ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ޒާތީ ހަސަދައެއް އޮވެގެން ހުށަހެޅި ބިލެއް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިދިޔަ ހަފްތާގައި ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހަވާލު ކުރުމަށް ހިމަނާފައިވެއެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި އިސްލާހު ހުށަހެޅުއްވުމުގެ ވިސްނުން އައީ ވީހާ ވެސް އިތުބާރު ކުރެވޭ ގޮތަކަށް އިންތިހާބުގެ ކަންކަން ބައްޓަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތައް އިތުރަށް ޑިމޮކްރެޓައިޒް ކުރުމުގެ ވިސްނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު އީސީގެ ބެލުމުގެ ދަށުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމަކީ އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދާއި ބައިނަލް އަގްވާމީ ކުޅިވަރު ފެޑެރޭޝަންތަކުގެ އުސޫލުތަކާ ފުށު އެރުން އޮންނަ ކަމެކެވެ. އެ ތަންތަނުގެ އިންތިހާބު ތިންވަނަ ފަރާތެއް މެދުވެރިކޮށް ބޭއްވުމަކަށް އެެ އުސޫލުތައް ޖަގާއެއް ނުދެއެވެ.

މި ކަމުގެ ކަންބޮޑުވުން ރާއްޖޭގައި ހަރަކާތްތެރިވާ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ޝަހްސިއްޔަތުން ފާޅުކޮށްފައިވެއެވެ. މީގެ ތެރޭގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ހިމެނިވަޑައިގަންނަވައެވެ.

"ވަގުތު" އަށް މިނިސްޓަރު އަހްމަދު މަހްލޫފް ދެއްވި ހާއްސަ އިންޓަވިއުގައި ވަނީ ކުޅިވަރުގެ ގާނޫނަށް އިސްލާާހު ގެންނަ އެ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މަހްލޫފް ސިފަ ކުރެއްވި ގޮތުގައި އެއީ ޒާތީ އަމިއްލަ މަސްލަހަތު އޮވެގެން ހުށަހެޅުއްވި ބިލެކެވެ.

"ސީވިޑް ލަތީފް ޓީޓީ އެސޯސިއޭޝަންގެ ރައީސް ކުރެއްވީ އަސާސީ ގަވާއިދަށް، މި ފަހަރު ނުހޮވުނީމަ ގޯސްވި އަޅުގަނޑު. ތިމާ ނުރުހޭ ކަމެއް ދިމާވީމަ އަޅުގަނޑު ގޯސްވަނީ، ޒާތީ މަސްލަހަތު އޮވެގެން ކުރާ ކަމެއް އެއީ، އިތުރު އެއްވެސް ކަމެއް ނޫން،" މަހްލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި މަހްލޫފް ދެން ފާހަގަކުރެއްވި ކަމަކީ ބައެއް އެހެން ކަންކަމުގައި އެމްޑީޕީގެ އިސް ބޭފުޅުންގެ ސްޓޭންޑް އޮންނަ ގޮތެވެ.

މިގޮތުން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާއި ޕްރައިމަރީތައް ބާއްވަން އީސީއަށް ހަވާލު ކުރަން ހަސަން ލަތީފް ހިމެނޭ ގޮތަށް އެމްޑީޕީގެ ގިނަ އިސް ބޭފުޅުން ވަރަށް ދެކޮޅު ކަން މަހްލޫފް ފާހަގަކުރެއްވިއެވެ. އެކަމަކު ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމަށް އީސީއަށް ހަވާލު ކުރަން ބުނާނަމަ، ދައްކާ ވާހަކަ ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަސަން ލަތީފްއަށް އަޅުގަނޑު ވެއްޖެ ފޮނުވަން އިސްލާހެއް ސިޔާސީ ޕާޓީތަކުގެ އިންތިހާބު އިލެކްޝަންސް ކޮމިޝަން އިން ބާައްވަން، އެއީ ގައިމު ވެސް ކުރެވެން އޮތް ކަމެއް،" މަޖާޒީ ގޮތެއްގައި ހަސަން ލަތީފްއަށް ފާޑުވިދާޅުވަމުން މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބު އީސީ މެދުވެރިކޮށް ބޭއްވުމަކީ ކުރެވިދާނެ ކަމެކެވެ. އެކަމަކު ތިންވަނަ ފަރާތެއް މެދުވެރިކޮށް އެސޯސިއޭޝަންތަކުގެ އިންތިހާބު ބޭއްވުމަކީ ބައިނަލްއަގްވާމީ އޮލިމްޕިކް ޗާޓަރުގައި މަނާ ކަމެކެވެ.

"[އީސީ މެދުވެރިކޮށް އިންތިހާބު ބާއްވާ ގޮތަށް] އެ ކަން އެހެން ކޮށްފިނަމަ އެ ގައުމު ސަސްޕެންޑް ކުރާނެ ކަމަަށް ލިޔެފައި އޮވޭ. ދެން ކުޅިވަރުގެ ކަންކަމުގައި އަޅުގަނޑުމެން އުޅެން ޖެހޭނީ މުޅި ދުނިޔެއާ ވަކިވެ ގަނެގެން." މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފްއާއި ހަސަން ލަތީފްއަކީ ވެސް ކުރިން ކުޅިވަރު ޝަހްސިއްޔަތުންނެވެ. މި ބިލާ މެދު ކުޅިވަރު ޝަހްސިއްޔަތުންގެ މެދުގައި ހުޔާލު ތަފާތުވުން ބޮޑެވެ. އެކަން ހަސަން ލަތީފް ވެސް ގަބޫލު ކުރައްވައެވެ. އޭނާ ވިދާޅުވީ ބިލު ފާސްކުރާނީ ކުޅިވަރު އާއިލާއިން އެދޭ އިސްލާހުތައް ހިމަނައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މަހޭގެ ދުވަސްވެސް ދިޔައީ.

    6
    1
  2. ހާމިދު ޝާހިދު

    އިތުބާރު ނެތްކަމަށް ވޯޓް ލާން ވައްދަފާނެ. މީކާއީލްގެ ބޭބެއަށް ކުޅިވަރު ވަޒީރުކަން ދޭން ވެގެން. އެހެންވީމާ، މަޖްލިސް މެމްބަރުން ކުރައްވާ ކަންކަމަށް ފާޑު ވިދާޅުނުވެ، ލަވަ ކުޅުއްވީމާ މާ ރަނގަޅުވާނެ.

  3. މޫސަ

    ބަރާބަރު ވާހަކައެއް މަހޭ. ހަސަން ލަތީފް ރޯނުއެދުރުގެ ކޮއްކޮ އިބްރާހީމް ލަތީފްއަށް ޓީޓީ އެސޯސިއޭޝަން އަތުނުވީ ދެއްތޯ