އީކައުންސިލްގެ ގެމެން މޮޑިއުލް މެދުވެރިކޮށް މިހާތަނަށް 1000އަށް ވުރެ ގިނަ ރިކޯޑް ޕްރޮސެސް ކުރެވިފައިވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ވިދާޅޫވެއްޖެ އެވެ.

ގެމެން މޮޑިއުލް އަކީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެން ކައުންސިލްތަކުގެ އާބާދީގެ ރަޖިސްޓްރީއާއި ގުޅޭ މަސައްކަތްތައް ހަލުވިކޮށް، ރައްކާތެރިކަމާއެކު ޙަރަދުކުޑަކޮށް އިލެކްޓްރޯނިކްކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ޙިދުމަތެކެވެ.

މި މޮޑިއުލް އަހަރުގެ ޖުލައި މަހު މާލެ ސިޓީ ކައުންސިލްގައި ލޯންޗްކޮށް ބޭނުންކުރަން ފަށާފައެވެ. މިއަދާ ހަމަޔަށް އައިއިރު މި މޮޑިއުލް ވަނީ ރާއްޖޭގެ ބޮޑެތި ހުރިހާ އާބާދީތަކެއްގައި ބޭނުންކުރަން ފެށިފައއިވާ ކަަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީން ވިދާޅުވީ، ކައުންސިލްތަކުން އާބާދީއާއި ގުޅޭ މައުލޫމާ ވަކިވަކިން ކަރުދާހުގައި ބެލެހެއްޓުމުގެ ސަބަބުން ރިކޯޑްތަކުގައި އެކި މައްސަލަތައް ދިމާވުމާއި، މައްސަލަތަކުގައި ހޭދަކުރަންޖެހޭވަގުތާއި ޙަރަދު އިންތިހާއަށް ބޮޑުއިރު، ގެމެން މޮޑިއުލްއިން މި މައްސަލަތަކަށް ހައްލެއް ގެނެވޭނެ ކަަމަށެވެ.

އަދި މުޅި ރާއްޖެއަށް ވިހާ، މަރުވާ މީހުންގެ މައުލޫމާތު އެއް ސިސްޓަމެއްގައި އެއްގޮތަކަށް ބެލެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސިއްޙީ ޙިދުމަތްދޭ އިދާރާތަކުން ގެމެން ސިސްޓަމް އަށް ވަގުތުން އެޅޭނެހެން ހުރުމުން، ހެލްތް މިނިސްޓްރީން އެ މައުލޫމާތު ކަށަވަރުކޮށް ވަގުތުން އިސްލާހުކުރަން ފަސޭހަވެގެންދާނެ ކަމަށް އެ މިިނިސްޓްރީން ވިދާޅުވިއެވެ.

ގެމެން ގެ ސަބަބުން ވަނީ ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންސް އަށް ރާއްޖޭގެ އާބާދީއާއި ގުޅޭ މައުލޫމާތު ވަގުތުން ވަގުތަށް އިނގޭނޭ މަގުފަހިވެފައެވެ. މިއާއެކު އާބާދީއާއި ގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށް ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ އެހެން އިދާރާތައް ބޭނުންވާ އާބާދީއާއި ގުޅޭ މުހިންމު މައުލޫމާތު ފަސޭހަކަމާއިއެކު ލިބި، ސަރުކާރުގެ މަސައްކަތްތަކުގެ ދުވެލިއާއި ފެންވަރު ގެމެން މޮޑިއުލްގެ އެހީގައި ކުރިއަށް ވުރެން ރަނގަޅުވުން ވެގެންދާނީ މި ޕްރޮޖެކްޓްގެ އެންމެ މައިގަނޑު މަގްސަދު ހާސިލްވުން ކަމަށެވެ.