އިކުއެޓޯރިއަލް ގިނީ ގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ހޮންކޮންގ ގެ "އެމްވީ ޕްރޮސްޕެރިޓީ 103" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިފައިންގެ އެހީތެރިކަމާއި އެކު އައްޑުއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "އެމްވީ ޕްރޮސްޕެރިޓީ 103" ނަމަކަށް ކިޔާ ބޯޓުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްދީފައި ވާނެ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިމަހު 23 ވަނަ ދުވަހު މެންދުރު 13:15 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

މި ބަލިމީހާ އައްޑޫ ސިޓީ ހިތަދޫއަށް ގެނެސްދިނުމަށް ރޭ ފަތިހު 06:00 ހާއިރު ޑޮކްޓަރުންގެ ޓީމަކާއެކު ސިފައިން ވަނީ އެ ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރާފައި ކަމަށާއި މިިބަލިމީހާ އެމްއެންޑީއެެފް ކޯސްޓްގާޑްގެ އުޅަނދަަށް ނަގާފައިވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު އައްޑޫ ސިޓީ ގަމުގެ 7 ނޯޓިކަލް މޭލު ބޭރަށް މި ބޯޓު ކައިރިކުރުމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ބަލި މީހަކީ، އުމުރުން 28 އަހަރުގެ ޗައިނާގެ ރައްޔިތެކެވެ. މި ބަލިމީހާ މިއަދު 07:15 ހާއިރު ވަނީ އައްޑޫ ސިޓީ ހިތަދޫއަށް ގެންގޮސްދީފައެވެ.