2021 ވަނަ އަހަރަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެެ ތައުލީމީ ދާއިރާގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތައުލީމް ފުޅާކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރޭ ސަންގުޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އައިޝަތު ވިދާޅުވީ، އެންމެ މުހިންމު ކަމަކަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި ވަނީ ރާއއްޖޭގެ ފަސް ސަރަހައްދެއްގައި ތައުލީމް ފުޅާކުރުން ކަމަށެވެ. އަދި މި ކަމަކީ މި ސަރުކާރުގެ އެންމެ އިސްކަމެއްދޭ ނިޒާމު ކަމަށްވާ "ލާމަރުކަޒީ" ނިޒާމަކަށް ކަންކަން ބައްޓަންކުރުމަށްވެސް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރ އައިޝަތު ފާޙަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް، ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭން. އަދި މާލެއަށް މި އަންނަން ޖެހޭ އައުން ހުއްޓާލާފައި އެމީހުން ރަށުގައި ތިބެގެން ހިދުމަތްތައް ހޯދޭނެ ފުރުސަތުތަކެއް ފަހިކޮށްދޭން" މިނިސްޓަރ އައިޝަތު ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒީ ނިޒާމެއް އޮތުމުގެ އެންމެ މުހިންމު އެއް ސިފައަކީ އެބަޔަކު ތިބޭ ތަނެއްގައި ތިބެގެން ރަނގަޅު ހިދުމަތްތަކެއް ލިބުން ކަމަށާއި، އާންމުކޮށް ވެރިކަން ކުރާ މާލެއަށް މީހުން އަންނަނީ، ބޭސްފަރުވާ ލިބިގަތުމަށާއި، ވަޒީފާ ހޯދުމަށް އަދި ރަނގަޅު ތައުލީމެއް ހޯދުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓުގައި ހިމަނާފައި އޮތީ ފަސް ދާއިރާއެއްގެ ތައުލީމީ ހިދުމަތް މިހާރު މާލެއިން ލިބެން ހުރި ފެންވަރަށް ނުވަތަށް އެއަށްވުރެ ރަނގަޅަށް ފުޅާކުރުމަށް ކަމަށެވެ. އަދި މިއާއި އެކު އެ ފަސް ސަރަހައްދަށް އުމްރާނީ ތަރައްގީ ގެނައުމަށްވެސް ރޭވިފައިވާ ކަަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ހިއުމަން ރިސޯސަސް ޑިވެލޮޕް ކުރުމުގެ އިތުރުން ސްޕެޝަލް ޕްރޮގްރާމްތަކެއްވެސް އެތަންތަނުގައި އެބަ ސެޓުކުރަން. އެގޮތުން ހިންގާ ޕްރޮގްރާމްތަަކަށް ބަލާއިރު، އަޅުގަނޑުމެންގެ މެނިފެސްޓޯ ބަލާލިއަސް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މަސައްކަތް މިކުރަނީ ކޮންމެ ކުއްޖަކީވެސް ވަށައި ޖެހޭ ތައުލީމެއް ލިބިފައި ހުރި ކުއްޖަކަށް ހެދުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް ތައުލީމު ހާސިކޮށްގެން މުޖްތަމައަށް ނިކުންނަ އިރު އެކުއްޖަކު ވާނީ، ހުލްގު ހެޔޮ، ސައްހަ އިސްލާމް ދީން މަތީގައއި ހުރި އަދި 21 ވަނަ ގަރުނުގައި ކާމިޔާބުކަމާއި އެކު ދިރިއުޅެން ބޭނުންވާނެ ތައުލީމާއި ހުނަރުތައް ލިބިފައި ހުރި ސިއްހަތު ރަނގަޅު ދުޅަހެޔޮ ކުއްޖަކަށް ކަމަށެވެ. މި ފަސް ސަރަހައްދުގައި ކަންކަން ތަރައްގީ ކުރާއިރު ކުރާނީ އެކަންކަމަށް މަގުފަހިވާގޮތަށް ކަމަށް މިނިސްޓަރ އައިޝަތު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތައުލީމީ ހަޔާތުގައި ކޮންމެ ދަރިވަރަކަށްވެސް ހުނަރެއް ދަސްކޮށްދިނުމަކީ އަމާޒެއް ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެކުނުމީހުން

    އައްޑޫގައި ތަރައްގީ ކުރާ ސަރަހައްދީ މޮޑެލް ސްކޫލަކީ އިރުޝާދިއްޔާ ސްކޫލްކަމުގައި ރޮޒައިނާ ވަނީ ފާހަގަކުރައްވާފަ. ޖުމްލަ 3 ފޭސް އަކަށް ބަހައިގެން ގެންދާ މިސްކޫލުގެ ފުރަތަމަ 2 ފޭހުގައި އޮތީ މަރަދޫފޭދޫ ސްކޫލް އަދި މަރަދޫ ސްކޫލް އެތަނަށް ބަދަލް ކުރުން. ޢެއަށްފަހު އޮތީ އެކި ކަހަލަ ޕްރޮގްރާމްތައް ކުރިޔަށްގެންދެވޭ ގޮތަށް ސްކޫލްގެ ގްރައުންޑާއި ސްޓްރަކްޗަރ ބަދަލްކުރުން. މިގޮތުން 3 ވަނަފޭސް ނިމޭއިރު، ސްވިމިން ޕޫލަކާއި މަލްޓި ޕާޕަސް އިންޑޯ ހޯލަކާއި އައުޓްޑޯ އޭރިޔާއެއް ގާއިމް ކުރެވިގެންދާނެ. ތަފާތު ޓިވެޓް ބީޓެކް ޕްރޮގްރާމްތައް ހިންގޭނެ ގާބިލްކަން މި ތަނުގައި ހުންނާނެ. މިއީ ޕްލޭނިންފޭސްގެ މީޓިންގައި ދެކެވުނު ވާހަކަތައް.

  2. އަބްދޫ

    ރާއްޖޭގެ ހުރިހާ ރަށެއްގަ މިހާރުވެސް ކުރިންވެސް ކިޔަވައިދެނީ އެއް ސިލަބަހަކަށް އެއް މުގައްރަރެއް ކަވަރު ކުރުމަށް 2021 ގަ ކިޔާފަ އޮޅުވާލަން ނޫޅޭ.

  3. ބޭކާރު

    އައްޑޫ ހިތަދޫ ސްކޫލަށް ހިންގުންތެރި ޕްރިންސިޕަލެއް ހަމަޖައްސައި ދެއްވުން އެދެމެވެ.

  4. ހުސޭނުބޭ

    5 ސަރަހައްދެއްގެ ތަޢުލީމު އަޑިޔަށް ތި ދިޔައީ! އަދި ދުވަހަކުވެސް ކަމެއް ރަގަޅުކުރެވެފައެއް ނެތް! ވީމާ އެ ބުނާ 5 ސަރަހައްދެއްގެ ރައްޔިތުން ހޭއަރާ ތިބޭތި!

  5. މިގޭ

    މުޅި އަހަރު ހޭބަލި ގެ އޮވެފައި ކީކޭ މިކިޔަނީ . ހުރިހާ ޕްރީސްކޫލް ކުދިން ރާއްޖެތެރޭގައި ނުނެރި ގޭގައި ބައިތިއްބާފައި މިކިޔަނީކީކޭ