އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓްގައި އޮތީ ދިމާނުވާ "ރޯ ނުބައި" ހިސާަބުތަކެއް ކަމަށާއި އެ އޮތް ގޮތަށް ބަޖެޓް ފާސްކުރަން ވޯޓް ނުދެއްވާނެ ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ޓޮމް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތަށް އެއްވެސް މިންވަރަކަށް ބަޖެޓްގައި ރިއާޔަތް ކުރެވިފައި ނުވާ ކަމަށެވެ. ރިއާޔަތް ކުރިނަމަ ޑެފިސިޓް ބޮޑު ބަޖެޓެއް ހުށަނާޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަށާރަވަނަ މަޖިލީހުގައި ވެސް މަހިބަދޫ ދާއިރާ ތަމްސީލް ކުރެއްވި މެންބަރު ޓޮމް ވިދާޅުވީ އަންނަ އަހަރަށް ލަފާާކޮށް ފޮނުވާފައިވާ ބަޖެޓަކީ އޭނާގެ މެންބަރު ކަމުގެ ތާރީހުގައި ދުށް އެންމެ ކަމުނުދާ ބަޖެޓް ކަމަށެވެ. މިހާތަނަށް ވެސް ސަރުކާރުން ފޮނުވާ ބަޖެޓަށް ވޯޓް ދެއްވާ ކަމަށާއި އެކަމަކު މި ބަޖެޓް މި އޮތް ގޮތަށް ވޯޓް ދެއްވަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އޮތް ގޮތަށް ބަޖެޓަކަށް ވޯޓެެއް ނުދޭނަން. މި ބަޖެޓް އޮތް ގޮތަށް ފާސްކޮށްފިނަމަ ރާއްޖެ ބަނގުރޫޓުވެގެން ދާނެ. އެ ޔަގީން ކަމެއް، މި ބަޖެޓަށް ވޯޓު ނުދެވިއްޖެނަމަ މި ވާނީ އަޅުގަނޑުގެ މަޖިލީހުގެ ހަޔާތުގައި ވޯޓު ނުދެއްވާނެ ފުރަތަމަ ބަޖެޓެއް،" ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވި ގޮތުގައި ބަޖެޓްގައި ހިމަނާފައިވާ ކަންކަމަކީ މި ފަދަ ދަނޑިވަޅެއްގައި ކުރެވޭނެ ކަންކަމެއް ނޫނެވެ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް ހުވަފެން ދެއްކުމަށް ޖަހާފައިވާ ހިސާބުތަކެއްގެ ގޮތުގައި ބަޖެޓްގެ ހިސާބުތައް ޓޮމް ސިފަކުރެއްވިއެވެ.

"މި ބަޖެޓްގައި އޮތީ ރޯ ނުބައި ހިސާބުތަކެއް. މިއީ އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ އުއްމީދުގައި ރައްޔިތުންނަށް ހުވަފެން ދައްކަން ޖަހާފައި އޮތް ހިސާބުތަކެއް މީގައި ޖަހާފައި މި އޮތީ." މެންބަރު ޓޮމް ވިދާޅުވިއެވެ.

މެންބަރު ޓޮމް ވިދާޅުވީ ރާއްޖޭގައި އޭރަކު ހުންނަވާ ރައީސްއަކީ އިގްތިސާދީ މާހިރަކަށް ވުން ލާޒިމެއް ނޫން ކަމަށެވެ. އެކަމަކު ރައީސްގެ އަރިހުގައި މާލީ ލަފާ ދެއްވާނެ ވަޒީރުން ތިއްބަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަން ފާހަގަކުރައްވައި ޓޮމް ވިދާޅުވީ މާލީ ވަޒީރު އިބްރާހިމް އަމީރަށް ވެސް ކަންކަން އޮތް ސާފު ވާނެ ކަމަށާއި އޭނާ އަށް އެ ކަމުގެ އިލްމު ލިބިވަޑައިގެން ހުންނެވި ކަމަށެވެ. އެކަމަކު އެނގިވަޑައިގެން ހުންނަވާ ދިމާ ނުވާ ހިސާބުތަކެއް ހުށަހެޅުއްވުމުން އެ ކަން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސިއްތި

  ރަނގަޅު ބަޖެޓު ބަލާފައި ވޯޓްދެވޭކަށް ނެތް. ހުސްއަނގަ ސަރުކާރު

  31
  2
 2. ދަތްދޮޅި އާދަނު

  ކަންނެލި ދޯންޏެއް ދޭއިރައް ހަމަމިހާރުވެސް ވޯޓްދޭނެކަން ޔަޤީން، އެކަމު މިވެރިކަމުގަ އެކަހަލަ ސަކަރާތެއްނުޖަހާނެ، ހީނުކުރާތި ތިހެންބުނީމަ ކަންނެލިދޯނިތަކާ ކަރަޕްޝަނުގެ ފައިސާލިބޭނެކަމަށް، ހަނދާންނައްތާލާ، އެވެރިކަން މާޒީވެގޮސް ޤާދޫކޮލުން އޮބާލައިފި

  1
  22
 3. އާދަމް

  ތިޔަ ކުދިންގެ ވޯޓު ބޭނުމެއްވެސް ނުވާނެ ބަޖެޓް ފާސްކުރާކަށް. ތިޔަ ކުދިން ވޯޓުދީގެން އައި ސަރުކާރެއްވެސް ނޫން. ނޫސްތަކުންގެ ސުރުޚީތަކުން ޖާގަ ހޯދަން ކޮންމެވެސް ވާހަކައެއް ދައްކަން ޖެހޭތީ ދައްކަނީ.

  1
  19
 4. އާން ދޮގެއް

  ރަންގަޅު ވާހަކައެއް އެކަމު ކަލޭ ނުދިންސް ފާސް ކުރާނެ

  6
  2
 5. Anonymous

  ސާބަހޭ ދަރިފުޅާ. އެއްގޮތަކަށް ވެސް މިމީހުން ކުރާކަމެއްގެ ވާނުވާ ނުބަލާ އެޅިހާ ބަތަކަށް ރިހަނުވާތި. ބަހާއި ޢަމަލު ދިމާނުވާ ޒީރޯ ޓޮލަރެންސް. ރައްޔިތުންނަށް ވ. ސާފް

  20
  1
 6. ޙަސީނާޔޫސުފް

  ރޯނުބައިކަން އިގޭނީ ހިސާބު ޖަހަން އިނގޭމީހުނަށް. ހިސާބުކިޔަވާލަން އަދުރޭ ކައިއަށް ދުރުވޭ.