ރާއްޖެ އަށް އިއްޔެ 2،000 ފަތުރުވެރިން ޒިޔާރަތްކޮށް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އާ ރެކޯޑެއް ގާއިމްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް ހުޅުވާލި ފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރީ އިއްޔެ ކަމަށެވެ. މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެންނަށް މަރުހަބާ ދަންނަވައިފައެވެ.

މައުސޫމް ކުރެއްވި ޓުވީޓުގައި ވަނީ އިއްޔެ އަކީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ގިނަ އަދަދަަކަށް ފަތުރުވެރިން ޒިޔާރަތްކުރި ކާމިޔާބު ދުވަހެއް ކަން ފާހަގަ ކުރައްވައިފައެވެ.

ޖުލައި މަހުގެ ބޯޑަރު ހުޅުވާލި ފަހުން އާންމުކޮށް ރާއްޖެއަށް ޒިޔުާރަތްކުރަމުން ދިޔައީ 100 ފަތުރުވެރިންނެވެ. އެއަށް ފަހު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވަމުން އައިސް މިހާރު ވަނީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 900 އަށް ވުރެ އިތުރުވެފައެވެ.

ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން ގިނަވަމުން އަންނަނީ ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވުމުން ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަކޮށްފައި ވާއިރު، ރާއްޖެއަށް މިހާރު 15 އެއާލައިން އަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން މިހާރު ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަނީ ރަޝިއާއިންނެވެ. އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައިވެސް ރާއްޖެ މަގުބޫލެވެ.

ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް ބަލައި، ރާއްޖެއަކީ ފަތުރުވެރިކަމަށް ރައްކާތެރި، އެމީހުން ބޭނުންވާނެ ފަދަ ހިދުމަތްތަކެއް ލިބޭނެ ގައުމެއްކަން ދައްކައިދިނުމަށް އެ ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަނާޒާ

    ވަރަށް ގިނަ އާ ރިކޯޑްތައް އަދި ފެންނަން ފަށާނެ އިނގޭތޯ . ވަރަށް ސަލާމް

  2. ބަލަ

    ގިނަ ގައުމު ތަކޭ ބުނާއިރު މުޅިން އިސްތިހާރު ކުރަނީ އިންޑީޔާގައި ޗައިނާ ކޮބާ

  3. އަބްދޫ

    އާރެކޯޑް ކިޔަނީ ކުރިން އެއްދުވަހު ނާންނަ މިންވަރަށް އައިސްފިނަމަ

  4. ބޮލައްބާރު

    ކިބޯރައީސްކަމުގައި ހޭދަވާ ކޮންމެ ސިކުންތަކުދަނީ ދުނިޔޭގެ އާރެކޯޑް ހައްދަވަމުންނެވެ. މަގޭ ހިތައްއަރަނީ މީނާގެ ހިއްސުހުރީ ކެޑިފަތޯއެވެ. މިހެން މިދެންނެވީ މިތައުލީމީ ޅަޖީލެއް އުޅޭ ގައުމެއްގައި މިހާ ތަނެއް ދޮރެއް ނުދަންނަ މީހަކު ވެރިއަކަށް ހުންނަން ލަދުހަޔާތް ނެތީމައެވެ. ޔަގީނުންވެސް އެގޭކަމަކީ މެންޓަލް ހޮސްޕިޓަލަށް ގެންގޮސް ދައްކާފިއްޔާ މީނާ އެތާ ބާއްވާނެކަމެވެ. ހަމަމިއާއިއެކު މީނާ ވެރިކަމުގެ ފުރަތަމަ އަހަރުގެ ކުރީކޮޅު އައިޖީއެމްއެޗްގައި ޑޮކްޓަރުންނާއި އިކިވްޕްމެންޓާއި ނުލާ މެންޓަލްކުލިނެކެއް ހުޅިވިއެވެ. ރަސއމީ އިއްޒަތުގައި ކްލިނިކް ހުޅުއްވާދެއްވާ ކިބުރައީސެވެ. ދުރުވިސްނުމާއި ހިކުމަތުއަމަލް ބޭނުންކޮށްގެން ތަން ހުޅުވާ ދެއްވީ ކިބުލެވެ.