މޫސުން ގޯސްވެ މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ޅ.އަތޮޅާއި ހަމައަށް އަދި ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު ފަހު 15:00 އާއި ހަމައަށެވެ. ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
White Alert for Heavy rain and thunderstorms. pic.twitter.com/jNTK77Xbtw
— Maldives Meteorology (@MetMaldives) November 15, 2020
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާާނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.
ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައި ވާތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.