މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާ ހަކުރު ބަލީގެ ދުވަހާއި ގުޅުވައިގެން އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ނަރުހުންގެ މަސައްކަތް އަގު ވަޒަންކޮށް ޓްވީޓްތަކެއް ކުރައްވައިފިއެެވެ.

ބައިނަލްއަގުވާމީ ހަކުރުބަލީގެ ދުވަހާއި ގުޅުވައިގެން ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ނަރުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުޑަ މިންވަރެއް ހާމަ ކޮށްފައެެވެ.

ޑރ. މުހައްމަދު އަލީ ނަރުހުންގެ މަސައްކަތްތައް އަގުވަޒަން ކުރި ޓްވީޓްތައް ފަށައިގަތީ ހަކުރު ބަލީގައި އެދުމަތި ކުރާ މީހުންނާއި ގުޅޭގޮތުން ކޮންމެހެން އެނގުން މުހިންމު ވާހަަކަތަކުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ، އެކި ބަލިތަކުގައި ހޮސްޕިޓަލްގައި އެނދުމަތިވާ މީހުން، ހަކުރުބަލި ކުރިން ނުހުންނަކަމުގައިވިއަސް ހަކުރު މަތިވާތަން ފެންނަ ކަމަށެވެ. އަދި މިހެން ވަނީ ބައިވަރު ސަބަބުތަކާއި ހެދި ކަމަށް ބެލެވިފައިވީނަމަވެސް، އެންމެ އާންމުކޮށް އެހެންވަނީ، މި ހާލުދެރަ ބަލިމީހުންނަށް ދޭންޖެހޭ ބައެއް ބޭސްތަކުންނާއި، އެފަދަ ހިތްދަތި ވަގުތު ތަކުގައި އެ ބަލިމިހާއަށް ދިމާވާ ހާސްވެ ކަންބޮޑުވުމާއި ގުޅިގެން ކަމަށެެވެ.

އަދި މިގޮތަށް ހަކުުރުމަތިވާ ބަލިމީހުންނަށް ޑޮކްޓަރުން ދެނީ ގުޅަބޭހުގެ ބަދަލުގައި އިންސުލިން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

"އަދި ބައެއްފަރަށް ހަކުރުބަލީގެ ބަލި މީހުން އެދުމަތިކުރުމަށްފަހު، ކަމުން އަންނަ ގުޅަބޭހުގެ ބަދަލުގައި އިންސުލިން ދޭން ފަށަން ޖެހެއެވެ. މިހެން ހެދުމުން ބަލިމީހާވެސް އަދި އާއިލާ މީހުންވެސް ވަރަށް ކަންބޮޑުވެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ކަމަކީ ގުޅަބޭހަށްވުރެ އިންސުލިނުން ހަށިގަނޑުގެ ހަކުރު އަވަސްގޮތަކަށް ކޮންޓުރޯލް ކުރާކަމެވެ.". ޑރ. މުހައްމަދު އަލީގެ ޓްވީޓްގައި ވެއެވެ.

އޭނާ ވިދާޅުވީ، މިގޮތަށް އިންސުލިން ޖަހާއިރު، ދުވާލަކު ހަތަރު ފަހަރު ނުވަތަ ހަތް ފަހަރު އިނގިލިކޮޅުން ލޭނަގައިގެން ހަކުރު ބަލަން ޖެހޭ ކަަމަށާއި، މިކަމަށް އޯޑަރު ފައިލުގައި ޑރ .ލިޔުންކަމުގައި ވިޔަސް، މިކަންކޮށް ބަލިމީހާއަށް ބޭނުންވާ އިންސުލިން ޖަހައިދީ ނުވަތަ ޖަހަންވީގޮތް ކިޔައިދީ ހަދަނީ ނަރުސް ކުދިން ކަމަށެވެ.

އަދި ބައެއް ފަހަރަށް އައިސީޔޫގައި އޮންނަ ބަލި މީހާގެ ހަކުރު ގަޑިއަކު އެއްފަހަރު ބަލަން ޖެހޭތަންވެސް އާދޭ ކަމަށާއި، މިކަންވެސް ކުރަނީ ނަރުސް ކުދިން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން މި ކޮވިޑް-19ގެ ދުވަސްވަރު، ހާލު ދެރަ ކޮވިޑް-19 ބަލި މީހުންނަށްވެސް، ޕީޕީއީ އަޅައިގެންތިބެ ލޮތްބާއި ކުލުނާއި އެކު ހަމަ މިހިދުމަތް ދެގޮތެއްނުވެ ދެނީ ހަމަ ލޮބުވެތި ނަރުހުން ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މިއަދު މި ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ޙާއްސަ ވަނީ މި ނަރުހުންގެ މިންނެތް މަސައްކަތަށެވެ. އައްސަރިބަހާއި ސާބަސް!! ހިތުގެ ފުންމިނުން ނަރުހުންނަށް ފޮނުވަމެވެ". ޑރ. މުހައްމަދު އަލީ ކުރި ޓްވީޓްތަކުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމް

    ނަރުހުންނަކީ ވަރަށް ބުރަ ބައެއް. އެމީހުން ޑޮކްޓަރުންގެ ރޯލްވެސް އަދާކުރަނީ. މިރާއްޖޭގަ އެއްމެ ފަސޭހާގައި އުޅެ ނާޖާއިޒް ފައިދާ ނަގާބަޔަކީ ޓީޗަރުން . އާ ކީއްތަވީ ދިވެހި ބަސް މާމޮޅު މާއްދާއަކަށް ހަދާގެން ހަފްތާއަކު 2 ދުވަހު ކިޔަވާދީގެން އެބަނަގާ 3500 ރުފިޔާ. މީ ދުނިޔޭގެ ރެކޯރޑް. މިކަމުން މަހަކު 60000-100000 ރުފިޔާ ދެމެދު ނަގާމީހުން އެބައުޅޭ. އެކަމަކު ހަމަ މިމީހުން އެބަކިޔާ މަދަރުސާގަ ވަރަށް ބުރައޭވެސް.

    1
    1