ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި އަމިއްލަ ވިޔަފާރީގެ އެކައުންޓްތައް ފްރީޒް ކުރި ވާހަކައާއި އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ދިން އަނިޔާއެއްގެ ގޮތުގައި ސިފަ ކުރައްވައި މީދޫ ދާއިރާގެ މެންބަރު، ސަން ޓްރެވެލްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސަށް ވާހަކަ ދައްކަވަމުން އެމްޑީއޭގެ ލީޑަރު ކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ ވިޔަފާރީގެ އާމްދަނީ ދަށްވި ނަމަވެސް އެންމެ މުވައްޒަފެއްގެ މުސާރަ އުނި ނުކުރާ ކަމަށެވެ. އެކަން ކުރީ އެކައުންޓްތައް ފްރީޒް ވެސް ކޮށްފައިވަނިކޮށް ކަން ފާހަގަކުރެއްވިއެވެ.

ސިޔާމް އަމިއްލަ ވިޔަފާރީގެ ވާހަކަ ދައްކަވަން ފެށްޓެވުމުން ވާހަކަ ހުއްޓުވާފައި، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ހުށަހެޅިފައިވަނީ ދައުލަތުގެ ބަޖެޓްގެ މައްސަލަ ކަމަށާއި އެ މައްސަލައަށް ބަހުސް ކުރައްވަމުން އަމިއްލަ ވިޔަފާރީގެ ވާހަކަ ދެއްކެވުމަކީ މަނާ ކަމެއް ކަމަށެވެ.

އަނެއްކާ ވެސް ސިޔާމަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ އެ ކަމަކީ އަދުލު އިންސާފާއި ދައުލަތުގެ ބަޖެޓްގެ ވާހަކަ ކަމަށެވެ. އެއީ މަޖިލީހުގައި ދެއްކެވޭނެ ވާހަކައެއް ކަމަށާއި ރާއްޖޭގައި އިންސާފު ނެތް ކަން އޭނާގެ މައްސަލައިން އެނގިގެންދާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ފާހަގަ ކުރެއްވި މައްސަލައަކީ، ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވެލްސް އިން ބާތިލް ކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއް ގޮތަށް ސަން ޓްރެވެލްސް އިން ފައިސާ ނުދައްކާތީ ހިލްޓަން އިން ހުށަހެޅި މައްސަލައެކެވެ. މި މައްސަލާގައި ސިޔާމްގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން ކުރި އަމުރެއްގެ ދަށުން އެކައުންޓްތައް ފްރީޒް ކޮށްފައިވެއެވެ.

ސިޔާމް ވިދާޅުވީ އެ ކަމަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައީސް ނަޝީދު އިންނަވައިގެން އެމަނިކުފާނު ބޭނުންފުޅު ވެގެން ކުރެއްވި ކަމެއް ކަމަށެވެ. އެއީ ރައީސް ނަޝީދު އޭނާއަށް ދިން އަނިޔާއެއް ކަމަށް ވިދާޅުވިއެވެ.

"މި މަޖިލިހުގެ ރައީސްއަކަށް ހުންނަވައި ޖޭއެސްސީ މެދުވެރިކޮށް ޝަރީއަތަށް ނުފޫޒު ފޯރުވަމުން ތި ދަނީ، މި މަޖިލިސް ޝަރުއީ ކޯޓަކަށް މަނިކުފާނު ހައްދަވައިފި، ރައްޔިތުންގެ މަޖިލިސް މުޅިން ހަރާބުކޮށްލައިފި، މަނިކުފާނު ހުންނަވައިގެން އަޅުގަނޑަށް ތިޔަ ދިނީ ބޮޑު އަނިޔާއެއް އިނގޭތޯ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް މިހެން ވިދާޅުވުމާ އެކު ރައީސް ނަޝީދު އަނެއްކާ ވެސް ސިޔާމްގެ ވާހަކަ ހުއްޓުވިއެވެ. އަދި މަޖިލިހުގައި އަމިއްލަ ވިޔަފާރިއާއި އަމިއްލަ ވިޔަފާރީގެ އެކައުންޓް ފްރީޒް ކުރުން ފަދަ އަމިއްލަ މަސްލަހަތު ހުރި ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަން އަނެއްކާ ވެސް ނަޝީދު ވިދާޅުވިއެވެ.

ދެން ސިޔާމަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނުފޫޒު ފޯރުވައިގެން ޝަރީއަތްތައް ހިންގަވައިނަމަ އެއީ އޭނާގެ އަމިއްލަ މަސްލަހަތު ހުރި ކަމެއް ނޫން ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހުރި ވާހަކައެއް ކަމަށެވެ.

ސިންގަޕޫރުން އާބިޓްރޭޝަނުން ހިލްޓަންއާ އެއްކޮޅަށް މި މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ގައި ވަނީ ސަން ޓްރެވެލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމް ވެސް ކުރިއެވެ. އޭރު ސިޔާމަކީ ވެރިކަން ކުރާ ކޯލިޝަންގެ އެއް ޕާޓްނަރެވެ.

އެކަމަކު ފަހުން ހައި ކޯޓުން އެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓަށް އަނބުރާ މައްސަލަ ފޮނުވާލިއެވެ. ސިވިލް ކޯޓުން އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނެރުނީ އެ މައްސަލަ އަލުން ބަލަން ފަށަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މިހާރު

  ދެންސިޔާމް ލަލަލާ؟؟

  8
  20
 2. ނަޖްވާ

  ތި ސިޔާމު މެންނަކީ ސަރުކާރަށް ނުފޫޒު ފޯރުވައިގެން ރަށްރަށް ދަމައިގަނެ ވިޔަފާރި ކުރަމުންދާ މީހެއް ކަމަށް ބެލެވޭ މީހެއް! ލަންކާގެ މިހާރު ސަރުކާރު ހިންގާ މައި ޕާޓީގެ ކެމްޕޭނަށްވެސް ފައިސާދިން ކަމަށް ވޭ، އެ ޤައުމުގެ ޤާނޫނު އަސާސީގައި ހުއްދަ ނުކުރާ ތާކު މޫދު ކޮޓަރި އަޅަންްވެގެން! ކީކޭ ދެން އަޅެފަހެ ބުނާނީކީ!

  4
  13
 3. ދާއިރާގެ ކައުންސިލަރު

  އެ ގޮތަށް އަމިއްލަ ވާހަކަ ދެއްކުމަކީ ދާއިރާ ގެ ރައްޔިތުންނަށް ޣައްދާރު ވުން

  9
  22
 4. ދަރަނި ދަންތުރަ

  ނޫނޭ ސިޔާމޫ އަނިޔާވެރިވާނީ ހަމައެކަނި ޔާމީނު ، ދެން ސިޔާމު ބޯންއުޅުނު ބޮނޑި ތިއޮތީ ބޮވިފައި ދެން ރާކަނިމަސްކެވޭތޯ ބަލާ

  19
  1
 5. ގޫބެ

  މަޖިލީހުން ގަދަކަމުން މާރާމާރީ ހިންގާ މީހުންގެގަޔަށް ބޮލަށް އަރަން މަޖިލީހުގެ ރައީސް އެންގުމަކީ ހުއްދަކަމެއްތޯ ކަނޑައެޅިގެން މަނާކަމެއް އެއީ މަނާކަމަކީ ބީތާވެފަހުރި މީހަކު ރައީސްކަމަށް ލުމަށްވުރެ ހިޓުލަރުގެ ފޮޓޯ ގަނޑެއް މަޖުލީހުގެ ރައީސްގެ ގޮތުގައި ބެހެއްޓުން މާ ރަނގަޅު.

  28
  2
 6. ޙސހސހ

  ޝިޔާމް ކަލެޔަށް ތިފެންނަނީ ކަލޭވެސް މައުމުނާއި އެމްޑީޕީ ޔަށް ބަޔަތުހިފާ ޤައުމަށް ޣައްދާރު ވުމުގެ ނަތީޖަ. ދެން ހުރޭ ހިތި ބޮއިގެން.

  35
  3