މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 24 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު 18:00 ން މިއަދުގެ 18:00 އާއި ހަމައަށް ރާއްޖެ އިން ފައްސިވި 24 މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެއްސަކާއި 6 ބިދޭސީއެކެވެ. މީގެ ތެރެއިން 18 މީހަކު ފައްސިވީ މާލޭ ސަރަހައްދުން ކަމުގައިވާއިރު، ދެންތިބި މީހުން ފައްސިވެފައި ވަނީ ރާއްޖޭގެ އެހެން ރަށްތަކާއި ރިސޯޓުތަކުގައެވެ.

މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،986 އަށް އަރާފައެވެ. ނަމަވެސް، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައިކަނަ ފާހަގަކޮށްލެވެއެވެ.

އިއްޔެ އެ އަދަދު ހުރީ 850 ގައި ނަމަވެސް، މިއަދު އެ އަދަދު ވަނީ 847 ށް ދަށްވެފައެވެ. މިހާރު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،092 އަށް އަރާފައެވެ.

ފާއިތިވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަމާބެހޭ އިދާރާތަކުން ވަނީ ޖުމްލަ 1،392 ސާމްޕަލް ނަގާފައެވެ. މިވަގުތު އައިސޮލޭޝަންގައި 226 މީހުން ތިބިއިރު، ހޮސްޕިޓަލިގައި އެޑްމިޓް ކޮށްގެން 60 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ވައިރަސް ރާއްޖޭގައި ކޮންޓްރޯލްވަމުން އައި ނަމަވެސް ރައްކާތެރި ނުވެއްޖެނަމަ، ލަންކާ ފަދަ ގައުމުތަކަށް އެރި ފަދަ ރާޅެއް އަޅައި، ވައިރަސް ކޮންޓްރޯން ކުރަން އުނދަގޫވެގެން ހިނގައިދާނެއެވެ.