އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުންވެސް މީހުން އަންނަ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި، ހޮސްޕިޓަލުގެ ކައިރި ޞަރަޙައްދުތަކުގައި އެހެން އަތޮޅުތަކުން އަންނަ ފަރާތްތަކަށް ޚާއްޞަ ކޮށްގެން އެކޮމޮޑޭޝަން ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ކޮށްފައިވަނީ އޭއީއެޗްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސާދިގާއި އޭއީއެޗްގެ ސީއީއޯ، މުހައްމަދު ސޯލިހުގެ އިތުރުން އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އަވަށު އޮފީސްތަކުގެ އިސްވެރިންނާއި، އޭއީއެޗްގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައި އެފަރާތުން ވަނީ ގިނަ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ސޯލިހު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އޭއީއެޗްއަކީ ރަނގަޅު ފެންވަރެއްގެ ޓާޝަރީ ކެއާ ހޮސްޕިޓަލަކަށް ހެދުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ކަމަށެވެ.

އޭއީއެޗްގައި މިވަގުތު އެކަށީގެންވާ މިންވަރަށް ޑޮކްޓަރުން ނެތްކަން ފާހަގަކުރައްވައި ޑރ. ސޯލިހު ވިދާޅުވީ ހޮސްޕިޓަލަށް އިތުރު ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށާއި ރާއްޖޭގެ އެހެން ހިސާބުތަކުންނާއި ބޭރު ގައުމުތަކުންވެސް އެ ހޮސްޕިޓަލަށް ރަނގަޅު ޑޮކްޓަރުން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންގެ ތެރެއިން އެކަށީގެންވާ ފެންވަރު ނެތް ޑޮކްޓަރުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޑރ. ސޯލިހު ވިދާޅުވިއެވެ.

ޑރ. ސޯލިހު ވިދާޅުވީ އެ މަސައްކަތަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހަމައެއާއެކު އޭއީއެޗްގެ މުޅި އިދާރީ އޮނިގަނޑު ބަދަލުކޮށް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އޭއީއެޗް އަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހިލޭ ގުޅޭ ހަތަރު ނަންބަރުގެ ހާއްސަ ފޯނު ނަންބަރެއްވެސް ތައާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތަކަކީވެސް އޭއީއެޗްގެ ބައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހޮސްޕިޓަލުގެ ޑޮކްޓަރުން ތާވަލްކޮށްގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ބެއްލެވުމަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށްވެސް ޑރ. ސޯލިހް ވިދާޅުވިއެވެ.

އަދި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ލޭ ޓެސްޓު ހެދުމަށް މިހާރު އޭއީއެޗް އަށް ދާން ނުޖެހޭނެ ކަމަށާއި، ސާމްޕަލް ނެގުމަށްފަހު ފެރީ އިން ފޭދޫ އަށް ފޮނުވުމުން، ފޭދޫ ސިއްހީ މަރުކަޒުގެ ސާމްޕަލްތަކާއެކު އެ ސާމްޕަލްތައް އޭއީއެޗް އަށް ފޮނުވި، ސާމްޕަލް ނަގާ ދުވަހު ޓެސްޓުގެ ނަތީޖާ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ޑރ. ސޯލިހު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު، ސޯދިގު ވިދާޅުވީ އޭއީއެޗް އާއި އައްޑޫ ސިޓީން ލިބެން ހުންނަ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ޕަބްލިކް ހެލްތުގެ ބައެއް މަސްއޫލިއްޔަތުތައް ކައުންސިލާވެސް ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، އޭއީއެޗް އާއެކު ޕަބްލިކް ހެލްތުގެ ދާއިރާއިން އެކިއެކި ޕްރޮގްރާމްތައް އާންމުންނަށް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އައްޑޫ ލެއި

  އިންތިހާބެއް ބޯމަތި ވެގެން އުޅޭހެން އެބަ ހީވޭ.

  17
 2. ހުސޭނުބޭ

  ކޯރުތެރޭގަ ކޮޓަރިހަދަން ފެންނަނީ އޭރުން ބަލިމީހުން ހިތްހަމަެހިގެން ބަލިން ރަގަޅުވާލެއް އަވަސްވާނެ.

  7
  1
  • ކެސް ތަނެއް

   މިތާކު ކޯރެއް ނުއޮވޭ. ކިޅި ކިޔާ އެއްޗެއް އޮންނަނީ.

 3. ކިންގް

  ވޯޓެއް ނުލިބޭނެ ސާލިހް ރޮއްވާލާނަން މިފަހަ ރު .އިންޝާﷲ

  13
 4. ރަދީފް

  ''އަދި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ލޭ ޓެސްޓު ހެދުމަށް މިހާރު އޭއީއެޗް އަށް ދާން ނުޖެހޭނެ ކަމަށާއި، ސާމްޕަލް ނެގުމަށްފަހު ފެރީ އިން ފޭދޫ އަށް ފޮނުވުމުން، ފޭދޫ ސިއްހީ މަރުކަޒުގެ ސާމްޕަލްތަކާއެކު އެ ސާމްޕަލްތައް އޭއީއެޗް އަށް ފޮނުވި، ސާމްޕަލް ނަގާ ދުވަހު ޓެސްޓުގެ ނަތީޖާ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ޑރ. ސޯލިހު ވިދާޅުވިއެވެ.'' މީތީ ހައްގު މިންވަރަކީ؟؟؟ ވ.ވެދުން

 5. ވެރިން

  ހޮސްޕިޓާކާ ރީގެ ނެތް ހުސްއެއްމެ ތަންކޮޅެއްވެސް ކައުންސިލުން އޮތީ އެހިސާބު އެއްކޮށް ގާތްމީހުނަށް ވިއްކާ ހުސްކޮއްފަ

 6. Abdulla

  Addu hospital,addu flying school,addu air port,addu faahaa holhi addu ma's fractory,addu power house,addu resorts hehehe 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

 7. ދޮންތުއްތު

  ހޭބަލި ނުވެ ތިބިތާކު ތިބެ ބަލަ. ކަލޭމެނަށް ތިއުޅެނީ ހިތަދުގެ ރައްޔިތުންނަށް އެކަނި ޚިދުމަށް ނުދެވިގެން. އެކަމަކު މިހާރު އެހެނިހެން ރަށް ރަށުން އަންނަ މީހުނަށް މެޑިކަލްގެ ކަންތައް ހަމަޖައްސަ ދިނުމަށް ފަހު ހޮސޕިޓަލުގެ ކާރި ތަންތަނުން ފެންވަރުގެ ގެސްޓަހައުސް ހަދާ ދީ އެތަނުގައި ނިދުމާއި ކެއުމާއި ސައި އަދި ދުފުން ހޮސްޕިޓަލުގެ ފަރާތުން ސާލިހު ހަމަޖައްސަ ދިނުމަށް މަޝްވަރާ ކުރިވާހަކަ ފަލަ ސުރުޙީ އަށް ތި އެރުވީ. އައްޑޫ ރައްޔިތުން ގަމާރު ބަޔަކަށް ހެދިޔަސް ތަންކޮޅެއް ބޮޑުވަރު. މަށަށް ފެންނަ ގޮތަކީ ތިޔަ ހޮސްޕިޓަލުން ބޭސްފަރުވާއެއް ނުކުރެވުނަސް ތިތަނަށް އަންނަ ރައްރަށުގެ މީހުންގެ އަންނަ އޮނު ދޮތުމަށް ފެންވަރުގެ ލޯންޑްރީއަކާއި، މުނިފޫހިފިލުާނެ ބޮޑު ޕާކަކާއި، ހިތްގައިމު ބީޗަކާއި، ފައިވް ސްޓާ ޕްލަސް ރިސޯޓަކާއި، ހަމައިގައި ނުތިބެން ބޭނުން މީހުނަށް ޑިސްކޯ ބާރ އަކާއި، ޖާބިރު އެބުނާ ވައްތަރުގެ ކެސިނޯއަކާއި އަދި ނުވިތާކަށް ހުޅުދޫ މީދޫ ފުވައްމުލަކުން ތިޔަ ހޮސްޕިޓަލަށް އަންނަ މީހުނަށް ސިދާ އެމީހެއްގެ ގެއިން ހޮސްޕިޓަލުގެ ޚިދުމަތްދޭ ކައުންޓަރާ ހިސާބަށް އާދެވޭނެހެން ކޭބަލް ކާރުވެސް އަޅައިދޭން މަޝްވަރާ އެއް ކޮއްލަން. ސާބަސް ދޮންކަލޯ ތިކުރާ ހިތްވަރަށް. ތި ހޮސްޕިޓަލުގެ ވަށައިގެން ތިބި ބިންތައް 1900 ގެ އަހަރުން ފެށިގެން ރައްޔިތުންނަށް ނަމްބަރު ދޫކޮށް އެއްސަރުކާނުން ވޯޓަށް 3 ދުވަހަށް ވެފަ ހުއްޓާ ވަގުތީ ރަޖިސްޓްރީ ހަދާދީ ޢިމާރާތް ކުރަން ބުނެފަ އޮވެ މިސަރުކާނުން ލޭންޑްޔޯޒް ޕްލޭނެއް ނެހެދިގެން އުޅޭތާ އެތައްޒަމާނެއް ވެފަ ހުއްޓާ މިހާރު މިފެންނަނީ ބޮޑެތި ހިނި ތަކެއް އެތަންތަނުން ފާޅުވެ ވަޒަންވެރިވިތަން. ލޭންޑް ޔޫޒް ޕްލޭން އޮތީ ކޮންތާކު ކަންވެސް ނެއެގޭ، އެފެންވަރުގެ ބަޔަކާއި މަޝްވަރާ ކޮށްފިމޭ ބުނީމަ އަދިވެސް އައްޑޫގެ ރައްޔިތުން ތިބެންވީ އަތްޖަހަން.