އަންނަ އަހަރަށް ލަފާ ކުރާ މިންވަރަށް ފަތުރުވެރިކަމުގެ ދާއިރާ އިން އާމްދަނީ ނުލިބިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ހާޝިމް ވަނީ 2021 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހާފައި އޮތް ބަޖެޓާ ގުޅޭ ކަރުދާހެއް އެކުލަވާލައިފައެވެ. އެ ކަރުދާސް އެކުލަވާލާފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

އޭގެ ތެރޭގައި ހިމެނެނީ، އާމްދަނީ، ޚަރަދު އަދި ފައިނޭންސިންއެވެ. މި ކަރުދާހުގައި އެމްއެމްއޭގެ ލަފާ ހުށަހަޅާފައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ރާއްޖޭގެ ކަންކަން ކުރިއެރުވޭނެ ގޮތަކަށް ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ އަށް ރާއްޖޭގެ އާމްދަނީގެ ބޮޑު ބައެއް ބަރޯސާ ވާއިރު، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ނުލިބުމުގެ ބިރު އޮތްކަން ހާޝިމް ފާހަގަކުރެއްވިއެވެ.

" ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް. ކޮންޒަވޭޓިވްކޮށް ރާވާފައި މިއޮތީ. އަޅުގަނޑުމެންނަށް އެނގޭ އެއީ މީޑިއަމް ޓާމް ސިނާރިއޯއެއް ކަން. ބެސްޓް ކޭސް ސިނާރިއޯއަކަށް ނުދާނެ ކަން. ނަމަވެސް މީޑިއަމް ކޭސް ސިނާރިއޯ އަށް ވެސް ނުދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުގެ ތެރޭގައި،" އޭނާ ވިދާޅުވިއެވެ.

ހާޝިމް ވިދާޅުވީ މިހާރު ކޮވިޑް ވެކްސިން ވުޖޫދު ކުރެވިފައި ވުމުން އެއީ ޕޮޒިޓިވް ކަމެއް ކަމަށެވެ. ރާއްޖެ އަށް ވެކްސިން ގެނެސްފި ނަމަ ދެވަނަ ކުއާޓާގައި އޭގެ އަސަރު ފެންނާނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް އ ެހިސާބުން ކުރިއަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް އެމްއެމްއޭ އިން ދެއްވާ ލަފާ ހުށަހަޅުއްވައި ދެއްވަމުން ހާޝިމް ވިދާޅުވީ، އާމްދަނީ އިތުރުކުރަން ހުށަހަޅާ އާ ކަންކަމުން 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް 2021 ވަނަ އަހަރުގެ ބަޖެޓްގައި އަންދާޒާ ކުރެވޭ ކަމަށެެވެ.

އެހެންކަމުން، އާމްދަނީ އިތުރު ކުރުމަށް ކުރާ އާ ކަންތައްތަކުގެ ތެރެއިން ޓެލެކޮމް އޮޕަރޭޓިން ލައިސެންސް އިން ޗާރޖު ނެގުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފްކުރުމުގެ އިތުރުން ކޮންޖެޝަން ފީ ނެގުން ފަދަ ކަންކަން ކަނޑައަޅާފައިވާ ތާރީޚުގައި ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ދުރާލާ ނިންމުމަކީ މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އަދި އެއަވޭވް ފްރީކުއެންސީ ބޭނުން ކުރުމަށް ފީއެއް ދައްކަން ޖެހޭނެ ކަމަށް ބުނެފައިވާ އިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން އިތުރުވާނެކަމުގެ ބިރު އޮތްކަމަށް ވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ކޮންޖެޝަން ފީގެ ގޮތުގައި 36.6 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ އިރު އެ ފީއިން ރައްޔިތުންގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރަން ޚަރަދު ކުރާކަން ކަށަވަރުކުރަން އެމްއެމްއޭއިން ލަފާދެއްވާފައިވެއެވެ.