ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފާއި ދ.ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލް ރައްޒާގް މުހައްމަދު މަގާމުން ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި އެ ދެ މައްސަލަ ވަނީ އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މަޖިލީހުގެ ތަޅުމަށް އިއްވައިފައެވެ.

އަދި އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވި ކަން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މިފަދަ މައްސަލަތައް ދިރާސާ ކުރުމުގައި ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓްގައި ވަނީ އެ މައްސަލަ ބެލުމުގައި ޖޭއެސްސީ އިން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ނުވަތަ ނުވޭތޯ ބެލުމެވެ.

ޖޭއެސްސީ އިން ގާޒީ ބާރީގެ ދެ މައްސަލައެއް ބެލިއެވެ. ފުރަތަަމަ މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކށް ހިޔާނާތްތެރިވި ފައިސާ އިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުމުގެ މައްސަލައެކެވެ. ދެވަނަ މައްސަލައަކީ 2014 އިން 2018 އަށް ގާޒީ ބާޒީ އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ބައިވެރިވެ މާލީ ބަޔާންތައް ހުށައަޅާފައިނުވާ މައްސަލައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވަން ނިންމި ހުކުމް ގާޒީ ބާރީ ހުކުމް އިއްވުމުގެ ކުރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފޮނުވިކަން ފާހަގަކުރެވުނު ކަމަށް ޖޭއެސްީގެ ބަޔާނުގައިވެއެވެ. އެ ދުވަސްވަރު އަދީބުގެ އަތްޕުޅުން ފަސް ލައްކަ ރުފިޔާ ބާރީއަށް ދީފައިވާ ކަމާއި، އޭނާ ބައްލަވައި ގަތް ފްލެޓަކަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ދެއްކިއިރު އެ ފައިސާ ހޯދި ގޮތެއް އެނގެން ނެތް ކަމަށް ބަޔާނުގައިވެއެވެ.

ދ.ދާއިރާގެ އިސް މެޖިސްޓްރޭޓާ ގުޅޭ ގޮތުން ޖޭއެސްސީ އިން ބެލި މައްސަލައަކީ ހުކުމް އިއްވާފައިވާ މައްސަލައެއްގެ ގަޟިއްޔާއެއް އަލުން ތާވަލުކޮށް ދައުވާ ރައްދުވާ ފަރާތުން ބަންދުގައި ބަހައްޓަވައިގެން ހާޒިރުކޮށް އަލުން އެ މައްސަލަ ހިންގާފައިވާ މައްސަލައެެކެވެ.

އެއީ ދ. މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ ޢިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ ހިންގި މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ އެއްވެސް ސަބަބެއް ނެތި އަނބިމީހާ ވަރިވާން އުޅޭ ކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި ކޯޓުން ނިންމާފައިވަނިކޮށް އެ ކޯޓުގައި ހިންގި މައްސަލައެކެވެ.