ގދ. ތިނަދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ޓްވިޓާގައި ރޭ ހިއްސާކޮށްފައިވާއިރު، އެތައް ބައެއްގެ ނުރުހުން އެ ކުއްޖާގެ މައިންބަފައިންނަށް އަމާޒުވެގެން ދިޔައެވެ. ވާނީވެސް އެހެން ތާއެވެ. ކުޑަކުދިންނަށް އަނިޔާ ކުރުމާއި، ޖިންސީ ގޯނާ ކުރުމަކީ ދިވެހިން ވަރަށް ނުރުހޭ، އެހާމެ ރުޅިގަދަވާ މައްސަލަތަކެވެ. އެފަދަ މައްސަލަތަކަކީ ދިވެހިންގެ ލޭ ކައްކާލާވެސް މައްސަަލަތައް ތާއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަނިޔާ ކުރުން ފަދަ މައްސަލަތަކަކީ އެއްވެސް މީހަކު ބަލައެއް ނުގަންނާއެވެ.

ރޭ އިއްޒަ އަބްދުﷲ ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓުތައް ފެނި ގިނަބައެއްގެ ނުރުހުން އަމާޒުވެގެން ދިޔައީ ކުޑަކުއްޖަކަށް އަނިޔާ ކުރާ ކަމަށް ބުނުމުންނެވެ. އެއްވެސް މީހަކަށް އެފަދަ ޓްވީޓެއް ފެނުމުން ކެތް ނުކުރެވޭނެކަން ޔަގީނެވެ. އޭނާ ކުރި ޓްވީޓުގައި ބުނެފައި ވަނީ ތިނަދޫގެ އުމުރުން އެންމެ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އަނިޔާކުރާތީ އެކުއްޖާ ހުއްޓާ ނުލާ ރޮމުން އަންނަ ކަމަށެވެ.

އަދި އެ ގޭގައި އެ ކުޑަ އަންހެން ކުއްޖާ ލައްވާ ގޭގެ މަސައްކަތްތައް ކުރުވާ ކަމަށާއި، އެކުއްޖާ އާއި އެއްބަނޑު އެއްބަފާ އެއްމާބަނޑު ދެ އަހަރުގެ ދެ ކޮއްކޮ ބަލަން ވެސް ހަވާލުކުރާ ކަމަށް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އަނިޔާކުރާ ކަމަށް އެ ތުހުމަތު ކުރާ ކުއްޖާގެ މަންމަ އާއި ބައްޕަގެ ދިރިއުޅެމުންދާ، ގެއަށް އެވަގުތު ވަދެ ފޮޓޯ ނަގައިގެން ޓްވިޓާގައި އާންމުކުރިއެވެ. އޭނާ ކުރި އިތުރު ޓްވީޓެއްގައި ވަނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން އެރަށުގެ ފުލުހަކާއި ގުޅުމެއްވާ ބަޔަކަށް އަނިޔާކުރި ކުއްޖާގެ އާއިލާ އަށް ވުމުން ފުލުހުންވެސް އެތަނުން މައްސަލަ ނުބަލާ ދިޔަ ކަމަށް ތުހުމަތުކޮށްފައެެވެ.

"މި މައްސަލަ ފުލުހުން ބަލާނީ ކުއްޖާ މަރުވީމަ ނޫނީ އެކުއްޖާ އަށް ޖިންސީގޮތުންވެސް އަނިޔާއެއް ލިބުނީމަތަ. އެހެން ނޫނީ މި ވާހަކަތައް މީޑިއާތަކުގެ ހެޑްލައިންތަކަށް އެރީމަތަ، މިއޮތީވާ ޤައުމެއް" ފުލުހުންނަށްވެސް އަދި ގައުމަށްވެސް ވަރަށް ބޮޑަށް ފާޑުކިޔައި އޭނާ ކުރި ޓްވީޓުގައި ވަނީ ބުނެފައެވެ.

އިއްޒަ އަބްދުﷲ ދެން ކުރި ޓްވީތުގައި ބުނެފައި ވަނީ އެކުއްޖާ އަށް ވާނީ އަށް އަހަރު ކަމަށާއި، އެއީ ގްރޭޑް ހަތަރެއްގައި ތައުލީމް ހާސިލް ކުރާ ކުއްޖެއް ކަަމަށެވެ. އޭނާ އަށް މައުލޫމާތު ލިބުނު ގޮތެއް، އެގެއަށް ގޮސް މީހުންނާއި ވާހަކަ ދެއްކި ކަމެއްވެސް ނުބުނެއެވެ. ނަމަވެސް ފަހުން އެ ކުއްޖާގެ އުމުރާއި ގުޅޭގޮތުން އޭނާ އެކި ގޮތަށް ވާހަކަދައްކާފައި ވެއެވެ.

މި މައްސަލަ ބަލަމުން ދާކަަމަށް ޖެންޑާ މިނިސްޓްރީ އިން އެހާ ހިސާބުން އިއްޒާގެ ޓްވީޓަށް ރިޕްލައި ކުރިއެވެ. އަދި ފުލުހުންވެސް އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

އޭނާ ފަހުން ކުރި އެ ޓްވީޓްތައް ޑިލިޓްކޮށްފައެވެ. އަދި އެ ޓްވީޓްތައް ޑިލިޓްކޮށްފައި ވަނީ އެކަން އޭނާ ބޭނުންވާ ފަރާތްތަކުގެ ސަމާލުކަމަށް އައުމުން ކަމަށް އޭނާ ފަހުން ކުރި ޓްވީޓްގައި ބުނެފައި ވެއެވެ.

އަސްލު ހަގީގަތަކީ މިއީ:

"ވަގުތު" އަށް މައުލޫމާތު ދެމުން އެކުއްޖާގެ މަންމަ ބުނީ އެއީ އަށް އަހަރުގެ ކުއްޖެއް ނޫން ކަމަށާއި، އެކުއްޖާ އަށް 12 އަހަރު ފުރިފައިވާ ކަމަށެވެ.

އެއީ އޭނާގެ އެންމެ ދޮށީ އަންހެން ދަރިފުޅެވެ.

އޭނާ ބުނީ، ރޭ 8:30 ހާއިރު ދަރިފުޅު ރޮއެ ހަޅޭއްލެވި ކަމަށާއި، އެއީ އެއްވެސް އަނިޔާއެއް ކޮށްގެން ނޫން ކަމަށެވެ. އަދި އެއީ ސްކޫލްގައި އެއް ކްލާހެއްގައި ކިޔަވަމުން ދިޔަ ކުއްޖަކާއި ދެމެދު ޖެހުނު މައްސަލަ އަކާއި ގުޅިގެން ވާހަކަދެއްކުމުން ކަމަށްވެސް ބުންޏެވެ.

"އަޅުގަނޑު ދުވަހަކުވެސް ދަރިފުޅަށް އަނިޔާކޮށްފައެއްް ނުވާނެ. ދަރިފުޅަކީ ވަރަށް ރުޅިގަދަ ކުއްޖެއް. އެކުއްޖާ ރޯން ފެށީ ކްލާސް ކުއްޖަކާއި ޖެހުނު މައްސަލައެއްގައި އެކުއްޖާގެ މަންމަ އައިސް ދަރިފުޅާއި އެކަމާ ގުޅޭ ވާހަކަ ދެއްކުމުން" އެ ކުއްޖާގެ މަންމަ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓްވީޓު ކުރި މީހާ އެގެއަށް ވަދެ އެއްވެސް ކަމެއް އޮޅުން ފިލުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އޭނާ އެގެއަށް ވަދެ ކުއްޖާގެ ބައްޕަވެސް ހުއްޓައި އޭނާގެ ފޮޓޯ ނަގައި ޓްވިޓާގައި އާންމު ކުރީ ކަމަށް ބުންޏެވެ.

ކުއްޖާގެ މަންމަ އަކީ ބުރުގާ އަޅާ މީހެކެވެ. ނަމަވެސް އޭނާ ފޮޓޯ އާންމުކުރީ ބުރުގާ ނާޅައި ހުރި ފޮޓޯ އެއްވެސް ތަނަކަށް ނުލުމަށް އާދޭސްކުރަމުން ދަނިކޮށެެވެ.

އޭނާ ބުނީ، ފުލުހަށް މައްސަލަ ހުށަހެޅުމުން ރޭ 9:30 ހާއިރު ފުލުހުން އެ ގެއަށް އައި ކަމަށާއި، އެހެން ނަމަވެސް ފުލުހުން އެމައްސަލަ ނުބެލީ އެއީ އާއިލާ ބަޔަކަށް ވުމުން ނޫން ކަމަށެވެ. އަދި ކުއްޖާ ގާތުގައިި ވީ ގޮތް އޮޅުން ފިލުވުމަށް އެހުމުން އެކުއްޖާވެސް އަނިޔާކުރި ވާހަކަ ދޮގު ކުރި ކަމަށް އެކުއްޖާގެ މަންމަ ބުންޏެވެ.

"ޕޮލިހުން އައިސް ކުއްޖާ ކައިރީ އެހީ އެމީހާ ޓްވީޓާގައި އަނިޔާކުރާ ކަމަށް ބުނެފައި އިނުމުން އެއީ ތެދު ވާހަކަހޭ. އެކަމަކު އަޅުގަނޑުމެން އަނިޔާނުކުރަންޏާ ކުއްޖާވެސް ނުބުނާނެ ދޯ އެހެންނެއް. އޭނަ ބުނީ ތިމަންނަ ރުޅި އައީމަ ހަޅޭއްލެވީއޭ. އަބަދުވެސް މިހެން ރުޅި އައިސްގެން ހަޅޭ ލަވަމޭ ރުޅި ކޮންޓްރޯލް ކުރަން" އެކުއްޖާގެ މަންމަ ބުންޏެވެ.

އޭނާ ވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާ އަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، އެކުއްޖާ މިހާރު ހުރީ ވަރަށް ބިރުގަނެފައި ކަމަށް އޭނާ ބުންޏެވެ.

އަދި އެމީހާ ކުރި ޓްވީޓުތަކަކީ މަޝްހޫރުކަން ހޯދުމަށް ކުރި ޓްވީޓުތަކެއްކަމަށް ތުހުމަތުކޮށް އޭނާ ވަނީ، މިކަމުގެ ސަބަބުން އޭނާ އާއި އޭނާގެ މުޅި އާއިލާ ބަދުނާމްވި ކަމަށް ބުނެފައެވެ.

މިއަދު ޖެންޑާ މިނިސްޓްރީ އަށް އެ ކުއްޖާ ހާޒިރު ކުރިއެވެ. އަދި ޖެންޑާ އިން ވަނީ އެ ކުއްޖާގެ ބަޔާންވެސް ނަގާފައެވެ.

އަދި އެކުއްޖާ ބިރުގަނެފައި ހުރި ވަރުން ސްކޫލަށްވެސް ނުފޮނުވުނު ކަމަށް އޭނާ ބުންޏެވެ.

އެކުއްޖާގެ މަންމަ ވަނީ މިކަމާއި ގުޅިގެން އިއްޒާ އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާނެ ހާމަކޮށްފައެވެ. އަދި ހުއްދައެއް ނެެތި ގެއަށް ވަދެ ފޮޓޯ ނަގައި އާންމުކުރި މައްސަލަ އާއި އަބުރުގެ ދައުވާކުރި މައްސަލަ ޖައްސާނެ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  މިވެސް ޔާމީނު ކުރިކަމަކަށް ވާނީ

  17
  6
 2. Mh

  Thoddoo police service

  3
  8
 3. Okay

  👮👮👮👏👏👏🙇🙇🙇🙅🙅🙅👪👪👪

  6
  2
 4. ޙައުއްޑޭ

  ރާއްޖޭގައި ކިޔެވިފަ، ދެފަހަރަކު އިންޓަރނެޓްގައި ހުންނަ އާރޓިކަލްތައް ކިޔާލެވޭ މީހާވަނީ މާ އެނގޭ މީހަކަށް. ތަނަކުން އަލިކަމެއް ފެނުނަސް ތުހުމަތު، އަޑެއް އިވުނަސް ތުހުމަތު. ޝާޢްކު ބަލިން ފޯ ވެފައި މިހާރު ދިވެހިންގެ ތެރެއިން ގިނަ މީހުން ތިބެނީ.. އެކަމަކު ނަފްސާނީ މައްސަލައެއް ނެތި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު މަގުމަތިން ދާ މީހުންނަށް އަޑުއިވޭ ވަރަށް ބާރަށް ރޯނީ ކަމެއް ވީމައި. ތިޔަ ޓްވީޓް ކުރި މީހާއަށް ސާބިތު ހެކި ހުރެގެން ކުރި ކަމެއް ވަންޏާމުން ކޯޓުގައި ސަލާމަތް ވެވި ދާނެ، މިހާރު ރާއްޖޭގައި އެންމެ ރަނގަޅު ވާނީ ނުބެހޭ ކަންކަމާއި ނުބެހި އުޅުން..ކުޑަކުއްޖެއްގެ ހައްގުގައި ޓުވީޓު ކުރީމައި އުމުރު ދުވަހު ދިމަ ދިމާލަށް ބަޔާން ދެމުން ހެކިބަސް ދެމުން ދުވަން ޖެހުނީ ތި...

 5. ހަރީރާ

  އެހާ ކޮންސާރން ވާ މީހެއްނަމަ ފުރަތަމަވެސް ވާނުވާ އޮޅުން ފިލުވާލިނަމަ ދޯ. ހީރޯ ވާން ހަދައިގެން ތާހިރު ވެއްޖެއްނު!

  13
  • ޙައްގުބަސް

   މީނާގެ މައްސަލަ ބަލަންޖެހޭނެ!! އޭނާ ޖެހީނީ ކަމާބެހޭ ފަރާތައް އަންގަން!! ވާނުވާ ބަލަން!! ގޭގެއަށްވަދެ މީހުންގެ ފޮޓޯނަގާ ޙަގީގަތް ނުބަލާ މީހުންގެ އަބުރު ކަތިލެވޭގޮތަށް ކުއްޖާގެ ކަރާމާތް ގެއްލޭގޮތަށް ދޮގު މައުލޫމާތު ފަތުރަންނުޖެހޭ ސޯޝަލް މީޑިޔާގައި!! މީހުންގެ ގޮވަތި ގެދޮރަށް ހުއްދަނެތި ވަދެގެންނުވާނެ!! އާއިލާއިންޖެހޭ މިކަން ކުރި ފަރާތާދޭތެރޭ އަބުރުގެ ދަޢުވާކުރަން!! ފުލުހުންނަށާ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މައްސަލަ ވައްދަންޖެހޭ ކުއްޖާގެ މަންމަ!! ޒިންމާދާރުކުރުވަންޖެހެނީ އެއްފަރާތެއްނޫން!! ދޮގު ޙަބަރު ފަތުރާ މީހެއްގެ އަބުރު ނަގާލި ފަރާތްވެސް ޒިންމާދާރުކުރުވަންވާނެ!

 6. ފިކުރީ.

  އިއްޒައެއް އައްޒައެއް ނޯންނާނެ، މަށަށް ކުރިކަމެއްނަމަ، އައްޒަ ގެއަށް ދާން ހެހޭނީ ދެކަށިމަތި ބާއްވާފަ..

  12