އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ބަރާބަރު ކަމަށް މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ދެހާސް އެކާވީސް ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ވިސްނަން ޖެހޭ ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރުމަށް ހުޅުވާލުމެވެ.

ބަޖެޓް އަނބުރާ ގެންގޮސް އެއަށް ވުރެ ހަރަދު ކުޑަ ބަޖެޓެއް އެކުލަވާލައި އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން އިދިކޮޅު މެމްބަރުން ގޮވާލައްވަމުން ގެންދަވާތީ ޖާބިރު ވަނީ އެކަމަށް ރައްދު ދެއްވައިފައެވެ. އަދި ބަޖެޓު ފޮނުވަންވީ ކޮންތަނަކަށްތޯ އޭނާ އެއްސެވިއެވެ.

"ބަޖެޓު އަނބުރާ ފޮނުވާ ވާހަކަ ބުނީމަ، ކޮންތާކަށްތޯ ފޮނުވަންވީ؟ އެމެރިކާއަށްތޯ؟ ޑޮލަރުން ޖަހަންތޯ؟ އެހެނެއް ނޫން ބަޖެޓު ބޮޑު ކުރަންވީ،" ރާއްޖޭގައި އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޖާބިރު ވިދާޅުވިއެވެ.

އާމްދަނީ އިތުރު ކުރަން އެއް ކަމެއްގެ ގޮތުގައި ޖާބިރު ފާހަގަ ކުރެއްވީ ކަނޑު އަޑީގައި ސިޓީއެއް އެޅުމެވެ. އަދި އެއީ އެ ތަނުގައި ކެސީނޯ އަޅާ ވާހަކައެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"ގޭމިން އެންޓަޓެއިންމަންޓް ތަނެއް ހަދައި ޑޮލަރުން އޮޕަރޭޓް ކުރަންވީ،" ޖާބިރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ތައުރީފް ކުރައްވައި ޖާބިރު ވިދާލުވީ ބަޖެޓު އެކުލަވާލަން ފިނޭންސް މިނިސްޓްރީން ކުރީ ބުރަ މަސައްކަތެއް ކަމަށެވެ. އަދި ބަޖެޓުގައި ބޭކާރު ވާހަކައެއް ނެތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ބަޖެޓު ބަހުސްގައި ޖާބިރު ވަނީ ރާއްޖެ އަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ބިންވެރި ކުރަން ގޮވާލައްވައިފައެވެ. އަދި ގިނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދީ، ވަގުތުން ވަގުތަށް ފުރަބަންދު އެއްކޮށް ފިލުވާލަން ވެސް ޖާބިރު ގޮވާލެއްވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އޭނާ ބޭނުން ވަނީ އައްޑޫން ފެށިގެން ހުރިހާ ރަށްތަކެއް ތަރައްގީވާށެވެ. ރަށްރަށުގައި ބޮޑެތި ޕޯޓުތައް އަޅަން ބޭނުންވާ ކަމަށް ވެސް ޖާބިރު ވިދާލުވިއެވެ.

އެމްޑީޕީގެ މެމްބަރުން ކުރާނެ ހެޔޮ ކަމަކީ ވަގުތު ސަލާމަތް ކުރުމަށް ވަގުތުން ވަގުތަށް ބަޖެޓު ފާސް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަޖެޓު ފާސްކޮށްފައި ގައުމައިގެން ކުރިއަށްދާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގާފަރު ކަޅު އުބުސޭމު

    ޖާބިރޫ ދިޔާނާ އެކަންޏެއް ނުފުދޭނެ. ބަލަންވީ އިތުރު މީހަކާ އިނދެވޭތޯ!

    10
  2. އަންނި

    ޖާބިރޫ ކަލޭގެ ރިސޯޓްތައް އިނޑިޔާ ބޭފުޅުންނައް ވިއްކާލައްވަންވީނުންތޯ.

  3. އެމަންޖެ

    ރައްޔިތުން ފެލައިގެ ބަޖެޓު ފޫބެއްދޭނެ އަދި އިތުރު ފީތަކެއް ނަގާ ދިރި ހުރީތިއްޔާ މަރުވާ މީހުންގެ އަތުންވެސް ފީޔެއްނަގާ.

  4. ޝަރފު

    ރައްޔިތުން ބަލަން ތިއްބަވާ، މިއަގައިން މި ބަޖެޓް ގޯސްވެގެން ހަޖޫ ޖައްސަވާ އަޑު އިވޭނެކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫން.