އުތުރުގެ އަތޮޅުތަކުން ފެށިގެން މެދުރާއްޖެ ތެރެއާއި ހަމައަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ޔެލޯ އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ކ.އަތޮޅާއި ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެންހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ދެކުނުގެ ކަނޑުތަށް ގަދަވާނެ ކަމަށާއި އަދި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.

ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެން ވާކަމަށް ވެސް މޫސުމައި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.