުން ހުށަހަޅަންވާނެ ކަމަށެވެ.
މި އަހަރުގެ ބަޖެޓްގެ ގޮތުގައި މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރާއްޖޭގެ ތާރީހުގައި މަޖިލީހުން ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެންމެ ފުރަތަމަ އަންދާޒާ ކުރި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނީ 10 ބިލިއަން ރުފިޔާ ކަމަށް މިހާރު އަންދާޒާ ކުރެވެއެވެ.
ދައުލަތުގެ އާމްދަނީ ދަށްވެފައިވާއިރު އަންނަ އަހަރުން ފެށިގެން ދައުލަތުގެ ދަރަނިތައް ދައްކަން ފެށޭތީ ރައްޔިތުންގެ މަޖިލީހުން ދަރަނި މެނޭޖް ކުރުމުގެ މައްސަލަ ދިރާސާކޮށް ދަރަނިތައް މުރާޖައާ ކުރުމުގެ ކޮމިޓީއެއް އެކުލަވާލައިގެން އެ މަސައްކަތް ފަށަން ސަރުކާރަށް ލަފާ ދޭން ފާސްކޮށްފައެވެ.