ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް މުޒާހަރާއެއްގެ ބައިވެރިންނަށް މާސްކް ބެހި ރޭ އޭނާ ހައްޔަރު ކުރީ ފުލުހުން ދުރާލާ ރާވައިގެން ކަމަށް މަހުލޫފު ތުހުމަތު ކުރައްވައިފިއެވެ.

މާސްކް ބެހި މައްސަލައިގައި މަހުލޫފުގެ މައްޗަށް ކޮށްފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެވެ. މަޙްލޫފުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، 2018 ފެބުރުވަރީ 22 ވަނަ ދުވަހުގެ ރޭ، ބޮޑުތަކުރުފާނުމަގު އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރި މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަކުރާރުކޮށް އެންގުމުންވެސް އެ ސަރަހައްދު ދޫކޮށް ނުގޮސް، އެ ސަރަހައްދުގެ ޢާއްމު ޓްރެފިކަށް ބުރޫ އަރާގޮތަށް، އެ ސަރަހައްދުގައި ތިބި މީހުން ދުރަށް ނުގޮސް ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން "މާސްކް" ތަކެއް ބަހައި، ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅާފައިވާކަމަށް ބުނެއެވެ.

މި މައްސަލައިގައި މިއަދަށް ތާވަލު ކުރި އިބްތިދާއީ އަޑުއެހުމުގައި ވާހަކަ ދައްކަމުން މަހުލޫފު ވިދާޅުވީ އޭނާ ހައްޔަރު ކުރި ރޭ އެމްޑީޕީ ހަރުގެއަށް ދިޔަ މަގުމަތީގައި އޭނާ ހައްޔަރު ކުރަން އުޅޭ ވާހަކަ ފުލުހަކު އޭނާގެ ގާތުގައި ބުނި ކަމަށެވެ. އެހެން ކަމުން އޭނާ އެތަނަށް ދިޔައީ ވޮލެޓާއި ގަޑިއާއި ހުރިހާއެއްޗެއް ބަހައްޓާފައި ހަމައެކަނި ސިނގިރޭޓު ފޮއްޓަކާއި ލައިޓަރަކާއެކު ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެ ފުލުސް މީހާ އޭނާގެ ގާތުގައި ބުނި ގޮތައް އެތަނަށް ދިޔަތާ 10 މިނެޓު ތެރޭގައި އޭނާ ހައްޔަރު ކުރި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަރުގެއަށް ދިއުމުގެ ކުރިން އެތަނަށް ދާން އުޅޭކަން ޓްވީޓު ކުރި ކަމަށެވެ. އެހެން ކަމުން ކޯޓު އަމުރަކާއެކު އޭނާ ހައްޔަރު ނުކުރީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.

މާސްކް ބެހީ ކީއްކުރަންތޯ ގާޒީ ސުވާލު ކުރުމުން މަހުލޫފު ވިދާޅުވީ މާސްކު ބެހީ ފުލުހުން އެކަށީގެން ނުވާ ވަރަށް ބާރު ބޭނުން ކޮށް މުޒާހަރާގެ ބައިވެރިންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހާތީ އެމީހުން ލޯ ރައްކާތެރި ކުރުމުގެ ގޮތުން ކަމަށެވެ. އަދި ޕެޕާ ސްޕްރޭ ތައްޔާރު ކުރަން ޖެހޭ ގޮތާއި ހިލާފަށް ފުލުހުން އެތަކެތި ތައްޔާރު ކުރާކަން ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓަކުން އެނގެން އޮންނަ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫވު ވިދާޅުވީ އޭނާ އާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުރުން އެހެން އެކްޓިވިސްޓުން ވެސް މާސްކް ބެހި ކަމަށެވެ. އަދި މޭޑޭގައިވެސް މާސްކް ބެހި ކަން ފާހަގަ ކުރެއްވިއެވެ. މިކަންތައް ފާހަގަ ކުރައްވައި މަހުލޫފު ވަނީ އެހެން މީހުންގެ މައްޗަށް ދައުވާ ނުކޮށް ހަމައެކަނި އޭނާގެ މައްޗަށް ދައުވާ ކުރީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ ހައްޔަރު ކުރީ ފެބްރުއަރީ އެކެއްގެ ހުކުމަށް ފަހު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އޭނާ ހަރަކާތްތެރިވެ އެ އެއްވުންތައް ލީޑު ކުރަމުން ދިއުމުންނެވެ.

މީގެ އިތުރުން މަހުލޫފު ވިދާޅުވީ އޭނާ ހައްޔަރު ކުރީ އެމްޑީޕީ ހަރުގޭގެ ތެރޭގައި ހުއްޓާ ކަމަށެވެ. އަދި އެއީ އާންމު ރައްޔިތެއްގެ ގޯއްޗެއް ކަމަށާއި ކޯޓު އަމުރަކާއި ނުލައި އެތަނުގައި ހުއްޓާ ހައްޔަރު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ ހައްޔަރު ކުރީ ހައްޔަރު ކުރަން މާ ކުރިންވެސް ނިންމާފައި އޮތުމުން ކަމަށް ވިދާޅުވިއެވެ.

އަދި ދައުލަތުން އޭނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ތިން ފުލުހެއްގެ ބަޔާން އަކުރުން އަކުރަށް އެއްގޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ބަޔާންތަކުގައި ހަމައެކަނި ތަފާތުވެފައި ވަނީ ނަމާއި އައިޑީކާޑު ނަމްބަރު ކަމަށް ވިދާޅުވިއެވެ. އެކަމުން ވެސް ދޭހަވަނީ ބަޔަކު ބަޔާން ލިޔުއްވާފައި ފުލުހުން އަތަށް ސޮއި ކުރަން ދިނީ ކަން ކަމަށް ވިދާޅުވިއެވެ. އެކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެއް ކްރައިމް ސީނެއްގައި ހަރަކާތްތެރިވާ ފުލުހުންގެ ބަޔާން އެއްގޮތް ވުމަކީ އާންމު ކަމެއް ކަމަށެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި މަހުލޫފްގެ ވަކީލު ނާޒިމް ސައްތާރު ވިދާޅުވީ ދައުވާ ސީޣާގައި މަހުލޫފުގެ މާސްކް ބެހުމުގެ އަމަލުން ގާނޫނު ތަންފީޒު ކުރާ ފަރާތަކަށް ހުރަސް އެޅުނީ ކިހިނެއް ކަން ސާފު ނުވާ ކަމަށެވެ. އަދި މަހްލޫފު އެދުވަހު ހައްޔަރުކޮށްފައި ވަނީ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާއާއި ހިލާފަށް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދައުވާގެ ސީޣާ އިބާރާތްކޮށްފައި އޮތް ގޮތުން އޭގައި ދައްކަނީ މުޒާހަރާ ކުރަން އެއްވެތިބި މީހުންގެ ވާހަކަ ކަމެއް ނުވަތަ މަހުލޫފުގެ ވާހަކަ ކަމެއް ސާފު ނުވާ ކަމަށް ވިދާޅުވިއެވެ. އަދި މަހުލޫފު އަކީވެސް މުޒާހަރާގެ ބައިވެރިއެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވުމުން، އެ ސަރަހައްދުން ނުގޮސް މަހުލޫފު އަމިއްލަ ނަފްސަށް ވެސް ހިތްވަރު ދެއްވީތޯ ސުވާލު ކުރެއްވިއެވެ.

ދައުލަތުގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ މަހުލޫފުގެ މައްޗަށް މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރި ރޭ ކުރި ޓްވީޓަކީ ދައުވާއާއި ގުޅުން ހުރި ޓްވީޓެއް ނޫން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މާސްކް ބެހުމަކީ އޭގެ ޒާތުގައި ކުށެއް ނޫން ކަމަށާއި ނަމަވެސް އެ ހާލަތުގައި މާސްކް ބެހުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމަށް މަހުލޫފަށް ހިތްވަރު ދެވުނު ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްމާލް

    ކައޭ އެބަޖެހޭ މައިތިރި ކުރުވަން!!

  2. ނުރަބޯ

    އަޑުބަރޭ ހަމަ ސައިޒުކުރަން ޖެހޭ.

  3. ޕީޖޭ

    ގާނޫނު އަސާސީން މުޒާހަރާކުރެވޭނެ ކަމަށް އޮވޭ، ނަމަވެސް ގަވާއިދަކުން ވަނީ ހަނިކޮށްފައި، އެގޮތުން މާލޭ މުޒާހަރާކުރެވެނީ ބީޗްތެރޭ..މިކަންކަން ނިކަމެތި އާންމު ރައްޔިތުންނަށް އޮޅުވާލާ މުޒާހަރާތަކަށް ނިކުމެ ހައްޔަރުވަނީ، ސިޔާސީ ލީޑަރުން ރާއްޖޭން ބޭރުގައި އަރާމުގައި އެމީހުންގެ ދަރިން މަތީ ތައުލީމު ހާސިލުކުރަނީ، ގޯތި ކުއްޔަށްދީފައި ރަށުމީހާއަށް، އަދި އެމީހާ ހައްޔަރުވެސް މިވަނީ ދަރިންނާއި އާއިލާ އާއި ދުރަށް އަދަބަށް ދާން މިޖެހެނީ..މިސިޔާސީ މީހުންގެ ދަންތުރައިގައި ނުޖެހި އުޅެވޭތޯ ބަލަންވީ، މުޒާހަރާވެސް ކުރަންވީ ގާނޫނީ އިމުގެ ތެރެއިން..އަދި ހެއްވާކަމަކީ ވެރިން ބަންދުގައި އޭސީގައި ނިކަމެތިމީހާ ފަންކާއެއް ކަރަންޓެއް ނެތް ގޮޅިއެއްގައި..އަމިއްލަ ތަނެއްގައި ހުރި އާންމުތަނަކަށް ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ މަހޭ ބްރޯ..ކްރިމިނަލް ޕްރޮސީޖާ

  4. ފެމެލީ

    ސާބަހޭ މަހޭ.އަދިވެސްބަހާތި.

  5. ރަށްދު

    ކަލެއާހެދި ޔާމީނެއްނޫޅޭނެ