ޗެކް ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރުމުން އަންނަ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާލަން ފުލުހުން އާއްމުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު އާއްމުކުރި ލިޔުމެއްގައި ވިދާޅުވެފައި ވަނީ އެނގިހުރެ އަނެކާގެ މުދާ އޭނާގެ ކިބައިން ނިގުޅައިގަތުމާއި، މަކަރާއި ހީލަތުން ފައިސާ ނުވަތަ ތަކެތި ބޭނުންކުރުމަކީ ކުށެއްކަމަށް ދިވެހިރާއްޖޭގެ ގާނުނުލް އުގޫބާތުގެ 212 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށާއި ޗެކް ބައުންސް ވުމުގެ މައްސަލަތަކަކީވެސް ގާނޫނުލް އުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން ތަހުގީގުކުރަމުންގެންދާ މައްސަލަތަކެއް ކަމަށެވެ.

ނަމަވެސް، 2020 މާރިޗު 15 ވަނަ ދުވަހުން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަަމަލުކުރަމުންދާ އުސޫލުގެ ދަށުން، ޗެކު ބައުންސް މައްސަލަތަކުގައި ޖިނާއީ ދައުވާކުރުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއުސޫލުގެ ދަށުން ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމާފައިވާ މައްސަލަތަކުގެތެރޭގައި ދަރަނީގެ ގޮތުގައި ހޯދާފައިވާ ފައިސާއެއް އަނބުރާ ދެއްކުމުގެ ގޮތުން ދޫކޮށްފައިވާ ޗެކެއް ބައުންސް ވެގެން ހުށަހެޅޭ މައްސަލަތަކާއި، މައްސަލައިގައި ހިމެނޭ މުއާމަލާތުގައި ރިބާ އެކުލެވޭކަމަށް ބެލެވޭނަމަ ނުވަތަ މައްސަލައިގައި ހިމެނޭ މުއާމަލާތުގައި އެކުލެވޭ ޕްރިންސިޕަލް އެމައުންޓާމެދު ދެޚަސްމުން ހިލާފުވާ ހާލަތުގައި ޕްރިންސިޕަލް އެމައުންޓު ސާބިތުވާ ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިނުވާ މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން މަނިޓަރީ ގަވާއިދާ ހިލާފަށް ލައިސަންސް ނެތި ވިޔަފާރި އުސޫލުން ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލަތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާ އަގު ފިޔަވައި އެހެން އަގެއްގައި ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކުތަކާ ގުޅޭ މައްސަލައެއް ވާނަމަ އެފަދަ މައްސަލައެއްގައިވެސް ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ނިންމާފައެވެ.

އަދި އާއްމު އުސޫލެއްގެ ގޮތުން، ދެ ފަރުދެއްގެ މެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ދޫކޮށްފައިވާ ޗެކަކީ ކުންފުންޏެއްގެ ނުވަތަ އެނޫންވެސް ގާނޫނީ ޝަހުސެއްގެ އެކައުންޓުން ދޫކޮށްފައިވާ ޗެކެއް ކަމަށްވާނަމަ އެފަދަ މައްސަލަތައް ނުވަތަ ދެމީހެއްގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތިންވަނަ ފަރާތަކުން ޗެކް ދޫކޮށްފައިވާ މައްސަލަތަކުގައިވެސް ދައުވާ ނުކުރުމަށް ނިންމާފައިވާއިރު، ފައިސާ އިންވެސްޓުކޮށްފައި ލިބޭ ފައިދާ ހިއްސާކުރާގޮތަށް އެއްބަސްވެ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން ދޫކުރާ ޗެކް ބައުންސްވާ މައްސަލަތަކުގައިވެސް ޖިނާއީ ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް އެއްވެސް މީހަކަށް ދިމާވެއްޖެނަމަ ޖެހޭނީ ލިބުނު މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އެމީހަކު އަމިއްލައަށް އެ މައްސަލައެއް ކަމާބެހޭ ޝަރުއީ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޗެކް ބައުންސް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ހުށަހެޅޭ ހާލަތުގައި، އެފަދަ މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާފަހުން ޗެކަށްވާ ފައިސާ ބަދަލު ލިބޭ ފަރާތަށް ދައްކާ ހަލާސްކުރި ކަމުގައިވީނަމަވެސް، އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން، ޗެކް މެދުވެރިކޮށް މުއާމަލާތުތައް ހިންގުމުގައި މި ކަންކަމަށް ސަމަލުކަން ދެއްވައި ކުރެވޭ މުއާމަލާތަކީ ރައްކާތެރިކަމާއެކު ކުރެވޭ މުއާމަލާތެއްކަން ކަށަވަރު ކުރައްވަން ފުލުހުން އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަން

    ކޮން ހައިސިއްޔަތަކުން އުސޫލުތައް ތިހަދަނީ

  2. ޞާރި

    ސަހަރޯ.... އެކުވެރިއަކު ގޮޅިޔަށް ވަދެފާނެތީ ތޯ؟؟؟؟ތި ގަވާއިދު ހެދީ

    11
    1
  3. އަހުމަދު ނީޒް

    ދެން ޕްރޮސެކިއުޓަރ އޮފީސް އުވާލާ.

    10
  4. .....

    ޗެކްގެ ވެލިއު ގެއްލުނީ....އެއްގޮތަކުން ރަނގަޅު ކަމެއްތީ...ޗެކް ބޭނުން ކޮށްގެން ކުރާ ވިޔަފާރި މިކަމުގެ ސަބަބުން މަދުވެއްޖެ ނަމަ ބައުންސް ޗެކްތަކުގެ މައްސަލަ ތައް މަދުވެގެންދާނެދޯ...ޗެކްތައް ބައުންސް ވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެފަ އެބަހުރި...ހަމަ މިއާއި އެކު ސަރުކާރުން މެދުފަންތީގެ ވިޔަފާރިތަކަށް ދޭން ހުރި ފައިސާތައް ނުދިނުމުންވެސް ބޮޑެތި ގެއްލުންތައް ވަމުން އެބަދޭ ގިނަބަޔަކަށް...ބައެއް ކުންފުނިތައް ބަނގުރޫޓްވާ ހިސާބުގަ...އެ ފައިސާ ތައް ނުދިނުމުން މަޖްބޫރުވޭ އެބަ ޑޭޓެޑް ޗެކްދީގެންވެސް ކުންފުނި ހިންގަން...ދެންވެސް ސަރުކާރުން ދޭންޖެހޭ ޕޭމަންޓް ދޭންޖެހޭ ދުވަހަށް ނުދިނުމުން ޗެކްވާނީ ބައުންސް...މީވެސް މިތާ ގިނަ ކަމެއް....ސަރުކާރުގެ ބޮޑުންނަށް ބައެއް ނާޅާ ނަމަ ކޮށްފަ ހުންނަ މަސައްކަތުގެ ފައިސާވެސް ނުދީ އެބަ ދަންމާ...މީ މިހާރު ހިނގާ ކަންކަން...މަސައްކަތް ކުރުވި މީހާ ބޮލަށް މަސައްކަތް ކުރި މީހުން އަރާތީވެ އަނބިދަރިން ވިއްކާ ހިސާބުގަ ތިބީވެސް މަދުބައެއްނޫން...މި މައްސަލަ ޖައްސަން ޖެހޭތަނެއް ނެތްތަ...؟ޕޮލިހުން އިސްވެ މިކަންކަން ބެލުން އެއީ ހުވަޔަށްދެވޭ ބާރަކަށްނުވާނެބާ...ހުވާ ކުރަނީ ރައްޔިތުންނަށް ހަރާންކޯރުވެފަ ވެރިން ހިމާޔަތް ކުރާކަށް ނޫންކަންނޭނގެ....

  5. ޅަބޭ

    މިހާހިސާބުން ޗެކައް އޮތް އިތުބާރު ރަސްމީކޮއް ގެއްލުނީ. ޗެކުފޮތް ބޭނުންކުރުންވެސް ހުއްޓާލަންވީ. ދެން ޕީޖީ އޮފީސްވެސް އުވާލާ. މަކަރާ ހީލަތުގެ އޮފީހެއް ތީ.

  6. ސޭޓު

    މީ ޖާބިރު ކުރަމުން ދާ ދައުވާތަކަށް ގޮންޖަހަން ކުރިކަމެއް. ޖާބިރު އެދައްކަނީ ރަނގަޅު ވާހަކަކަން ސާބިތުވާ ހެއްކެއް. ޔަގީންވަނީ ސަރުކާރުގެ އިތުރު ބަޔަކުވެސް އެނައަތުން ލޯނު ނަގައިފާވާކަން