އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމާ ގުޅޭ ގޮތުންން އިނގިރޭސިވިލާތާއެކު މަޝްވަރާތައް ކުރިއަށްގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އިނގިރޭސި ޚާރިޖީ އޮފީހުގެ މިނިސްޓަރ ފޮރ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިޤް އަޙްމަދު އޮފް ވިމްބެލްޑަން އާއި މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ނިރުބަވެރިކަމާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާއެކު ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ޝުކުރު އަދާކުރެއްވި ކަމަށެވެ.

އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް26 ގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

އަދި 2021 ވަނަ އަހަރު ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން ލޯޑް އަޙްމަދުއާއި މިނިސްޓަރ ޝާހިދު މަޝްވަރާކުރެވިގެން ދިޔަ ކަމަށާއި، ދެ ގައުމުގެ މެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި، ދެގައުމަށް މުހިއްމު އެހެނިހެން ބައެއް ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.