އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ބޭފުޅުންނާ ދެކޮޅަށް ސިއްރުން ހެކިބަސް ދީފައިވާ ދެ ގާޒީންނަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ގާޒީންތަކެއް ކަމަށާއި، މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެކަށީގެންވާ ހެކި ނެތިކަމަށް، ދެ ފަނޑިޔާރުންގެ ވަކީލުން ހައިކޯޓުގައި ވިދާޅުވެއްޖެ އެވެ.

ދެ ފަނޑިޔާރުންގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ، ގާޒީންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައެވެ.

ދެ ބޭފުޅުންގެ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށް ގެންދެވީ ވަކިވަކިންނެވެ. އެގޮތުން ފުރަތަމަ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ ޝަރީއަތް ގެންދެވިއިރު، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ ޝަރީއަތް ގެންދެވީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ނިމުމުންނެވެ. ވަކިން ޝަރީއަތް ގެންދެވި ނަމަވެސް ދެ ފަނޑިޔާރުންގެ ފަރާތުންވެސް ހުށަހެޅުއްވީ އެއް ކަންތައްތަކެކެވެ. އެގޮތުން ދަށު ކޯޓުގެ ޝަރީއަތް ޤާނޫނާ ހިލާފުކަމަށް ބުނެ 15 ކަމެއް ވަކީލުން ހުށަހެޅިއެވެ.

ދެބޭފުޅުންގެ ވަކީލުންވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދަށު ކޯޓުގައި ސިއްރުން ހެކިބަސް ދިން ދެ މީހުންނަކީ ދަށު ކޯޓުގެ ދެ ގާޒީންކަން އެ ހެކިންގެ ހެކިބަހުން އެނގޭ ކަމަށާއި، އެ ގާޒީންނަކީ މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތައް ކަމަށްވާއިރު، އެ ހެކިވެރިންގެ ހެކިބަހަށް އެކަނި ރިއާޔަތް ކުރުމަށްފަހު މައްސަލަ ސާބިތުވާކަމަށް ހުކުމް ނީއްވޭނެ ކަމަށެވެ. މި މައްސަލައިގައި ދަށު ކޯޓުން އަމަލު ކުރައްވާފައިވަނީ މިފަދަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތަކާމެދު މީގެ ކުރިން ހައި ކޯޓުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

ވަކީލުން ވިދާޅުވީ، ދެ ފަނޑިޔާރުން ގާޒީންނަށް ނުފޫޒު ފޯރުވާފައި ނުވާކަމަށްވެސް ސިއްރުން ހެކިބަސް ދިން އެކަކު ބުނެފައިވާ ކަމަށާއި، ނަމަވެސް ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ އެ ހެކިވެރިޔާ ތަހްޤީގަށް ދީފައިވ ބަޔާނަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. އެ ހެކިވެރިޔާގެ ބަޔާނުގައިވާ ބައެއް ކަންކަން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ދޮގު ކޮށްފައިވާއިރު، އަދި އެ ބަޔާނަކީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ނުވާ އެއްޗަކަށްވާއިރު އެގޮތަށް އަމަލު ނުކުރެވޭނެކަމަށް ވަކީލުން ވިދާޅުވިއެވެ.

ގާޒީންނަށް ނުފޫޒު ފޯރުވުމަކީ ޖިނާއީ ކުށެއް ނަމަވެސް، އެ މައްސަލަ ހުށަހެޅިޔަސް ކުރިއަށް ނުދާނެކަން އެނގޭތީ ކަމަށްބުނެ، ދެ ގާޒީން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް އިދާރާއަކަށް މީގެ ކުރިން ހުށަހެޅުމެއްނެތި، މިހާރު އެ މައްސަލައިގައި ބަޔާން ދިނުމުން ހެކިވެރިންގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

މި މައްސަލައިގައި ހެކިބަސް ދިން މީހުން ދައްކާފައިހުރި ބައެއް ވާހަކަތަކަކީ އިތުރަށް ކަށަވަރު ކުރެވޭނެ ކަނަކަމަށް ވީ ނަމަވެސް ދައުލަތާއި ފުލުހުންވެސް އެކަންކަން އިތުރަށް ޔަޤީންކޮށްފައި ނުވާކަންވެސް ދެ ފަނޑިޔާރުންގެ ވަކީލުން ފާހަގަ ކުރިއެވެ. އެގޮތުން ސިއްރު ހެކިވެރިޔަކު (ގާޒީއެއް) ބެލި މައްސަލައަކާ ގުޅިގެން ހެކިވެރިޔާ ސުޕްރީމް ކޯޓަށް ގެންގޮސް އެ މައްސަލާގެ ހުކުމް ފަނޑިޔާރު އަލީ ހަމީދު ބޭނުންވި ގޮތަށް ބަދަލުކުރި ކަމަށާއި، އެކަން އެގޮތަށް ކުރަނީ އުއްތަމަ ފަނޑިޔާރު ވެސް އެގޮތަށް ބޭނުންވާތީ ކަމަށް އަލީ ހަމީދު އެ ހެކިވެރިޔާ ގާތު ވިދާޅުވި ކަމަށް ހެކިވެރިޔާ ބުނެފައި ވީނަމަވެސް އެކަން އުއްތަމަ ފަނޑިޔާރުގެ ފަރާތުން ކަށަވަރު ކޮށްފައި ނުވުން ފާހަގަކުރިއެވެ.

މި މައްސަލައިގައި ސިއްރުން ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހަށް އެކަނި ބަލައި މައްސަލަ ސާބިތު ނުކުރެވޭނެއިރު، ދައުލަތުން ހުށަހެޅި ކިތާބީ ހެއްކަކީ ހެކިންގެ ހެކިބަހަށް ބާރުލިބޭބ ހެކިކަމަށް ބުނި ނަމަވެސް، ސިއްރުން ހެކިބަސްދިން މީހުން ކިތާބީ ހެއްކާ ގުޅޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވާތީ ކިތާބީ ހެއްކަށް ބެލެން ނެތް ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ. މީގެ އިތުރުން ސިއްރު ކޮށްފައިވާ ހެކި ސިއްރު ކޮށްފައިވަނީ ޤާނޫނުގައި ބުނާފަދަ ކޯޓު އަމުރެއްވެސް ނެތިކަމަށް ވަކީލުން ވިދާޅުވިއެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލިއިރު، އެ ފަނޑިޔާރުން ނުފޫޒު ފޯރުވި ވަގުތާއި ތަން ބަޔާން ކޮށްފައި ނެތް ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ. ކުށުގެ އަމަލު ހިންގި ތަނާއި ވަގުތު ދައުވާގައި ބަޔާން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި އެ މައްސަލާގައި އެގޮތަށް ދައުވާގައި ބަޔާން ކޮށްފައި ނެތުމުން މުހިންމު ދިފާއުއެއް ނެގުމުގެ ފުރުސަތު އެ ދެ ފަނޑިޔާރުންނަށް ގެއްލިފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. އެގޮތުން ކުށުގެ އަމަލު ހިންގި ވަގުތު އަތަނުގެއް ނެތްކަމުގެ ދިފާއު ނެގުމުގެ ފުރުޞަތު ގެއްލިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ދައުވާ ދެ ފަނޑިޔާރުންގެ މައްޗަށް އުފުލިއިރު، ކުށުގެ އުންސުރުތައްވެސް ފުރިހަމަ ނުވާ ކަމަށާއި، ދައުވާ ފޯމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ނޫން ފަރާތަކުން ސޮއި ކޮށްފައިވާއިރު، ދައުވާ ފޯމްގައި ސޮއި ކޮށްފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލް ހުއްދަ ދެއްވާފައިވާ ފަރާތެއް ކަން ކަނޑައެޅިގެން އެނގެން ނެތް ކަމަށްވެސް ވަކީލުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މި ދައުވާގެ ޝަރީއަތް ކްރުމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ޖިނާއީނ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ މުއްދަތުތައް ދިނުމެއް ނެތިކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

ދެ ފަނޑިޔާރުންގެ ފަރާތުންވެސް 15 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ވަކި ވަކިން ކުރިއަށް ގެންދިޔަ ދެ އަޑު އެހުމުގައިވެސް ވަގުތު ހަމަވިއިރު، ހުރިހާ ނުކުތާއަކަށް ތަފްސީލުކޮށް ވާހަކަ ދެއްކުމަށް ފުރުޞަތު ދެވިފައެއް ނުވެއެވެ. އެހެންކަމުން ދެން އަޑު އެހުމެއް އޮންނަ ދުވަހަކުން ތަފްސީލު ނުކުރެވޭ ނުކުތާ ތަކަށް ތަފްސީލުކޮށް ވާހަކަ ދެއްކުމަށް ވަކީލުންނަށް ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ދެ ފަނޑިޔާރުންގެ ހުށަހެޅުންތަކަށް ދައުލަތުން ވީ އެންމެ އަވަހަކަށް ޖަވާބު ހުށަހެޅުމަށްވެސް ޝަރީއަތުން ދައުލަތަށް އެންގެވިއެވެ.

މި މައްސަލައިގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ދެ ފަނޑިޔާރުންނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މަރުހަލާ ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ ދެ ފަނޑިޔާރުންގެ މަޤާމު އޮޓޮމެޓިކުން ގެއްލޭނެއެވެ.

މީގެ އިތުރުން ސްޕްރީމް ކޯޓުގެ ޖެމްސް ހުއްޓުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ހަތަރު މަހާއި ސައްވީސް ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައިވެއެވެ. އެ މައްސަލަވެސް އިސްތިއުނާފަށް ހުށަހަޅާފައިވީ ނަމަވެސް އަޑުއެހުންތައް އަދި ނުފަށައެވެ.

ދެ ފަނޑިޔާރުންގެ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މައްސަލައިގެ އިސްތިއުނާފު މައްސަލަގެ ރިޔާސަތު އިސް ފަނޑިޔާރު އަބްދުﷲ ދީދީ ބަލަހައްޓަވަމުންދާއިރު، ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނެނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.