ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުގައި ކޮވިޑް-19 ޖެހިގެން ނިޔާވި ދ.މާއެނބޫދޫ ދިލްބަހާރުގޭ އާދަމް ނަސީރު (60އ) އަށް އެޅި ވޭންތައް ރެކޯޑްކޮށް އެ ރިސޯޓްގެ މެނޭޖަރަށް ވެސް ފޮނުވި ކަމަށާއި މުވައްޒަފުން ނިޔާވުން މިއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

މާއެނބޫދޫ ހިމެނޭ ކުޑަހުވަދޫ ދާއިރާ މަޖިލީހުގައި ތަމްސީލް ކުރައްވާ އެމްޑީއޭގެ މެންބަރު އާމިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އާދަމް ނަސީރު ބަލި ހާލަތު ގޯސްވާތީ އެ ކަން މެނޭޖްމަންޓްގެ ސަމާލު ކަމަށް ގެނައުމަށް ރިސޯޓް މުވައްޒަފުން އެކި ގޮތަށް މަސައްކަތް ކުރި ކަމަށެވެ.

"އާދަމް ނަސީރާއެކު އެއް ކޮޓަރިއެއްގައި ނިދަމުން ދިޔަ މީހުން، އޭނާ ވޭން އަޅަމުން ދާތީވެ، އެކަމުގެ ބިރުވެރިކަން އިހުސާސް ކުރެވިގެން އެ އަޑު ރިކޯޑުކޮށް، މެނޭޖަރަށް ފޮނުވުމުން ވެސް އަޅާނުލި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވޭ. އެ އޯޑިއޯތައް އަޅުގަނޑުމެން އަތުގައި އެބަ ހުރި،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ އެ ރިސޯޓަކީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ވަސީލަތްތައް ވެސް ގާއިމް ކުރެވިފައިވާ ރިސޯޓަކަށް ވާއިރު ބަލި ހާލަތު ގޯސްވަމުން ދިޔައިރު އެ ބައްޔަށް ޓެސްޓް ނުކުރުމުންނާއި އިތުރު ފަރުވާ ކައިރި މަރުކަޒަކަށް ނުވަތަ މާލެއަށް ގެންދަން ފުރުސަތު ނުދިނުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

"އާދަމް ނަސީރުގެ ދުލުން ކޮވިޑު 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ކަމަށްވާ، ކާތަކެތީގެ ރަހަނުލުމާއި ވަސް ނުދުވާ ވާހަކަ އެތައް ފަހަރަކު ބުނެފައިވާ ކަމަށް އޭނާ އާއި އެކުގައި ވަޒީފާ އަދާކުރަމުންދިޔަ މީހުންގެ ބަހުން އެނގެން އޮތް ހިނދު އާދަމް ނަސީރުގެ ސާމްޕަލް ނަގާ، ކޮވިޑް-19 އަށް ޓޭސްޓުކޮށްދިނުމުގެ އެއްވެސް ކަމެއް ރިސޯޓު މެނޭޖްމެންޓުން ކޮށްފައިނުވާ ކަމާއި، ނަމަވެސް އާދަމް ނަސީރު ނިޔާވެ، ޖަނާޒާ ނިމުނު ފަހުން އާދަމް ނަސީރު ކޮވިޑަށް ފައްސިވެފައިވާ ކަން ދ. އަތޮޅު ހޮސްޕިޓަލުން ވަނީ ރިޕޯޓުކޮށްފައި" އާމިރު ވިދާޅުވިއެވެ.

އާދަމް ނަސީރު ނިޔާވެފައި ވަނީ އޮކްސިޖަން ދަށްވެ، ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަތާ ހަތަރު ގަޑިއިރެއް ހާއިރު ތެރޭގައެވެ.

މި މައްސަލާގައި ކަނޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލްކޮށްފައިވެއެވެ. އެއީ މައްސަލައިގެ ތަހުގީގު ނިންމެން ދެނެވެ. އެ މައްސަލަ ދަނީ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ އެންމެ މުއައްޒަފެއްގެ ވޭނުގެ އަޑެއްނޫން! ގިނަ މުޢައްޒަފުން އުޅޭނީ ވޭންއަޅާތީ! އެކަމަކު ޤާސިމްބޭމެން ސާވިސްޗާޖު ލާރިކޮޅު ކާލާފައި ޅަ އަންހެންކުދިންނާ އިންނަމުން ދުވަނީ! ހާދަ ހާލަކުޔޭ ރިސޯޓްތަކުގައި ގިނަ މުއައްޒަފުން އުޅެނީ!

    43
  2. ދެރަވަރު

    ރިޝްވަތުން އަވަހަށް މައްސަލަ އޮއްބާލަ

    30
  3. ސަފަރު ކައްދަގެ ތިއްތިބެ

    މިއީ ހިންދީ ޑްރާމާއެއްތަ؟ އެޅިވޭނުނެ އަޑު ރިކޯޑް ކޮށްފައި ބަލިމީހާ ފަކީރު ނިޔާވުމުން ބޮސްއަށް ފޮނުވަނީ؟؟ އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނު ނަގަހައްޓާ! ފަގީރަކަށްވީމަ ރިސޯޓު މެނޭޖަރު އިހުމާލު ނުވާނެކަމަށް ނިންމިގެން ނުވާނެ. "އިން - ސާފު" މިއީ މިބަހުގެ ސްޕެލިންގ ކިޔޭނެ ގޮތެއްނޫން.

  4. ބީރުމީހާ

    މައިމޫނާ ވަނީ ވިކި ހުސްވެފަ ރަށްތަކުގެ ނިކަމެތިން ތަފާތުކުރުމުގައި