ކުރިމަތިގައި އޮތް ބޮޑު އިޤްތިޞޯދީ އަނދަވަޅާއި އޭގެ ޙައްލާ ދެމެދު ހުރަހެއްވާނަމަ، އެއީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިހަ ދޫ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނީ، އިއްޔެ އެމްޑީޕީގެ ހަރުގޭގައި ރައީސް ނަޝީދު، ޗައިނައާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާއަށް ދައްކަން ޖެހޭ ފައިސާ ބަޖެޓްގައި ޖަހަން ޖެހުމުގެ ސަބަބުން ބަޖެޓް ވަރަށް ބޮޑަށް "ހުތުރު" ވެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިދިކޮޅުން ބުނީ، 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން، ޗައިނާ ފަދަ ރާއްޖެއާ އެކުވެރި ޤައުމުތަކަށް އަނެއްކާވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވާ، ސާބިތުނުހިފޭ ވާހަކަތައް ދައްކާފައިވާަ ވަނީ ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން އެމް.ޑީ.ޕީ އަށް އަމާޒުވަމުންދާތީ، ކަމުގެ ހަޤީޤަތް އޮޅުވާލައި ހިންގަން ވިސްނާފައިވާ ޖަރީމާ ފޮރުވުމުގެ ނިޔަތުގައި ކަަމަށެވެ. އެކަން ކުށްވެރިކުރާ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ، ސަރުކާރުގެ އިސްރާފާއި ފަސާދަ އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން، ޤައުމުގެ އިޤްތިޞާދަށް މިއަދު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވަމުންދާއިރު، އެކަމުގެ ޒިންމާއިން ރައީސް އިބްރާހިމް ޞާލިޙު އަދި ވެރިކަންކުރާ ޕާޓީ ރެކުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ނުވަތަ ކުރީގެ ސަރުކާރަށް އަމާޒުކޮށް ދޮގު ވާހަކަ ދެއްކުމަކީ، ޞީއްޙީ ބޮޑު ކާރިސާއެއްގެ ތެރޭގައި އިޤްތިޞާދު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި، އެއީ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން އެންގިގެންދާ ދަލީލެއް ކަމަށްވެސް އިދިކޮޅުން ބުނެއެވެ،

"ޕީ.ޕީ.އެމް. ގެ ސަރުކާރުގައި، ދިވެހި ތާރީޚުގައިވެސް ނުފެންނަފަދަ ގިނަގުނަ މުހިންމު ތަރައްޤީގެ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ޤައުމުގައި ކުރެވުނު އިރު، ނެގުނު ހުރިހާ ލޯނެއް، ކުޑަވެސް ދައްޗެއްނެތި ދައްކާ ޚަލާސްކުރާނެ ހަކަތަވެސް ވާނީ ޤާއިމުކޮށްފައެވެ. އިޤްތިޞާދު އޮންނާނީ ދުޅަހެޔޮކަންމަތީއެވެ. ރައީސް ޔާމީން އުފައްދަވާދެއްވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018 ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެއެވެ. އިތުރަށް ދައުލަތަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި، މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ޚަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެއެވެ. އަދި، މިއަދު ޕީ.ޕީ.އެމް ގެ ވެރިކަން އޮތް ނަމަ، އޭގައި އެ ފަންޑުގައި އޭގެ ދެގުނައަށް ފައިސާ ރައްކާކުރެވިފައި ހުންނާނެކަން އަޅުގަނޑުމެން އެއިރު ކޮށްފައިވާ އަންދާޒާތަކުންނާއި އެއިރު ދައުލަތުގެ މާލިއްޔަތު އޮތްގޮތަށް ބަލާފައި ޔަޤީންކުރެވެއެވެ". އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނީ، އެ މީހުންގެ ސަރުކާރުގައި ޗައިނާއާ ދެމެދު ތަރައްޤީގެ ރޮނގުން އުފެދިފައި އޮތް ގުޅުމުގެ ސަބަބުން، އެޤައުމުން ދިވެހިންނަށް ޚާއްޞަ އިސްކަމެއް އަބަދުވެސް ދެމުންދާނެ ކަަމަށެވެ.

އަދި ކުރިއަށް އޮތް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ވިސްނިގެން، އެކަމުގެ ރުޅީގައި އަނެއްކާވެސް ޗައިނާއަށް އެއްޗެތި ގޮވައިގެން މިއަދު ފަރުނުޖެއްސޭނެކަން ރައީސް ނަޝީދަށް ހަނދާންކޮށްދޭ ކަމަށް އެ ބަޔާނުގައި ވެއެވެ،

"އެއިރު ދެއްކި ދޮގު ވާހަކަތައް ރައްޔިތުންނަށް މިއަދު އެނގި، އޮޅުން ފިލާފައިވާއިރު، އެއް ހަރަކުން މުޢުމިނެއްގެ ގަޔަށް ކަށި ނުޖެހޭނެކަންވެސް ހަނދާންކޮށްދެމެވެ". އިދިކޮޅުގެ ބަޔާނުގައި ވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް-19ގެ ކާރިސާ ފެށުނީއްސުރެ ސަރުކާރުން ހަދަމުންދާ އިޤްތިޞާދީ ބޮޑެތި ގޯސްތަކުގެ ސަބަބުން، އެއްވެސް ލޯނެއް ނުދެއްކޭނެކަމަށް ވާނަމަ، އެ ލޯނުތައްވެސް ޗައިނާއިން ފަސްކޮށްދޭނެކަމަށް މިހާރުވެސް ހާމަކޮށްފައިވާ ކަަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑުބައެއް ކަނޑައަޅަށް ޤަސްދުކޮށް، ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ލޯނުގެ ވާހަކަ ދައްކަން ޖާގައެއް ނޯންނާނެއެވެ. އިޤްތިޞާދު ފޫދިޔައީ އެމް.ޑީ.ޕީ ގެ ހިންގުމުގެ ހުނަރާއި، އިޙްލާސްތެރިކަމާއި، ޤާބިލުކަމާއި، ތަޖުރިބާ އަދި ރޭވުންތެރިކަން ނެތުމުންނެވެ". އެ ބަޔާނުގައިި ވއެވެ.

އަދި ރައީސް ޞާލިޙް ގެންގުޅުއްވާ ދެ އަނގައިން ވާހަކަދެއްކުމުގެ ސިޔާސަތު އެބަ ބަދަލު ކުރަން ޖެހޭ ކަމަށާއި،. އެއްކޮޅުން، ފޮރިން މިނިސްޓަރު ޝާހިދު ލައްވާ ޗައިނާއަށް ސަނާ ކިޔާއިރު، އަނެއްކޮޅުން ރައީސް ނަޝީދު ލައްވާ ޗައިނާއަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހޭ ކަމަށް އިދިކޮޅުން ބުންޏެވެ.

"ޗައިނާއަކީ ދިވެހި ރައްޔިތުންނަށް މީގެ ކުރިންވެސް ބޮޑެތި އެހީތަކެއް، ބަދަލުގައި އަސްކަރީ އަދި އިސްތިޤްލާލަށް ބުރޫ އަރާފާނެފަދަ އެއްވެސް ހުށަހެޅުމަކާނުލާ އަދި އިތުރު ކަމެއް މަތިނުކޮށް، ދީފައިވާ ޤައުމެކެވެ. އަދި، ލުއި ގޮތްތައްވެސް ހަދާދީފައިވާ ޤައުމެކެވެ. އެގޮތަށް މިވަގުތުވެސް އަމަލުކުރާނެކަން ކަށަވަރެވެ. މިދަނޑިވަޅުގައި، ކުރިމަތިގައި އޮތް ބޮޑު އިޤްތިޞާދީ އަނދަވަޅާއި އޭގެ ޙައްލާ ދެމެދު ހުރަހެއްވާނަމަ، އެއީ ނަޝީދުގެ ވިހަ ދުލެވެ. ވިޔާނުދާ އަނގައެވެ. ހިމާރުގެ އަޑެވެ. މިލޯނުތައް ފަސްކޮށް، ލުއިގޮތްތަކެއް ހޯދައިގެން، ރައްޔިތުންނަށް މިކާރިސާއިން އަރައިގަންނަން ޖާގަ ލިބުމަކަށް އިތުރު ހުރަހެއް ނެތެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ސްނޭޕް

  އަދުރޭ އާ ނިހާނުގެ ދުލުން އެސްފީނާ ނުޖެހޭ މީހަކު މި ގައުމުގަ މަދުވާނެ

  1
  3
 2. ކަން ކަށި މައް ޗޭ

  ކަލޯ މެން ކިޔާ އެއްޗެހި އަޑު އަހާނެ އައުލާދެއް ނެތް

  1
  6