ރާއްޖޭގެ ޓޫރިސްޓު ރިސޯޓްތަކުގައި ނަސްލީ ތަފާތު ކުރުމުގެ ސަގާފައެއް އޮންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) މިއަދު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓްގައި މުވައްޒަފަކު ކޮވިޑް-19 ޖެހިގެން ނިޔާވުމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މޯޑް ވިދާޅުވީ އެ މައްސަލައިގައި ވަނީ އެންމެ ފަރާތެއްގެ މައްސަލަ އަކަށް ވިޔަސް މިއީ ރިސޯޓްތަކުގެ ހުރިހާ މުވައްޒަފުންނާ ގުޅޭ މައްސަލައެއް ކަމަށެވެ.

މޯޑް ވިދާޅުވި ގޮތުގައި މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީ ރިސޯޓްތަކުގެ ވިޔަފާރި ފެށުނީއްސުރެން ރިސޯޓްތަކުގެ މުވައްޒަފުންގެ މެދުގައި އޮންނަ އާންމު ޝަކުވާއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމަކީ ނަސްލީ ތަފާތު ކުރުން އޮތް ގައުމެއް ނޫން. އެހެން ނަމަވެސް ރިސޯޓްތަކުގައި އެބަ އޮވޭ މި ތަފާތު ކުރުން، ކެއިން ބުއިމާއި ނިދުމުގައި ވެސް އެ ތަފާތު ކުރުން އޮވޭ،" މޯޑް ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓްގައި ހިނގި ކަންކަމުގައި ރިސޯޓްގެ މެނޭޖްމަންޓްގެ އިހުމާލެއް އޮތް ކަމަށް ބެލެވޭ ކަމަށާއި ތަހުގީގީ އިދާރާތަކުން ހިންގާ ތަހުގީގު ފުރިހަމަކޮށް މައްސަލައިގެ ސާފު މަންޒަރު ހޯދުމަށް ގޮވާލައްވާ ކަމަށް މޯޑް ވިދާޅުވިއެވެ.

"ބިދޭސީ މީހަކަށް ދިމާވި ކަމެއް ނަމަ ހުރިހާ ހިދުމަތެއް ދޭނެ، ދިވެއްސަކަށް ވީތީ އެ ކަން ނުކޮށްދިން، ކަމާ ބެހޭ އިދާރާތަކުން ވެސް އަޅާ ނުލައި އޮންނަނީ،" މޯޑް ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓުން ނިޔާވީ ދ.މާއެންބޫދޫ ދިލްބަހާރުގޭ އާދަމް ނަސީރު (60އ) އެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރިއިރު އެ ބައްޔަށް ފައްސި ވެފައި ވެސް ވެއެވެ. އޭނާ ނިޔާވުމުގައި ރިސޯޓުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ތުހުމަތު ކުރެވެއެވެ.

އާދަމް ނަސީރު ނިޔާވެފައި ވަނީ އޮކްސިޖަން ދަށްވެ، ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަތާ ހަތަރު ގަޑިއިރެއް ހާއިރު ތެރޭގައެވެ.

ކަނޑިންމައިގައި ރިސޯޓެއް ހިންގަން ދީފައިވާ ހުއްދަ ވަގުތީ ގޮތުން މިހާރު ވަނީ ބާތިލްކޮށްފައެވެ. އެއީ މައްސަލައިގެ ތަހުގީގު ނިންމެން ދެނެވެ. އެ މައްސަލަ ދަނީ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ ތިހެން ކިޔައިގެން ބޮޑުބެރުޖަހާފައި ތިތަނު ބޮޑުމީހާ މެދަށް ލައިގެން ނަށާ! ތިތާ ގިނަވާނީ ރިސޯޓުތަކުގެ ވެރިން!

    12
  2. ސޯނާ

    އަހަރެމެނައްޓަކާ ތިވަރު ބަހެއް ބުނި މީހަކުވެސް ނެތް. ހަގީގަތަކީ ވަރަށް ތަފާތުކުރޭ. ދިޔަ މީހަކަށް ނޫނީ މިދާއިރާގައި އުޅުނު މީހަކަށް ނޫނީ ނޭނގޭން

    17