ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނަށް އަމަލު ކުރަމުން ނުދާ ކަމަށާއި އެކަން ހުއްޓުވުމަކަށް ގެނައުމަށް ގޮވާލައްވާ ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ މުވާސަލަތީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުކުރެވިފައިވާ އޮތޯރިޓީ އިން ދިގު މުއްދަތަކަށް ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.

އޭގެ ސަބަބުން ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އެތައް ކަމެއް ހިނގާ ކަމަށް ވިދާޅުވެ، ބޮންޑެ ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ކަސްޓަމަރުންގެ ހައްގުތައް ކަށަވަރުކޮށް ޓެލެކޮމިއުނިކޭޝަން ގާނޫނަށް އަމަލުނުކޮށް އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ.

ބޮންޑެގެ ގަރާރުގައި ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގައި އަމަލު ކުރަން ހުރި ކަންކަމުގެ ތެރެއިން އަމަލު ނުކޮށް ހުރި ބައެއް ކަންކަން ވެސް ފާހަގަކުރެއްވިއެވެ.

މިގޮތުން ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގައިވާ އެއްވެސް ގަވާއިދެއް ހަދާފައި ނުވާ ކަމާއި، ގާނޫނަށް އަމަލު ކުރާ މިންވަރު ބެލިފައި ނެތުމާއި ގާނޫނާ ހިލާފު ވެއްޖެނަމަ ފިޔަވަޅެއް އެޅިފައި ނެތް ކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގައިވާ ގޮތަށް އަގުތަކާއި ހިދުމަތުގެ ފެންވަރު ކޮންޓްރޯލްކޮށް ބެލެހެއްޓިފައި ނުވާ ކަމާއި ރާއްޖޭގައި ޒަމާނީ ފެންވަރަށް ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ގާއިމް ކުރެވިފައި ނެތް ކަން ވެސް ގަރާރުގައިވެއެވެ.

އިތުރު ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދީގެން ނަމަވެސް މުވާސަލާތީ ހިދުމަތަށް އެދެވޭ ބަދަލެއް އަންނާނެ ކަމާ މެދު ޔަގީން ކަމެއް ނެތް ކަމަށް ބޮންޑެގެ ގަރާރުގައިވެއެވެ. އެއީ ރެގިއުލޭޓް ކުރެވޭނެ މާހައުލެއް ނެތުމުގެ ސަބަބުން ކަމަށާއި އެފަދަ މާހައުލެއް އުފެއްދުމަށް ގޮވާލައްވާ ކަމަށް ގަރާރުގައިވެއެވެ.