އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބާއްވާ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގެ އުޞޫލު އާއމްު ކޮށްފިއެވެ. މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެއްގެ ގޮތުގައި ވާޗުއަލްކޮށެވެ.

އިސްލާމިކް މިނިސްޓްރީން އާއްމު ކޮށްފައިވާ އުސޫލު ބުނާ ގޮތުން މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރަން ޖެހޭނެއެވެ. މުބާރާތް ހުޅުވާލެވިފައި ވަނީ ޢުމުރުން ހަތަރު އަހަރުން މަތީގެ ފަރާތްތަކަށެވެ. މުބާރާތް އޮންނާނީ 2 ބުރަކަށް ބަހައިލެވިގެންނެވެ. އެއީ އޮޑިޝަނުގެ ބުރާއި ފައިނަލް ބުރެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މި މުބާރާތުގައި ބައިވެރިވާން އެދޭ، ފަރާތްތަކަށް، މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގްތައް ހުށަހެޅުމުގެ މުއްދަތަކީ 16 ނޮވެމްބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 ން 28 ނޮވެމްބަރު 2020 ވާ ހޮނިހިރު ދުވަހުގެ 14:00 ށެވެ. ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހަޅާނީ، 13 ޑިސެމްބަރު 2020 ވާ އާދިއްތަ ދުވަހުގެ 08:00 ން 17 ޑިސެމްބަރު 2010 ވާ ބުރާސްފަތި ދުވަހުގެ 14:00 ށެވެ.

މި މުބާރާތް ބާއްވާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މުޖައްވަދުކޮށް (ދިގު ރާގަށް) ކިޔެވުމުގެ ކެޓެގަރީ އާއި ޙަދަރުކޮށް ( ކުރު ރާގަށް) ކިޔެވުމުގެ ކެޓެގަރީއެވެ. ކޮންމެ ބައިވެރިއަކަށްވެސް ބައިވެރި ވެވޭނީ ބޭނުން ކޮންމެވެސް އެއް ކެޓަގަރީއެއްގައެވެ.

އުސޫލު ބުނާ ގޮތުން އޮޑިޝަންގައި ބައިވެރިވާ ކޮންމެ ބައިވެރިއަކުވެސް އެ ބައިވެރިއެއްގެ ކިޔެވުމުގެ ވީޑިއޯއެއް މުބާރާތުގެ ޕޯޓަލްއަށް ފޮނުވަން ޖެހޭނެއެވެ. އޮޑިޝަނަށް ހުށައަޅާ ވީޑިއޯގެ މަންޒަރާއި ކިޔެވުމުގެ އަޑު ސާފުވާން ވާނެކަމަށާއި (ކިޔަވާ ބައިވެރިޔާގެ ކިޔެވުގެ އަޑާއި މަންޒަރު އިންޞާފު ކުރެވޭ ވަރަށް ސާފު ނުވާނަމަ، އެ ކިޔެވުމެއް ޑިސްކޮލިފައި ވާނެ) ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ. ކިޔަވާ ބައިގެ ދިގުމިނަކީ 10 ފޮޅުވަތުގެ މިންވަރެވެ.

ފައިނަލް ބުރަށް ހޮވޭނީ އޮޑިޝަން ބުރުގައި 80 އިން ފެށިގެން މަތިން މާކްސް ލިބޭ ބައިވެރިންނެވެ. ފައިނަލް ބުރަށް ހޮވޭނީ ކޮންމެ ޢުމުރުފުރާއަކުންވެސް ދެ ޖިންސު ވަކިން އަދި ކޮންމެ ކެޓެގަރީއަކުން އެންމެ މަތިން މާކްސް ހޯދާފައިވާ ބައިވެރިންގެ ތެރެއިން 25 ބައިވެރިންނެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދަނީ ކޮވިޑް-19 އާއި ގުޅިގެން އެންމެން އެތަނަކަށް ދަތުރުކޮށް މުބާރާތް ބޭއްވޭނެ ހާލަތެއް ނެތުމުންނެވެ.