އިއްޔެ މެންދުރު ފަހު ދ. މީދޫ ކައިރިން މަތިންދާބޯޓެއްގެ ފިޔަގަނޑެއް ފެނުނު ހަބަރުގެ ފޮޓޯތައް "ވަގުތު" އިން ގެނެސްދިނުމާއި އެކު އެތައް ބައެއްގެ ސަމާލުކަން އެކަމަށް ދަނީ ލިބެމުންނެވެ.

މިހާރު އެންމެންވެސް އެނގެން ބޭނުންވެފައިވާ ކަމަކަށް އޮތީ އެއީ ކޮން މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ކަމާއި އެ ފިޔަގަނޑު މީދޫ ކައިރިން ފެނުނު ގޮތެވެ.

މީގެ ހަ އަހަރު ކުރިން ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް، އެމްއެޗް370 ފެނުނު ކަމަށް ބުނާ މީދޫ ރައްޔިތުންނަށް ފެނުނު މި މަތިންދާ ބޯޓުގެ ފިޔަގަނޑަކީ އެމްއެޗް370ގެ ފިޔަގަނޑަކަށް ނުވުން ވަރަށް ގާތްކަމަށް ގިނަބަޔަކު ބުނެއެވެ. ސަބަބަކީ މީދޫ ކައިރިން ފެނުނު ފިޔަގަނޑަކީ އެމްއެޗް370 ގެ ފިޔަގަނޑާއި ބަލާފައި ވަރަށް ކުޑަ ފިޔަގަނޑަކަށް ވާތީއެވެ.

ފޮޓޯ : ދި އިންޑެޕެންޑަންޓް ގްރޫޕް

އެހެންކަމުން މިއީ ދެން ކޮން މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ހެއްޔެވެ؟.

ރާއްޖޭގެ އޭވިއޭޝަން ހަބަރުތައް ގެނެސްދޭ ބްލޮގެއްގައި ބުނެފައިވާގޮތުން މިއީ އެމެރިކާގެ އަސްކަރިއްޔާއިން ގެންގުޅޭ ޑްރޯންއެއްގެ ފިޔަގަނޑެއް ކަަމަށް ވަރަަށް ބޮޑަށް ބެލެވެއެވެ.

އެ ބްލޮގްގައި ބުނެފައި ވަނީ، ފޮޓޯތަަކަށް ބަލާއިރު، އެ ފިޔަގަނޑަކީ ޖެނެރަލް އޮޓޮމިކްސް އެމްކިއު-9 ރީޕާ (ޕްރިޑޭޓަރ ބީ) ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމްކިއު-9އަކީ އެމެރިކާގެ އެއާ ފޯސްއިން، މީހުންނާއި ނުލާ، ރިމޯޓުން ބޭނުން ކުރާ އެއިރަލް ވެހިކަލް (ޑްރޯން) އެް ކަމަށް ބުނެފައި ވެއެވެ.

އަދި މިއީ ސަވައިލެންސްއަށް ބޭނުން ކުރާ އުޅަނދެއް ކަމަށްވެސް ބުނެފައި ވެއެވެ. އެ އެއާކްފްޓް މޮނީޓަރކޮށް ކޮންޓްރޯލް ކުރަނީ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަންގައި ތިބޭ އެއާ ކްރޫން އިންނެވެ.

އަދި އެ ބްލޮގްގައި އިތުރަށް ވާގޮތުން، އެމެރިކާގެ އެއާފޯސް އިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަަމައަށް 195 އެމްކިއު-9 ރީޕާސް އޮޕަރޭޓްކޮށްފައި ވެއެވެ. މިއިން ކޮންމެ ޑްރޯން އެއްގެ އަގު 15.9 މިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ބުނެފައި ވެއެވެ.

އެ މަތިންދާ ބޯޓުގެ ފިޔަގަނޑު ފެނިގެން އެކަން ފުލުހުންނާއި އެމްއެންޑީއެފްގެ ސަމާލުކަމަށްވެސް މިހާރު ވަނީ ގެނެސްފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ ދެ މުވައްސަސާއިންވެސް އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ދަ އިންޑިޕެންޑެންޓް ގްރޫޕުން ހަދާފައިވާ ގްރެފިކްސް އެއް

މީދޫ ކައިރިން މަތިންދާ ބޯޓުގެ ފިޔަގަނޑު ފެނުން!

މީދޫ ކައިރި ކަނޑުމަތިން އެއްޗެއް ދާތަން ފެނިގެން އެރަށު ބަޔަކު އެއީ ކޮން އެއްޗެއްތޯ ބެލުމަށް ދިޔައީ އެރަށު ބައެކެވެ. ޑިންގީއެއްގައި އެ މީހުން ދިޔައިރު، އެއީ މަތިންދާބޯޓެއްގެ ފިޔަގަނޑެއްކަން އެ މީހުންނަށް އެނގުނީވެސް ފަހުންނެވެ.

"އަޅުގަނޑުގެ ގޭގެ ކުއްޖަކު ގުޅާފައި ބުނީ، އެބަދެޔޭ އެއްޗެއް އާދެބަލާށޭ. އަޅުގަނޑުމެން ގޮސް އޭތި ނެގީއެއް ނޫން، އޭތީ ބޮޑުކަމުން ޑިންގީއަށް ނުލިވިދާނެ ކަން އިނގޭތީ ޑިންގީގެ އަރިމަތީގައި ދެކޮޅު ބަނދެގެން އޭތީ ގެނައީ ރަށާއި ހަމައަށް". އެ ފިޔަގަނޑު އެއްގަމަށް ގެނެސްދިނުމުގައި އުޅުނު މީހަކު "ވަގުތު"އަށް ބުންޏެވެ.

މީދޫ ކައިރިން ފެނުނު މަތިންދާ ބޯޓު ފިޔަގަނޑު

އޭނާ މައުލޫމާތުދިންގޮތުގައި އެ މަތިންދާބޯޓު ފިޔަގަނޑުގެ ދިގުމިނުގައި 22 ވަރަކަށް ފޫޓު ހުންނާނެ އެވެ. އެމްކިއު ރީޕާގެ ފިޔަގަނޑުގެ ދިގުމިނުގައި 20 ފޫޓު ހުރެއެވެ. އެހެންކަމުން މިއީ ބޭރު ގައުމެއްގެ އަސްކަރިއްޔާގެ ޑްރޯން އެއް ކަމަށް ގަބޫލު ކުރެވެން މިހާރު ވަނީ ފަށާފައެވެ.

ދިވެހިންގެ އިތުރުން، ބޭރުގެ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް މިހާރު ބުނަނުން އަންނަނީ މިއީ އެމެރިކާގެ ޑްރޯން އެއް ކަމަށެވެެ. އެމްކިއު ރީޕާ އަކީ 1850 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯން އެއް ކަމުގައި ވާއިރު، ރާއްޖެ ކައިރީ އޮންނަ އެމެރިކާގެ އަސްކަރީ ބޭސް ކަމުގައިވާ ޑިއޭގޯ ގާސިއާ އިން ދ.މީދޫ އާއި ދޭތެރޭ ހުންނަނީ 1147 ކިލޯމީޓަރެެވެ.

ގިނަ ރައްޔިތުންތަކެއް މިހާރު އަންނަނީ ކަމާބެހޭ އިދާރާތަކުން މިކަން އޮޅުންފިލުވައި ދިނުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖިންނި

    ސޮލީބީ ބަކަރިތައް ޖާސޫސް ކުރަން އުޅެނިކޮށް ވެއްޓުނީތީއްޗެއް

    28
    6
  2. ލާމު

    އެމްއެޗް370 ފެނިގެން ކަމަށްބުނެ ވާހަކަ ދެއްކީ މީދޫ މީހުންނެއް ނޫން. އެއީ ކުޑަހުވަދޫ މީހުން.

    21
    2
  3. ރެފްރީ

    މީގެދުވަސްކޮޅެއްކު ރިން ރާއްޖޭގެ މަސްވެ ރިން ދެކުނުކަމަށްވޭ އެމެ ރިކާއަސްކަ ރީއުޅަނދެއް އެއްޗެއްހޯދަމުން އުދުހުނުތަން.. އެވާނީ ތިއިތިއެހިސާބުގަނޑަށް ވެއްޓުނުކަންއެނގިގެންހޯދީކަމަށް ؟؟ ރާއްޖެއަށްވެސްޖާސޫސުކު ރަނީތޯއްޗެ ؟؟

    29
    3
  4. ކާފަ

    މިހާރު ކަނޑުމަތިން އޮޔާދާ ބާލިދީއެއް ފެނުނަސް މަތިންދާބޯޓްގެ އިންޖީނަކަށް އެވަނީ.. ކުޅޭ ކުޅޭ މަތިންދާބޯޓެއް ޅައްގަޅަ މީދޫއަށް..

    6
    18
  5. މުހައްމަދު

    އެއއއ އީ ޔާމިން ބަހަ އްޓާފަހުރިތަން ބަލަނިކޮށް ވެ އްޓުނު ބޯޓެ އް.

    6
    8
  6. ޅަބޭ

    ތިޔާ ފިޔަގަނޑު ޕާރުސަލްކޮއްފަ ޗައިނާއައް ފޮނުވާފަ، ދެން އެވާހަކަ ނޫހުގަޖަހާ. އޭރުން އެމެރިކާ ވަރައް ނައްޓާނެ. މިހާރުވެސް އެތިބެނީ ކިރިޔަ ކިރިޔާ.

    21
    1
  7. އަޙްމަދު

    އޮޅުންފިލުވައިދެވޭނީއެގިގެންތާ

    8
    1
  8. ޔާގުންޑޭ

    މާ މޮލު ބަޔަކަށް ވެގެން އެބަ އުޅޭނު.. ފުރަތަމަ ރަނގަޅަށް ރިފަރެންސް ދޭން ދަސްކުރޭ

    5
    3
  9. ބޯހަލާކު

    ދެކުނުގެ ރަށެއްގަ އެބައުޅެޔޯ މަތިންދާބޯޓު ހަދާމީހެއް ހީވަނީ ފުވައްމުލަކުގަހެން ތިފިޔަގަނޑު އޭނަޔަށް ދޭންވީނު