ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައިވާ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރު އެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އާޒިމާގެ ފަރާތުން އެމައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

އާޒިމާގެ ވަކީލުންގެ ޓީމުގެ ފަރާތުން، ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތާއި އާއިޝަތު ފަޒްނާ އަހުމަދާއި އަލީ ސައީދު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ދެ މައްސަލައިން ފަނޑިޔާރު ތަނާޒުލްވެވަޑައިގެންފައި ވަނީ މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލް ވުމަށް އޮންނަ ގާނޫނީ ޖާގައިން ބޭރުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ތަނާޒުލްވެވަޑައިގަތުން ކްރިމިނަލް ކޯޓުން ބަލައިގެންފައިވަނީވެސް ގާނޫނީ އުސޫލުން ބޭރުން ކަމަށް ގަބޫލުުރައްވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަން ކުރެވިފައިވާ ގޮތުން ފަނޑިޔާރުންނަކީ އެބޭފުޅުން ބައްލަވާ މައްސަލަތައް pick and choose (އަމިއްލައަށް އިހުތިޔާރު ކުރުމުގެ ބާރު) ލިބިދީފައިވާ ބައެއް ނޫނެވެ. މީގެ އިތުރުން އެބޭފުޅުން ބައްލަވާ މައްސަލަތަކުން ވަކި ހަމަތަކަކުން މެނުވީ ތަނާޒުލްވެވަޑައިގެން މައްސަލަ ދޫކޮށްލައި އެހެން ފަނޑިޔާރަކާ ހަވާލުކުރުމުގެ ބާރު ލިބިފައިވާ ބައެއްވެސް ނޫނެވެ. އެކަމުގެ ބޭނުމަކީ މައްސަލަތަކުގައި ހިމެނޭ ޚަސްމުންގެ ހައްގުތައް ހިމާޔަތްކޮށް މިނިވަންކަމާއި ވަކި ފަރާތަކަށް ބުރަ ނުވެ މައްސަލަތައް ކުރިޔަށް ގެންދިއުން ޔަގީންކުރުމާއި އަދި ފަނޑިޔާރުންގެ މަސައްކަތް ކުރައްވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިކަން ޔަގީން ކުރުމެވެ." ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މި ދެމައްސަލަ ބައްލަވާތާ އަހަރެއްހައި ދުވަސްވެ، އެތައް އަޑުއެހުމެއް ބާއްވާފައިވަނިކޮށް، އަދި މައްސަލައިގެ ޝަރީއަތުގެ ކުރީން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމައި މައްސަލަ ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ބޯމަތިވެފައި ވަނިކޮށް މައްސަލައިގެ ފަނޑިޔާރު ގާނޫނީ އުސޫލުން ބޭރުން މައްސަލައިން ތަނާޒުލުވުމުން އަދި ގާނޫނީ އުސޫލުން ބޭރުން އެކަން ގަބޫލުކުރައްވައި އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލުކުރެއްވުމުން މި މައްސަލައިގައި އެހެން ނުފޫޒެއް ފޯރާފައިވާކަމާއި އަދި މިނިވަންކަން ގެއްލިފައިވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރަން ޖެހޭތީ މައްސަލަ ހައިކޯޓަށް ހުށަހެޅީ ކަމަށް ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"އަދި މި ކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީން އަޅުގަނޑުމެންގެ މުވައްކިލަށް ޔަގީންކޮށްދީފައިވާ މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި ޝަރީއަތް ކުރެވުނު ހައްގު ގެއްލިގެން ދާތީ އެވެ." ވަކީލުންގެ ބަޔާނުގައި ވެއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ މަނީލޯޑަރިންގެ ކުށް ސާބިތުވެ، މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާގެ އަސްލު އޮޅުވައިލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރަބޭ

    ކަލޯ މަމެންގޭ މައްސަލަ ރަށުލައި ބަލައި ނިންމީ 6 ފަނޑިޔާރުން، ފަހަރަކު މީހެއް! ގިނައީ ވަފުދުން އަންނަ މީހުން! ނިމުނު އިރު ހުކުމް އޮއްތޫ ސުކުންބުކުން ވެފައި! އާޒިމާ މައިތިރިވޭ 3 އަދި މާމަދު! މި ގައުމުގަ އިންސާފު ލިބެންޖެހެނީ ވަކިބަޔަކަށް އެކަނިތަ ؟