ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދާ އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓްގެ ބަހުސް މަޖިލީހުގެ އިދާރާގައި ތިބެގެން އަޑުއަހަން ސްކޫލްތަކުގެ ދަރިވަރުންނަށް ފުރުސަތު ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ވިދާޅުވީ ދަރުމަންތަ ސްކޫލާއި، ތާޖުއްދީން ސްކޫލްއާއި، ހިރިޔާ ސްކޫލްއާއި، މަޖީދިއްޔާ ސްކޫލްއާއި، އަމީނިއްޔާ ސްކޫލްއާއި، އިސްކަންދަރު ސްކޫލްއާއި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއާއި، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ބައެއް ދަރިވަރުން މިއަދުގެ ޖަލްސާ ބަލަން އައިސް ތިބި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއަދުގެ ޖަލްސާ އަޑުއަހަން ގާތްގަނޑަކަށް 20 ދަރިވަރުން އައިސް ތިއްބެވެ. މިދިޔަ ހޯމަ ދުވަހު ވެސް ބަޖެޓްގެ ބަހުސް ކުރިއަށް ދިޔަ އިރު ބައެއް ސްކޫލްތަކުގެ ދަރިވަރުން އައިސް ބަހުސް އަޑުއެހި ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަޑުއެހުން ސްކޫލްތަކުގެ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށާއި މަޖިލީހުގެ މަސައްކަތަށް ވެސް، އަދި މަދަރުސާ ކުދިންގެ ހޭލުންތެރި ކަމަށްވެސް އިންތިހާއަށް ބޭނުންތެރި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ނިންމަވާފައިވާ ގޮތުގައި މިއަދު ބަޖެޓްގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށްދާނެއެވެ. އެމަނިކުފާނު ވިދާޅުވީ ބަޖެޓްގެ ބަހުސް ނުނިމޭނަމަ މިރޭ މެންދަމާ ހަމައަށް ވެސް ބަޖެޓްގެ ބަހުސް ކުރިއަށް ދާނެ ކަމަށެވެ.

ބަޖެޓްގެ ބަހުސްގައި ފުރަތަމަ މަރުހަލާގައި ކޮންމެ މެންބަރަކަށް 15 މިނެޓްގެ ފުރުސަތެއް ދެއްވުމށް ނިންމާފައިވެއެވެ. އަދި ބަޖެޓް ދިރާސާކުރާ ކޮމިޓީއިން އެކުލަވާލާ ރިޕޯޓަށް ބަހުސް ކުރަން ހަތް މިނެޓްގެ ފުރުސަތެއް ދެއްވުމަށެވެ. ފިނޭންސް މިނިސްޓަރަށް ޖުމުލަ 40 މިނެޓްގެ ފުރުސަތެކެވެ. އެއީ ގާތްގަނޑަކަށް ޖުމުލަ 33 ގަޑިއިރުގެ ވަގުތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަދު

    ރަނގަޅަސް ހިގާ މަޖުލިހެއްނަމަ ސުކޫލް ދަރިވަރުން ވެއްދުން ވަރަށް ރަނގަޅު. އެހެނަސް މިހާރުގެ މަޖުލިގެ ފެންވަރާ މެންބަރުންގެ އަޚްލާގަށް ބަލާ އިރު ސްކޫލް ކުދިން މަޖުލިހަށް ވެއްދުމުން އެކުދިން ދައްކުވައިދެވެނީ ވަރަށް ދަށް ނަމޫނާ އެއް.

  2. ސްވިޗް

    ތިއައީ އެއްގޮތަކަށްވެސް ކުރަންވާނެ ކަމެއް ނޫން. މިގައުމުގެ ގާނޫނު ހަދާ މަޖްލިހުގައި ދެއްކޭ ލަދުހަޔާތްނެތް އަދަބު އަޚްލާގެއްނެތް ވާހަކަތައް ކިޔަވާ ކުދިން ލައިވްކޮށް ބަލަން ވަނުން ހުއްޓުވަންޖެހޭ. މާދަމާ ކަންނޭނގެ މޭޒުތައް މައްޗަށް އަރާ ޒުލެއްހެން ހަދާލާނީ ކަންކަން ހޫނުވެގެން ގޮސް.