ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 421 މަޝްރޫއެއް ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ މަޖިލިހަށް ހުށަހަޅައިފައެވެ. ބަޖެޓުގައި އާމްދަނީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި އިރު، އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓެކްސްގެ ގޮތުގައި 9.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.75 ބިލިއަން ރުފިޔާއާއި، ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިއީ މި އަހަރާ އަޅާ ބަލާ އިރު، 49.3 އިންސައްތަ އިތުރު އަދަދެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މި އަހަރުގެ ބަޖެޓު ރިވައިޒް ކުރި އިރު، ޕީއެސްއައިޕީގެ ތެރެއިން މަޑުޖައްސާލި މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

ޕީއެސްއައިޕީގެ ތެރޭގައި ދައުލަތުގެ އާންމު ބަޖެޓުން 3.2 ބިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށް ލަފާ ކުރެވޭ އިރު، ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 3.8 ބިލިއަން ރުފިޔާ، ހިލޭ އެހީން 561 މިލިއަން ރުފިޔާ، ޓްރަސްޓް ފަންޑުން 596 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. ޓްރަސްޓް ފަންޑުތަކުން ކުރާ ހަރަދުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ މޯލްޑިވްސް ގްރީން ފަންޑުންނެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ޕީއެސްއައިޕީއަކީ ދައުލަތުގެ ޖުމްލަ ބަޖެޓުގެ 23.9 އިންސައްތައެވެ.

ޕީއެސްއައިޕީގެ ތެރެއިން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ގޮތް

  • ޕީއެސްއައިޕީގެ ތެރޭގައި އަލަށް ފަށާ 421 މަޝްރޫއެއް (1.8 ބިލިއަން ރުފިޔާ)
  • ޓެންޑަރިން މަރުހަލާގައި ހުރި 156 މަޝްރޫއު (1.8 ބިލިއަން ރުފިޔާ)
  • ޕްރީ ޓެންޑަރިން މަރުހަލާގައިވާ 121 މަޝްރޫއު (784 މިލިއަން ރުފިޔާ)
  • ހިނގަމުންދާ 258 މަޝްރޫއަށް (3.3 ބިލިއަން ރުފިޔާ)
  • މި އަހަރު ނިމިފައިވާ 102 މަޝްރޫއުގެ ރިޓެންޝަން ފައިސާ އަށް (114 މިލިއަން ރުފިޔާ)

ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ހުށަހަޅާފައިވާ ޕީއެސްއައިޕީއަކީ ކޮވިޑް-19 އަށް ފަހު ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާ އެއްގޮތަށް އިގްތިސާދު ސިންދަފާތު ކުރުމަށާއި ވިލުންވެރިކަން އިތުރު ކުރުމަށް ބޮޑެތި މަޝްރޫއުތައް ފެށުމަށް ތައްޔާރުކޮށްފައިވާ ބަޖެޓެކެވެ.

އެގޮތުން ފަތުރުވެރިކަމުގެ އިތުރުން އިގްތިސާދީ އާ ހަރަކާތްތަކަށް މަގުފަހި ކުރުމާ އެކު، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމަށް ބަޖެޓުގައި މަޝްރޫއުތައް ހިމަނާފައިވާ ކަމަށް ފިނޭންސުން ހާމަކުރެއެވެ. މިސާލެއްގެ ގޮތުގައި މާލެ-ތިލަފުށި ބްރިޖު މަޝްރޫއު އާއި ޓްރާންސްޝިޕްމަންޓް ޕޯޓު ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހި ކުރެވިދާނެ މަޝްރޫއުތަކެކެވެ.

މިއާ އެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އާއި ރަންވޭ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ މި ސަރުކާރުން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ޕީއެސްއައިޕީ ބެހިފައިވާ މައިގަނޑު ދާއިރާތައް:

  • ލަފާފުރުމުގެ ދަތިކަން ހައްލު ކުރަން.
  • ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުން.
  • ބިން ހިއްކުމާއި މަގު ހެދުން.
  • ސިއްހީ އަދި އިޖުތިމާއީ ހިދުމަތް ތަރައްގީ ކުރުން.
  • ބޯހިޔާވަހިކަން ފޯރުކޮށްދިނުން
  • ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރުން.

ޕީއެސްއައިޕީއަކީ ރާއްޖޭގެ ތަރައްގީއަށް އިތުރަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމަށް ދައުލަތުން ހޭދަކުރާ ޕްރޮޖެކްޓުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަކީ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ރައްޔިތުންނަށް ދިރިއުޅުމުގައި ލުއި ފަސޭހަކަން ހޯދައި ދިނުމަށް ބޭނުން ކުރެވޭ މުހިންމު ވަސީލަތެކެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު އިގްތިސާދީ ހީނަރުކަމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ވެގެން ދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ވިދިގެން ދިމާވި އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާނެ އަހަރަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޞަލާޙް

    ބަޖެޓް ހުށައަޅާދުވަހަކީ ވަރަށް އުފާވެރި ދުވަހަކަށް ހެދޭތޯ އެބަ ބަލައެވެ. އަންނަ އަހަރަކީ ލޯކަލްކައުންސިލް އިންތިޚާބު އޮންނަ އަހަރެވެ. ރައްޔިތުން ގޮނބޯ ހެއްދުމަށް 600 ބިލޔަންރުފިޔާގެ މަޝްރޫޢޭވެސް ކިއިދާނެއެވެ. ކުރީ ދެއަހަރުގެ ބަޖެޓްގައިވެސް މިބާވަތުގެ ހުވަފެންތައް ދެއްކިއެވެ. ޔާމީންގެ ދައުރުގައި ފަށާ އަދި ފެށުމަށް ތައްޔާރުކޮށް ބަޖެޓް ދީފަހުރި ކަންކަމުގެތެރެއިންވެސް މަދު ކަމެއްނޫނީ ކުރާތަނެއް ނުފެނެއެވެ. މި ސަރުކާރުން ބަޖެޓްދީ އަލަށް ފެށި އެއްވެސް މަޝްރޫޢެއް ނެތެވެ.

    26
    2
  2. ކެޔޮޅު

    ދައްކާލަނީ ކޮންމެކަމަކައްވެސް ރ ޔާމީނުއަޅާދެއްވި ފުލެޓްތައްދޯ

    23
    2
    • ސީލާވަތީ

      ޢެޔަށް ކިޔަނީ. ރ ޔާމީނުއަޅާދެއްވި ކޮތަރު ކޮށި

      6
      5
  3. ޏ

    86 މަސްރޫއު މަގުތަކަށް ވެލި އެޅުން
    100 މަސްރޫއު މަގު ބައްތި ރަނގަޅު ކުރުން
    200 މަސްރޫއު.. ގޭދޮށު މަސްފެކްޓްރީ
    35 މަސްޜޫއު އެންބިލާންސް މަރާމާތު ކުރުން

    23
    1
  4. ޖަޒީރާމަނިކު

    އަލަށްފަށާ421 މަޝަރޫއަށް 1.8 ބިލިއަން ރުފިޔާ. ޓެންޑަރިންގައިހުރި 156 މަޝްރޫއަށް ވެސް 1.8 ބިލިއަން ރުފިޔާ. އެހެންވީމާ އަލަށް ފަށާ މަޝްރޫއު ތަކަކީ ވަޅުދިޔަހިއްކުންތާ؟

    20
    1
  5. މާލޭ މުޙައްމަދު

    ބަޖެޓްގަ ލިޔެވިދާނެ ކޮންމެ އެއްޗެއްވެސް. އެކަމު އަކަންކަން ނުކޮށް ވައްކަށްކުރުންނޫން ކަމެއް މިސަރުކާރުން ނުކުރޭ.

    20
    1
  6. ވިސްނާލުމަށް އެދެމޭ

    ކޮންތާކުން ފައިސާނެރެނީ..ހިސާބު އަދަދުތަކެ ޖެހުމުން ފައިސާނެތި މަޝްރޫއު ފެށޭތަ...ހިލޭ އެހީނަމަ ބަދަލުގަ ކޯންޗެ ކިހާވަރެ ދޫކޮއްލަނީ...ކައުންސިލް އިތިހާބަށް ކަޑަޖެހުމުން ރައްޔިތުން ހެއްލޭނެ...ވޯޓަށްފަހު ދަތްދޮޅީގަ އަތްވިއްދާއިގެންތިބޭނީ ބަވަން ސަރުކާރަށް..ވަގުތުގެކުރިން ވަމުންދާގޮތެ ވާނޭގޮތެ ވިސްނާ ހޯދާ ނުބަލާނެ..މާދިއްޔަތަށް ނަފްސުވިކިފަ ތިބޭ ރައްޔިތުން ގިނައީ..އެހެންވުމުގެ ސަބަބުން ހުރިހާ ރައްޔިތުން މިއަދު މިއޮތީ އެމުނިފަ..ގައުމުވިކި އަޅުވެތިވެ ދީން އޮޔާގޮސް ދަރިންގެ ދަރިންނަދާންދެން ސަލާމަތް ނުވާވަރުގެ ދަރަނިފައްޗެ ބޮލުގަ އެޅިފަ..

    15
    1
  7. މިއަދު

    ދައުލަތުގެ ބަޖެޓް ތައްޔާރުކޮށް މަޖިލަށްފޮނުވާއިރު އަބަދުވެސް ތިފަދަ ފޮނިބައިސާތައްހުރޭ ނިމިގެންދަނީ ރަޢިއްޔަތުންފެލައިގެން ނަގާފައިސާކޮޅުން މުސާރަދީގެން

    17
    1
  8. މަހާ

    ރައްޔިތުންނަށް ދަތިވެފައިވާ، ބޯހިޔާވަހިކަން މިސާލަކަށް ތިލަފުށި ބްރިޖް މަޝްރޫޢު، (ބްރިޖަކީ ބޯހިޔާވަހިކަންތަ)
    މީ ކޮންތާކުން އައިސްއުޅޭ ބައިގަނޑެއް،

    24
    1
  9. މުހައްމަދު އަންޖުމް

    މިކަހަލަ ބުހުތާން ދޮގުވާހަކައިން ރައްޔިތުން ހައްދައިގެން ކިހާދުވަހަކު ތިބެންތަ ގަސްތުކުރަނީ އެކަމު މިޔޮށްހާސަރު ގަނޑުންވެސް އެބައުގޭ ކުޑަކުދިންވެސް ގަބޫލު މިހާރަކު ނުކުރާނެކަން 60 ގެ އަހަރުތަކަށް ހަދަންނޫޅޭ ހިސާބު ރަގަޅައްޖައްސަވާ ނޫނީ އިތުރަށް ވާނީބޭޒާރު ކަލޭމެންނަށް ބައިއަތުހިފައިގެން ނޫނީދަށުވެފަތިބޭ ބަޔަކު ތިޔަށް އަތްޖަހާ ހާދަ ފަރިތަފުޅޭ ކިޔަން ތިއްބަސް އެންމެނަކު ގަބޫލެއްނުކު ރާނެކަންވެސް ދަނެބަލަ ލަދުހަޔާތްވެސް ކުޑައީ ވަކިމިން ވަރަކަށް ނޫންވިއްޔަ އުތަ

  10. މަނިކ

    ވެންޓިލޭޓަރުގަތުން

  11. ަފކ

    އަހަރެމެން ރަށު ކުނިކޮށި ސާފު ކޮއް ދި ޕުލީސް ޕުލީސް ކަން ޕެ ޔާއްޓެ

  12. މަނިކ

    ވެންޓިލޭޓަރު ގަތުން

  13. ދޯ

    ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ހުށަހަޅާފައިވާ ޕީއެސްއައިޕީއަކީ ކޮވިޑް-19 އަށް ފަހު ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާ އެއްގޮތަށް އިގްތިސާދު ސިންދަފާތު ކުރުމަށާއި ވިލުންވެރިކަން އިތުރު ކުރުމަށް ބޮޑެތި މަޝްރޫއުތައް ފެށުމަށް ތައްޔާރުކޮށްފައިވާ ބަޖެޓެކެވެ. މިބަސްތަކުގެ މާނަވެސް ބްރެކެޓްގައި ޖަހާލާނަމަދޯ.

  14. އިންޑިއާގެ މަކަރުވެެރި ފައިސާ

    ގައުމުގެ ދަރަނި ހުރީ ކިހާވަރެއްގައިތަ؟

    • ޢުނބުޝޭމް

      ބުނާކަށް ވެސް ނޭގެ ދެން މިހާރު ޗަކޮޔާ

  15. ޙހހހ

    ނުވާނެ ތިކަމެއް ، ހުސް އަނގަތަޅާބައެއް ، ވެރިކަމަށް 2 އަހަރުވީއިރު ،2 ވަނަ ފިޔަވަހީގަ 3 ފޫޓް 3 ފޫޓްގެ ބިންގަލެއް އެޅުން ފިޔަވާ އެތާކުރިކަމެއް އަދިނެތް