އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި އިކޮނޮމިކް މިނިސްޓްރީއަށް ކަނޑައެޅިފައިވާ ބޮޑު ބަޖެޓް ފެނި ހައިރާންވެ އަންތަރީސް ވެގެން ދިޔަ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓް ބޮޑު ކަމުން އާޒިމް ފާޑު ވިދާޅުވި އިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން ވަކި ކުރުމުގެ މަސައްކަތެއް އެމްޑީޕީގެ އެތެރޭގައި ދަނީ ހިނގަމުންނެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.

މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އާޒިމް މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން ވިދާޅުވީ ސަރުކާރުން ކޮންމެހެން ކުރަން ޖެހޭ ވިޔަފާރިތަކަށް މި ސަރުކާރުގައި ވެސް ކުންފުނި ހަދާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި މި ގޮތަށް ގިނަ އަދަދެއްގެ ކުންފުނި ހަދައިގެން އުޅުއްވަނީ އަމިއްލަ މަންފާއަށް ކަމަށެވެ. ފުރަތަމަ ވަކި މިނިސްޓަރެއް ނުވަތަ މިނިސްޓްރީއެއްގެ ނަން ވިދާޅުނުވެ އާޒިމް ވިދާޅުވީ ބޭނުމަކީ އެހެން މިނިސްޓްރީތަކުގެ މެންޑޭޓް ތެރެއަށް މިނިސްޓްރީއަކުން ވަނުން ކަމަށެވެ.

"މި ސަރުކާރުގައި ވެސް ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ވިޔަފާރިތަކަށް ކުންފުނި ހަދައިގެން އެބަ އުޅޭ، ކީއްކުރަންތޯ، އަމިއްލަ މަންފާ ނަގަން ވެގެން. އެހެން މިނިސްޓްރީތަކުގެ މެންޑޭޓް އަމިއްލަ މިނިސްޓްރީއަށް ގެނެސް ބޮޑު ވަޒީރު ހެދިގެން އުޅެން،" އާޒިމް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް ސަރުކާރުގެ ކުންފުންޏެއް ހަދާފައިވާ ކަމާއި ދަނޑުވެރި ކަމަށް ސަރުކާރުގެ ކުންފުންޏެއް ހަދަން ނިންމާފައިވާ ކަން ފާހަގަކުރައްވައި އާޒިމް ދެން ވިދާޅުވީ އެ ކުންފުނިތަކުގައި ތިއްބެވީ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. ކުރާ ހަމައެކަނި ކަމަކީ ބޮޑު މުސާރަ ނެގުން ކަމަށް ވިދާޅުވިއެވެ.

"ކުންފުނިތަކުން ނެތް ކަމެއް ކޮށްފައެއް. ކުރި ކަމަކީ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން އެ ކުންފުނިތަކުގައި ބައިތިއްބައިގެން ބޮޑު މުސާރަ ދެމުން ގެންދަނީ. އަޅުގަނޑުމެން ރައްޔިތުންގެ މެންބަރުން ތިބެންވީތޯ މި ކަންކަމަށް ރުހިގެން؟ ހަމަ ހިތު ހުރި ކަމެއް ކުރަން ދޫކޮށްލައިގެން؟" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައިި އެ ކުންފުނިތައް އުފައްދައިގެން އަލުން ކުރަނީ އެހެން މިނިސްޓްރީތަކުގެ މެންޑޭޓްގައިވާ މަސައްކަތް ކަމަށެވެ. މިސާލެއްގެ ގޮތުން ދަނޑުވެރިކަމުގެ ކުންފުނި ނަންގަވައި ވިދާޅުވީ އެ ކުންފުނިން ކުރަނީ ފިޝަރީޒް މިނިސްޓްރީގެ މަސައްކަތް ކަމަށެވެ.

އާޒިމް ދެން ފާހަގަކުރެއްވީ މި ސަރުކާރު އައި ފަހުން އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓް ބޮޑުވަމުން އައި މިންވަރެވެ. މިގޮތުން މިދިޔަ އަހަރު އެ މިނިސްޓްރީގެ ބަޖެޓަކީ 58 މިލިއަން ރުފިޔާ އަދި މި އަހަރުގެ ބަޖެޓަކީ 105 މިލިއަން ރުފިޔާ ކަން ފާހަގަކުރެއްވިއެވެ. އަންނަ އަހަރުގެ ބަޖެޓްގައި 300 މިލިއަން ރުފިޔާ އެ މިނިސްޓްރީގެ ބަޖެޓަށް ކަނޑައަޅާފައިވާ ކަން އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު އަޖައިބުވެ އަންތަރީސްވީ އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓަށް ބަލާލުމުން، 300 އެތައް ގުނައަށް އިތުރު މި ވަނީ، މި ފެނިގެން އަޅުގަނޑު ކަންބޮޑުވެ މި ވާހަކަތައް މި ދައްކަނީ، އަޅުގަނޑު ގަބޫލު ކުރަނީ ބަޖެޓް ކޮމިޓީ އިން މި ކަންކަން ބަލައި ރިއާޔަތް ކުރާނެ ކަމަށް،" އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އަޅެ މި ނޫހުގައޭ އޮތީ އިޤްތިޞާދީ ނާރެސް ބަދަލުކޮށްލާނެ ވަޒީރަކީ އިކޮނޮމިކްސް މިނިސްޓަރޭ! އެވަރުގެ ނާރެހެން ބަދަލުކުރެވޭނީ މަދުވެގެން 200 މިލިއަން ކާލައިގެން ވަރުޖެހެގެން!

    16
  2. އެމަންޖެ

    މަޖިލީހުގެ ބަޖެޓު ބޮޑުކޮއް އެތާ ބޭފުޅުންގެ މަހު މުސާރަ މަދުވެގެން ބިލިޔަނަކައް ހަދަން ގޮވާލަން.

  3. މިއަދު

    އެއީ މިނިސްޓަރާއި ރައިސްގެ ބައި