ރާއްޖެ އާއި އިންޑިއާގެ ފޮރިން މިނިސްޓްރީން ރަސްމީ މަޝްވަރާތައް މިއަދު ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ. އިންޑިއާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައިވާ އިރު، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ގައުމުގެ ފޮރިން ސެކްރެޓަރީ އިން މަޝްވަރާކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ހަމައެއާއެކު، ސިއްހީ ދާއިރާއާ އިން ގުޅިގެން މަސައްކަތްކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން ކޮންސިއުލަ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން މިއަދު މަޝްވަރާކުރެއްވިއެވެ.

ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމާއި ދިވެހި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.