ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަރައްގީ ކުރަން މި ސަރުކާރުން ނިންމި ޓާޝަރީ ހޮސްޕިޓަލްތައް ހެލްތު މިނިސްޓްރީން ވަކިކުރެވި އެ ހޮސްޕިޓަލަކަށް ހާއްސަ ބޯޑަކުން ހިންގާ ގޮތަށް ހަމަޖައްސައި ލާމަރުކަޒު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދޭ "ބަޖެޓް 2021" ގެ ޓީވީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ނަސީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިއްހީ ސިޔާސަތުގެ މައިގަނޑު އަސާސަކީ ހެލްތު މިނިސްޓްރީއަކީ ހޮސްޕިޓަލްތައް ހިންގާ އޮނިގަނޑެއްގެ ބަދަލުގައި އެ ތަންތަނުގެ ރެގިއުލޭޓަރީ ބޯޑެއްގެ ގޮތުގައި ކަނޑައެޅުން ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްތައް މިނިސްޓްރީން ހިންގުމުގެ ބަދަލުގައި އެ ހޮސްޕިޓަލްތަކަށް ކަނޑައެޅޭ ހާއްސަ މެނޭޖްމަންޓް ބޯޑަކުން ހިންގާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

"މިހާރު އަމާޒަކީ ޓާޝަރީ ހޮސްޕިަޓަލްތައް ހިންގުން ހޮސްޕިޓަލް ބޯޑާ ހަވާލު ކުރުން، އައްޑޫ ހޮސްޕިޓަލް އެ ހިންގަނީ އެ ހޮސްޕިޓަލްގެ ބޯޑުން، އަންނަ ފެބްރުއަރީގައި ކުޅުދުއްފުށި ހޮސްޕިޓަލާއި އުނގޫފާރު ހޮސްޕިޓަލްގެ މަޝްރޫއު ނިމި އެ ގޮތަށް ބަދަލު ކުރެވޭނެ، ލ. އަތޮޅު ހޮސްޕިޓަލް ވެސް ބަދަލު ކޮށްލެވޭނެ ވަރަށް އަވަހަށް،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ވަރަށް މުހިއްމު ބަދަލެކެވެ. ރެގިއުލޭޓް ކުރާ ފަރާތާއި ހިންގާ ފަރާތަކީ އެއް މުއައްސަސާއެއް ނަމަ ހިންގުމުގައި ދިމާވާ މައްސަލަތައް ފާހަގަނުވެ ފިޔަވަޅު ނޭޅި މައްސަލަތައް ހައްލު ނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ބަދަލާ އެކު ހޮސްޕިޓަލްތަކުގެ ހިންގުން ވެސް ހަރުދަނާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިސްޓްރީ މި ވާން ޖެހެނީ ކުއަލިޓީ ބަލައި ރެގިއުލޭޓަރީ ބޯޑަށް، ހޮސްޕިޓަލްތައް ހިންގާނީ އެ ތަނުގެ ވަކި މެނޭޖްމަންޓްތަކުން، އެ ގޮތަށް މި ބަދަލު ގެންނަނީ، ރެގިއުލޭޓް ކުރާ ފަރާތުން ތަންތަން ހިންގަން ފެށީމަ ވާނެ ގޮތަކީ ދުވަހަކު ވެސް ގޯހެއް ހެދޭ މަންޒަރެއް ނުފެންނާނެ،" ސަރުކާރުގެ ސިޔާސަތު މިނިސްޓަރު ތަފްސީލްކޮށްދެއްވިއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކޮށް ސިއްހީ ހިދުމަތުގައި ވެރިރަށް މާލެ ސަރަހައްދަށް ވާން ޖެހޭ ބަރޯސާ ކުޑަ ކުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

މި ގޮތުން ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ނިންމާފައި ވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްއާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލްއާއި، ގދ. ތިނަދޫ އަބްދުލް ސަމަދު މެޖޯރިއަލް ހޮސްޕިޓަލްއާއި، އައްޑޫ ސިޓީ އެކުއަޓޯރިއަލް ހޮސްޕިޓަލްއެވެ. މި އަހަރާއި އަންނަ އަހަރުގެ ބަޖެޓްގައި ވެެސް މި ކަމަށް ފައިސާ ހިމަނާފައިވެއެވެ.

މީގެ އިތުރުން ލ. ގަމުގައި ކެންސަރުގެ ބަލިތަކުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލްއެއް ގާއިމް ކުރަން ބަޖެޓްގައި 58 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އިންޑިއާގެ އެހީގައި ގާއިމް ކުރާ މި ހޮސްޕިޓަލް ފުރަތަމަ ނިންމާފައި އޮތީ ހުޅުމާލޭގައި އެޅުމަށެވެ. އެކަމަކު ގަމުގައި ހޮސްޕިޓަލް އަޅަން ދިވެހި ސަރުކާރުން މިހާރު ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަކަރި

    komme boardakun hingiyas baagee eh thee

  2. ބާގީ

    ބާގީއެއް

  3. ބޢ

    އިންސާނުންގެބުއްދިގަބޫލުކު ރާވާހަކަދައްކަބަލަ

  4. ޢަފްލާ

    ބާގީ އައްޕަ

  5. ޝަރީފް67

    މަރުތައް ހޯދާނަ މޭ ބުނީމއެއްނު ކޮންޓާސަރީއެކޭ

  6. އަބްދޫ

    ފުރަތަމަ ހޮސްޕިޓަލް އަޅާބަލަ ހިންގާނެގޮތް ކިޔާނީ ފަހުން