ރާއްޖެއަށް ބާނާ ހުރިހާ މަހެއްވެސް ވެލިއު އެޑެޑް އުފެއްދުންތަކުގެ ގޮތުގައި އެކްސްޕޯޓް ކުރުން އެއީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަމަށް އިންވެސްޓްމެންޓެއް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޔަތް އަންނަ އަހަރު ކުރިއަރުވަން އަމާޒު ހިފާފައިވާ ކަމަށާއި އެކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން އެކަމުގެ މަސައްކަތުގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ދެތިން ހަތަރު ލަނޑުދަނޑިއެއް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ހާސިލު ކުރުމަށް ފިޝަރީޒް މިނިސްޓްރީއާއެކު އެކަމާ ބެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަދި އޭގެ އެއް މަސައްކަތަކީ މަސްވެރިކަމުގެ އުފެއްދުންތަކަށް ވެލިއު އެޑްކުރުމުގެ ގާބިލުކަން ރާއްޖޭގައި އިތުރު ކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ބާނާ މަސް ދަނީ ރޯ ފޯމްގައި ވަރަށް ކުޑަ އަގެއްގައި ނޫނީ ގެއްލުމުގައި ކަމަށާއި އެބޭފުޅުން ބެލި ބެލުމުން އެކަން ރަނގަޅުކުރެވޭނީ ސްޓޯރޭޖް ކެޕޭސިޓީ ވަރުގަދަކޮށް ވެލިއު އެޑިޝަން ގެނެސްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ މިފްކޯގެ ފެލިވަރު ކޭނިން ކެޕޭސިޓީއަށް އިންވެސްޓް ކުރުން،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ގާތްގަނޑަަކަށް 30 މިލިޔަން ޑޮލަރު (462.6 މިލިޔަން ރުފިޔާ) އެކަމަށް އިންވެސްޓް ކުރުމުން ރާއްޖޭގައި ބާނާ ހުރިހާ މަހަކީ ވެލިއު އެޑެޑް އުފެއްދުންތަކަށް ހެދޭނެ ކަމަށާއި އެގޮތަށް މަސައްކަތް ކުރުމުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    މިހާރު ކޮބާ ވައުދުވި މަސްކިރާ ޕުލެޓުފޯމް؟ އޮޔާދިއައީތޯ...

  2. އަބްދޫ

    ބޯޓްފަހަރުގަ ރޯމަސް ގަނޑުކުރުން ދޫކޮށްލުމަށްފަހު ކޫއްޑުގަޔާ ފެލިވަރުގަ މިހާރުގެ 3 ގުނަ ސްޓޯރޭޖް ހަދާ އަވިން ކަރަންޓް އުފައްދައިގެން ސްޓޯރޭޖް ފިނިކުރާނިޒާމް ގާއިމު ކުރެވިއްޖެނަމަ ހަރަދު ކުޑަވެގެންދާނެ.މަސްގަތުމަށް ކަލެކްޓްވެސްލް ހުއްޓަސް މަދަރ ވެސަލް ގެންގުލުމުގާ ތެލުގެހަރަދާ މަރާމާތު ހަރަދު ކުޑަ ނިޒާމަކަށް ބޭނުންވޭ.ބޮޑަށް ރަނގަޅީ މަދަރވެސަލް ބަދަލުގަ އެކަށީގެންވާ މިންވަރުގެ ސްޓޯރޭޖް ތައް ގާއިމްކުރުން.އަދި އަވިން ލިބޭހަކަތައިންގަނޑުކުރެވޭފަދަ ނިޒާމް ތައް ގާއިމްކުރުން އަދި އިމަޖެންސީ ޖަނެރޭޓަރު ގެންގުޅުން.މިހާތަނަށް ފެނިފައޮތީ ތައިލެންޑް ގަ މަސްގަންނަނީ ދިވެހިބަޔަކު ބައިވެރިވާކުންފުންޏަކުން ކަން.އެމީހުން ނަމުގައެމީހުންމަސް ގަންނަނީ.މަސްޓްރެކްތަކަށް އަރުވައިގެން ގަންނަފަރާތަށްފޯރުކޮށްދިނުމުގާ އެކްސްޕޯޓް ކުރާއަދަދަށް ހަމަނުވާ މައްސަލަވެސް އެބައޮތް މިހުރިހާކަމަކަށް ވިސްނަންޖެހޭ.

  3. ކޮވިޑް

    ހެޔެނުވާނެ ކިންބޫ ކިހިނެއް ދޯ ތި ހުރިހާ ލާރި އެއް އަހަރެމެން ގެންގުލޭނީ؟ ކިނަބޫ ވެރިކަމަށް އައިފަހުން ޑޮލަރު އަޅާ އަޅާ އަހަރެންގެ ޖީބުތައް ފުރި ބަންޑުން ވަނީ.،،،،، ތިކަން އިހައް މަޑުޖައްސާލާފަ ކޮންމެ މަސް ވެރިޔަކަށް ތިޖޫރީ އެއް ދެއްވާ އާދޭސް ކޮށްފަ ރުފިޔާ އެއްނޫން ޑޮލަރު ، ޑޮލަރު ، އޭ ކިންބޫ ތިޖޫރީ ބޭނުން ވަނީ " އިންޑީޔާ އައުޓް "

    3
    1