އަންނަ އާދީއްތަ ދުވަހުން ފެށިގެން އަތޮޅުތެރޭ ޕްރީސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ކުރި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ، މިހިނގާ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް އެ މިނިސްޓްރީ އިން ނިންމާފައިވާކަމަށެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ޕްރީސްކޫލް ކުދިންގެ ކިޔެވުން މެދުކަނޑާލައިފައި ވަނީ މިދިޔަ މާޗް މަހުން ފެށިގެންންނެވެ. އޭގެ ފަހުން ޕްރީ ސްކޫލްތަކުން ކިޔަވުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އަތޮޅުތެރޭގެ ސްކޫލްތަކުގައި މިހާރު އަންނަނީ ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވައިދެމުންނެވެ. މާލޭ ސްކޫލްތަކުގައި މިހާރު އަންނަނީ ގްރޭޑް 7 ކުން ފެށިގެން 12 އަށް ކިޔަވައިދެމުންނެވެ.

އިތުރު ހުރިހާ ގްރޭޑްތަކަކަށްވެެސް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށް ޒޫމް އަދިި ޓެލިކްލާސް މެދުވެރިކޮށެވެ. މިއަހަރުގެ ފުރަތަމަ ޓާމު ކިޔެވުން ނިމޭނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އެއަށްފަހު އަންނަ އަހަރުގެ ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން ދެވަނަ ޓާމު ފަށާނެ އެވެ.

ދިރާސީ އާ އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހު އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކާއި އެއްފަދައިން އެންމެ ބޮޑު އަސަރެއް ރާއްޖޭގައި ވެސް ކުރި އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ.

ކިޔުންތެރިންގެ ހިޔާލު