އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ ތޫފާނަކަށް ދިވެހި ނަމެއް ދީފިއެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ "މެކުނު" އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ "މެޓް އޮފީސް" އިން ވިދާޅުވެފައިވާ ގޮތުގައި މި ނަމަކީ މި ސަރަޙައްދުގައި އުފެދޭ ތޫފާންތަކަށް ނަން ދިނުމުގެ މިންގަނޑަށް ރާއްޖެއިން ހުށަހަޅާފައިވާ ނަމެކެވެ.

"މިތޫފާނަށް ދެވިފައިވާ ނަމަކީ، މި ސަރަޙައްދުގައި އުފެދޭ ތޫފާނުތަކަށް ނަންދިނުމުގެ މިންގަނޑަށް ރާއްޖޭއިން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިން 'މެކުނު' އެވެ."- މެޓް އޮފީހުން މިއަދު ނެރުއްވި މޫސުމާބެހޭ ޚަބަރުގައި ވިދާޅުވެފައިވެއެވެ.

މި މިންގަނޑުން، މޫސުމީ ގޮތުން މި ސަރަޙައްދުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން، ކޮންމެ ޤައުމަކުންވެސް، ނަން ތަކެއް ހުށަހަޅައެވެ. މި ނަންތައް، ހުންނަނީ ކުރިއާލާ ހުށަހަޅާފައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

މެކުނުގެ ނަމުން މި ތޫފާނަށް ނަން ދީފައިވާއިރު، މެކުނަކީ ދިވެހިންނަށް އެހާ ނުފަރިތަ ނަމެއް ނޫނެވެ. މެކުނަކީ ރަށްރަށުގެ ފަޅުތެރޭގައި އުޅޭ ފަރުމަހަކަށް ކިޔައި އުޅޭ ނަމެކެވެ. މި މަހަކީ ގިނައިން ފުމެއުޅޭ މަހެކެވެ.

މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި މި ތޫފާން އުފެދިފައިވަނީ އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑެއް ބާރުގަދަވުމުގެ ސަބަބުންނެވެ. އަދި، މި ކޮޅިގަނޑު ބާރުގަދަވެފައިވަނީ މި މަހުގެ 22 ވީ އަންގާރަ ދުވަހުކަމަށްވެސް އެއޮފީހުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެކުރިންވެސް، މި ސަރަޙައްދުގައި އުފެދުނު ތޫފާނުތަކަށް ދިވެހި ނަންތައް ދީފައިވެއެވެ. އެގޮތުން، ބަންގާޅު ކަނޑުގައި އުފެދުނު ތޫފާނަކަށް 'ރޯނު'ގެ ނަމުން ނަން ދީފައިވެއެވެ.