ދިވެއްސަކާ ކައިވެނިކޮށް އުޅޭތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބިދޭސީންނާއި ރާއްޖޭގެ ބޭންކްއެއްގައި މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީންނަށް ދިގު މުއްދަތުގެ ވިސާ ދޫކުރާ އިސްލާހު ހިމެނޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަ ބިލް ދިރާސާކޮށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވާ ގޮތަށް ބިލް ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާއިރު، ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވިއެވެ.

މަޖިލީހުގެ ކޮމިޓީގެ ރިޕޯޓްގައިވާ ބިލްގައިވާ ގޮތުން ދިވެއްސަކާ ކައިވެނިކޮށް އުޅޭތާ ހަތް އަހަރު ވެފައިވާ ބިދޭސީންނަށް ފަސް އަހަރުގެ މުއްދަތަކަށް ރެސިޑެންޓް ވިސާ ދޫކުރެވޭނެއެވެ. ކުރިން އޮތީ ދިވެއްސަކަށް ކައިވެނިކޮށް އުޅޭ ކޮންމެ ބިދޭސީއަކު ވެސް އަހަރުން އަހަރަށް ވިސާ އާ ކުރަން ޖެހޭ ގޮތަށެވެ.

ކައިވެންޏަށް މަދު ވެގެން ހަތް އަހަރު ވުމުގެ އިތުރުން ވެސް މި ވިސާ ލިބުމަށް ބިލުގައި ޝަރުތުތަކެއް ކުރިއެވެ. އެއީ ހަތް އަހަރު ރާއްޖޭގައި ދިރިއުޅެފައި ވުމާއި ހޭދަވި ކޮންމެ އަހަރެއްގައި މަދުވެގެން އަށް މަސް ދުވަހު އުޅެފައި ވުމާއި ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުމެވެ.

މީގެ އިތުރުން ރާއްޖެއިން ބިދޭސީންނަށް މިހާރު ދޫކުރާ ވިސާގެ އިތުރަށް ކޯޕަރޭޓިވް ވިސާގެ ނަމުގައި އާ ވިސާއެއް ތައާރަފް ކުރާނެއެވެ. އެ ވިސާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓްގެ ގޮތުގައި ތިބޭ ބިދޭސީންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް ހުއްދަ ދެވޭ ވިސާއެކެވެ.

މި ގޮތުން ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީއަކު އެ ވިސާއަށް އެދުމުން ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ ހާލަތު އޮންނަހާ ހިނދަކު ފަސް އަހަރަށް ފަހު ވިސާ އާ ކުރަން ޖެހޭއިރު ވިސާ އާކޮށްދޭން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 333..

    ދިވެހިރާއްޖޭގެ ނަން މުއްސަނދިންޑިޔާ އަށް ބަދަލުކުރަން ފެނޭ...މާނައަކީ މިގައުމުގަ ދެން ފައިގަދަކުރާނީ ބޭރުގެ މުއްސަނދިންނޭ..ފަގީރުން ފައިބައިގެން ދާންވީތޯ..ގައުމު ވިއްކާ ހުސްކޮށްފިއެގޮތް މިގޮތަށް.

  2. ދާދު

    އިންޑިއާ ރަށްޔަތުން ރާއްޖެގެނައުމަށް ސަރުކާރުން ޖައްސާ ބަލާވެރިކަމެއް ހުރިހާވެސްކަމަކީ އިންޑިއާ ރުއްސުން ނޫންނަމަ އިންޑިއާ ކަންބޮޑުވެދާނެ .

    8
    1
  3. އައްޑޫ ލެއި

    ނިކަމެތި ރައްޔިތުން ނަށް މަންފާހުރި އެއްކަމެއްވެސް ކުރާ ތަނެއްނޫން ތިޔަ މަޖިލީހަކީ

  4. ޗެކްމާކް ގޫބެރާ

    ދެން ނައަންނާތި ވޯޓް ހޯދަން ކުޅި ދަށްކާލަން

  5. ހަބަރުދާރު

    އިންވެސްޓމަންޓޭ ކިޔާފަ ކުދިވިޔަފާރިތައް ހަލާކުކޮށްލަން ތި ދިނީ ބޭރު މީހުންނަށް!

    އަދި ހަނދާންކުރާތި، ތި ވައްދާ މީހުން ހައްގުތަކޭ ކިޔާފަ ރާއްޖޭގެ އިސްލާމީ ސަގާފަތާ ކުޅެން އުޅެފިއްޔާ ފައްސާލާނީ ހަމައެކަނި އެމީހުނެއް ނޫން، ކަލޭމެންވެސް!

    މިރާއްޖެއަށް ގައްދާރުވީ މީހުންގެ ހަނދާންކޮށްލާތި.

  6. ބޭކާރުބޭ

    ތިޔަ އާޓިކަލް ކިޔާލީމަ އަންނަނީ ހިނި ކާކުވިސާދީގެންތޯ މިއުޅޭ ބަނގުލާދޭޝް މީހުންތައް އެއުޅެނީ ކޮންގާނޫނެއްގެ ކޮންމާއްދާއެއްގެދަށުންތޯ