އިންޓެލިޖެންސް ފުލުހުން ކަމަށް ބުނެ ފަރިވާ ސްޓޭ ގެސްޓްހައުސްއަށް ވަދެ ފޭރުނު މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މިމައްސަލައިގެ ތުހުމަތުގައި އިތުރު ދެމީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް ހެދިގެން ގެސްޓްހައުސްއަކަށް ވަދެ ފޭރިފައި ވަނީ ނޮވެމްބަރ މަހުގެ 11 ދުވަހުގެ ހެނދުނުއެވެ. އެމައްސަލައިގައި ފުރަތަމަ މީހަކު ހައްޔަރު ކުރީ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ 42 އަހަރުގެ ދިވެހި ފިރިހެކެވެ.

ފުލުހުން މިއަދު ވިދާޅުވީ ފޭރުނު މައްސަލައިގައި ފަހުން ހައްޔަރު ކޮށްފައި ވަނީ 43 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިދެމީހުންނަކީ ވެސް ދިވެހިންނެވެ.

މިމައްސަލަ އާއި ގުޅިގެން ކުރިއަށް ގެންދާ ތަޙްޤީޤުގައި މިހާރު ފުލުހުން ވަނީ ފޭރުނު ބައެއް ތަކެތި ހޯދާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިމައްސަލައިގައި ފަހުން ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙްޤީޤު ކުރިއަށް ގެންދަން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ." ފުލުހުން ވިދާޅުވިއެވެ.

މަޖީދީމަގު ފަރިވާ ސްޓޭ އަށް ތިން މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސް އިން ކަމަށް ބުނެ އެތަނުގެ ތިން މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށްފަހު ގިނަ އަދަދެއްގެ ފައިސާ އާއި އެހެން ބައެއް ތަކެތި ފޭރިފައި ވެއެވެ.

މިދިޔަ މަހު ވެސް މާލޭގައި ހިންގަން އުޅުނު ބޮޑު ފޭރުމެއް ނާކާމިޔާބު ކޮށްލާފައި ވެއެވެ. ބީއޯސީއަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ އެފަހަރު ފޭރިގަންނަން އުޅެނިކޮށް އެކަން ހުއްޓުވީ ބޭންކްގެ ސެކިއުރިޓީ ގާޑެވެ. އެމައްސަލައިގައި ހަތް މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.