ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފުގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރު މަހްލޫފުގެ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ މައްސަލައިން ސަސްޕެންޑު ކުރުމަކީ ލުއި އަދަބެއް ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވެއްޖެއެވެ.

ނާޒިމް ސައްތާރު ސަސްޕެންޑުކޮށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަހްލޫފްގެ މައްޗަށް އުފުލާފައިވާ ހިނގާފައިނުވާކަމެއް ހިނގައިފިކަމުގެ މައުލޫމާތު ޤާނޫނު ތަންފިޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ މައްސައާއި ގުޅިގެން 23 އޭޕްރިލް 2018 ވަނަ ދުވަހުގެ 10:00 އަށް ތަވާލް ކުރި މައްސަލައިގައި މަހްލޫފްގެ ވަކީލެއްގެ ހައިސިއްޔަތުން ނާޒިމް ހާޒިރުވެ އެދުވަހުގެ ޝަރީޢަތުގެ މަޖިލިހަށް ފަހު ނާޒިމްގެ ނަމުގައި ހުޅުވާފައި އޮންނަ ޓްވީޓާ އެކައުންޓުން 13:46 ހާއިރު "މިއަދު އެނގުނީ މަދަނީ މިންގަނޑުން ދައުވާ ކޯޓަށް ބަލައި ގަތުމަކީ އަ** ހަނދާންކުރުން" ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ ކަމަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް މަހުލޫފުގެ އެ މައްސަލައިގެ އަޑުއެހުމުގައި ގާޒީ ބަދަލު ކުރުމަށް އެދި މަހުލޫފު ކްރިމިިނަލް ކޯޓަށް ހުށަހެޅި ސިޓީ މީޑިއާ އާއި ހިއްސާ ކުރުމުން އެ ސިޓީގައިވާ ކަންކަމާއި ބެހޭގޮތުން ގާޒީ ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ ސިޓީގައި މަހްލޫފުގެ ވަކީލު ނާޒިމް ސަސްޕެންޑު ކުރި ކަން ފާހަގަ ކޮށްފައި އޮތުމުން ގާޒި ވިދާޅުވީ ނާޒިމް އަށް ދިނީ ލުއި އަދަބެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ނާޒިމް ކޯޓުގު ހުރުމަތް ކަނޑާލި އިރު ހަގީގަތުގައި އެކަމަށް އޮންނަ އަދަބަކީ 15 ދުވަހަށް ބަންދު ކުރުން ކަން ފާހަގަ ކުރެއްވިއެވެ. އަދި ނާޒިމް ހަމަ އެކަނި ސަސްޕެންޑު ކޮށްފައި ވަނީ އެންމެ މައްސަލައަކުން ކަން ވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

މަހުލޫފުގެ ސިޓީގައިވާ ވާހަކަތަކުން މިމައްސަލައާއި މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދި، ސޯޝަލް މީޑިއާ މެދުވެރިކޮށް މިމައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާތީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ 3 އަދި 16 ވަނަ ނަމްބަރުގެ ދަށުން އެކުރެވުނީ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެން ކަމުން އެކަމަށް މައާފަށް އެދިވަޑައިގެން އެކަން ތަކުރާރު ނުކުރެއްވުމަށް ގާޒީ ވަނީ މަހުލޫފަށް ފުރުސަތު ދެއްވާފައެވެ. މަހުލޫފު ވަނީ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.

އިދިކޮޅު ގިނަ އެކްޓިވިސްޓުންގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ނާޒިމް މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ސަސްޕެންޑު ކޮށްފައިވެއެވެ.