މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އެންމެ ގިނައިން ހައްޔަރުކޮށްފައި ވަނީ އުމުރުން 25-29 އާއި ދެމެދުގެ މީހުންކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 1322 މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވެެއެވެ. މީގެ ތެރެއިން 214 މައްސަަލައަކީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކޮށްފައި ވަނީ މާލެ ސިޓީންނެވެ. ދެވަނައަށް ހދ. އަތޮޅު ހިމެނޭއިރު، ތިންވަނައަށް އެންމެ ގިނަ މަސްތުވާތަކެތީގެ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ ފުވައްމުލަކު ސިޓީ އާއި ކ. އަތޮޅުންނެވެ.

އަދި އެ ކުއާޓަރުގައި އެންމެ ގިނަ އަދަދަކަށް އަތުލައިގެންފައި ވަނީ ޑައިމޯފިން ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން 5813.96 ގްރާމް ޑައިމޯފިން އަތުލައިގެންފައިވާ ކަމަށް އޭގައި ބުނެފައި ވެއެވެ.

އެ މުއްދަތުގެ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ އުމުރުފުރާތަކަށް ބަލާއިރު، 15-17 އުމުރުފުރާގެ ދެ މީހަކާއި، 18-21 އަހަރުގެ އުމުރު ފުރާގެ 21 މީހަކާއި، 22-24 އުމުރު ފުރާގެ 33 މީހަކާއި، 25-29 އުމުރުފުރާގެ 56 މީހެއްގެ އިތުރުން، 30-34 އަހަރާއި ދެމެދުގެ 51 މީހަކާއި، 35-39 އަހަރައި ދެމެދު 37 މީހަކާއި، 40 އަހަރުން މަތީގެ 27 މީހަކު ހިމެނެއެވެ.