ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ހުޅުވުމަށްޓަކައި ހަދާނުނިމޭ އިމާރާތެއްގެ ދެ ފްލޯ ކުއްޔަށް ނަގައިގެން ކުލި ދައްކަމުންދިޔަ މައްސަލަ އަލުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވައިފިއެވެ.

މި މައްސަލައަކީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި އޭސީސީން ތަހްގީގުކޮށް ނިންމާފައިވާ މައްސަލައެކެވެ. މި މައްސަލަ ޕީޖީ އޮފީހަށް މިއަދު ފޮނުވިއިރު، ިއީ މި މައްސަލަ އެ އޮފީހަށް ފޮނުވި ތިން ވަނަ ފަހަރުކަން ފާހަަގަކޮށްލަން ޖެހެ އެވެ.

އެ މައްސަލާގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޕީއެސްއެމް ގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ކުރީގެ ޑިރެކްޓަރ މުހައްމަދު ހާޝިމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާތަކަކީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއާއި، އެ ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައި، އެކަން ކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލައިގެ ތަހްގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ޕީއެސްއެމްގެ މައްޗަށް ލާޒިމްކޮށްފައިވާ، މީޑިއާ ޓްރޭނިންގ އިންސްޓިޓިއުޓް ގާއިމްކުރުމަށް އިމާރާތެއް ހޯދުމަށް އެ ކުންފުނިން ކުރި އިއުލާނާގުޅިގެން ހުށަހަޅާފައިވާ ތިން ބިޑް އިވެލުއޭޓްކުރުމަށްފަހު، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވަނީ ހ.ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ކަަމަށެވެ.

އަދި އެ ކުއްޔަށްހިފުމަށް ރިކުއެސްޓްކުރި ޑިޕާޓްމަންޓުންނާއި މީޑިއާ އިންސްޓިޓިއުޓް ރެޕްރެޒެންޓް ކުރާ އިސް ފަރާތަކުން އެ އިމާރާތް ކުރިޔާލައި ސުޕަވައިޒްކޮށް، އެތަނަކީ ޕީއެސްއެމް އިން ބޭނުންވާ ފަދަ ތަނެއްތޯ ޔަގީންކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެންގުމަށް އަންދާސީ ހިސާބު ބަލާ ކޮމިޓީން ނިންމި ކަަމަށާއި، އެގޮތުން، އަންދާސީހިސާބު ބަލާ ކޮމިޓީން ކުއްޔަށް ހިފުމަށް ނިންމާފައިވާފަދައިން އެ އުމާރާތް ބެލުމަށް ޕީއެސްއެމްގެ އިސް ދެ ފަރާތަކުން ދިޔަކަން ކަމާބެހޭ އިދާރީ ލިޔުންތަކުން އެނގޭ ކަމަށް ބުނެފައި ވެއެވެ.

އަދި އެ އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ، ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް -/37،000 ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިންގ މިނިސްޓްރީއިން އެ ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައިނުވަނީސްކަަމަށް ބުނެފައި ވެއެވެ

އަދި އެ އިމާރާތް ޕީއެސްއެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ހަވާލުކޮށްފައި ނުވާއިރު، އެކަމާ ގުޅިގެން ޕީއެސްއެމް އިން ފިޔަވަޅު އަޅާފައިނުވާކަަމަށްވެސް ބުނެފައި ވެއެވެ،

މީގެ އިތުރުން، އިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައިކަމަށް ބަޔާންކޮށް ހާޝިމް ސޮއިކޮށް އެ ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯއަށް ބަލައި ޕޭމަންޓް ވައުޗަރު ހަދައި، އެ ޢިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ޖަނަވަރީ މަހުގެ ކުލީގެ ގޮތުގައި -/111,000 ރުފިޔާ ޕީއެސްއެމް އިން ދޫކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސްނޭޕް

  ތީ ހަމަ އެއުޅޭ ޕިންކު ހަލީލު އާ އިކުރާމު މެންގެ ކަންތައް

  6
  15
 2. ޖަނާޒާ

  އަޅާ ނުނިމި އޮތް ވޯޓް ފޮށްޓެއްގުނާލި ބަޔަކު ތިޔަފަދަ ކަންކަންވެސް ކުރައްވާނެ ދެއްތޯ

  1
  4
 3. އަންނި

  މިހެރަ މިހެރަ ފެނަނަނީ ކޮރަޕްޝަން.

 4. ޢަލީ

  ވަކި ބަޔަކު ކުރީމާ ކޮުރަޕްޝަނަށް ވަނީ ދޯ