އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތަހުގީގުގެ ދުވެލި ލަސް ކަމަށާއި އޭގެ ސަބަބުން އެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު "ބޮލުގައި އެޅުވިގެން އިންނަން" ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިދިޔަ ހަފްތާގައި ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ ފައިސާ ޖަމާކޮށް އެކި ކުންފުނިތަކަށް ބަހަމުން ދިޔައީ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ.

އެ އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި އެކައުންޓްތަކުގެ ލިސްޓްގައި މަހްލޫފްޓްގެ އެކައުންޓް ވެސް އޮތެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓްގައިވާ ގޮތުން، މަހްފޫލްގެ އެކައުންޓަށް 33،000 ޑޮލަރު (ފަސް ލައްކަ ދިވެހި ރުފިޔާ) ޖަމާކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަހްލޫފް ސަސްޕެންޑް ވެސް ކުރިއެވެ. ފަހުން މަހްލޫފްގެ ސަސްޕެންޝަން އުވާލީ އެ ކަމުގައި އޭނާ ބައިވެރިވި ކަމަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް އެ ވަގުތަށް ލިބިފައި ނުވާ ކަމަށް އޭސީސީ އިން ރައީސް އޮފީހަށް އެންގުމުންނެވެ.

މި ކަމާ ގުޅިގެން މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ އެއީ ޑޮލަރު ގަތުމަށް ހިންގަވާފައިވާ ސައްހަ މުއާމަލާތެއް ކަމަށެވެ. ޑޮލަރު ގަތީ އާއިލާގެ ވިޔަފާރިއަކަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ޑޮލަރު ޖަމާވެފައިވާ ކަން އެނގުނީ ވަރަށް ފަހުން ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މަހްލޫފް ވަނީ ހިޔާނާތުގެ ތަހުގީގު ލަސްވަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

މަހްލޫފް ވިދާޅުވީ މައްސަލައިގެ ތަހުގީގު ލަސްވަމުން ދިއުމާ ގުޅިގެން "ޕްރެޝަރަކަށް" ދިމާވާ ކަމަކަށް އޮންނަނީ ބައެއް މީހުން އޭނާއަށް ދިމާއަށް ދޭތެރެއަކުން "ވަގަށް ގޮވާލުން" ކަމަށެވެ. އޭނާ ބޭނުން ވަނީ ހިޔާނާތުގެ ތަހުގީގު އަވަހަށް ނިމެން ކަމަށާއި އެހެން ނޫން ނަމަ ފަސޭހަ ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ބޮލުގައި އެމްއެމްޕިއާރުސީ ހިޔާނާތުގެ ފައިސާ ބޭނުން ކުރި މީހެއްގެ ތުހުމަތު ބޮލުގައި އެޅިގެން އިނުމަކީ ފަސޭހަ ކަމެއް ނޫން. އަދިވެސް ދެ އަހަރު ވެގެން ދިޔައިރު އަޅުގަނޑާ މިއިން ބޭފުޅަކު ސުވާލެއް ވެސް ނުކުރޭ. އަޅުގަނޑުގެ ޕޮއިންޓްއަކީ އަޅުގަނޑު މި ތަނުގައި މި މަގާމުގައި ހުންނަނަމަ އަޅުގަނޑުގެ މައްސަލަ ފުރަތަމަ ބަލައިދޭށޭ." މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް ކުރިން ދެއްކެވި ބައެއް ވާހަކަ ވެސް ތަކުރާރު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ މުއާމަލާތަކީ 2014 ގައި ކުރެވުނު މުއާމަލާތެއް ކަމަށެވެ. ހިޔާނާތް ހިނގައި ކަން ތިލަވެގެން އައީ ވެސް 2015 ގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ވަގުތު ކުރި މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް މަހްލުފް ވިދާޅުވިއެވެ.

އަދި އޭނާއަކީ އަދީބު ބޭނުންވެގެން އުޅުނު ގިނަ ބަދަލުތަކާ ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވި މެންބަރު ކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އަދީބަށް އޭގެ ބަދަލުގައި ދެވުނު މަންފާއެއް ވެސް ނެތް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އެސްއޯއެފްއަކީ ވެސް ރަޖިސްޓްރީ ކޮށްފައި އޮތް ކުންފުންޏެއް. އޭރަކު ކާކަށް ކިހިނެއް އެނގެނީ މިއީ ކިހިނެއް އަންނަ ފައިސާއެއް ކަމެއް؟ އަޅުގަނޑަށް ބެނެފިޓްއެއް ވެސް ނުވޭ. އަދީބަށް ބެނެފިޓްވާ ކަމެއް އަޅުގަނޑުގެ ފަރާތުން ކުރީއެއް ނޫން، ގާނޫނުއަސާސީ ބަދަލު ކުރަންށާއި އަދީބު ނައިބު ރައީސް ކަމަށް ގެންނަން ވޯޓު ނުދިން މަދު މަޖިލިސް މެންބަރުންގެ ތެރޭގައި އަޅުގަނޑު ވާނެ." މަހްލޫފް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕިއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ. އެ ފައިސާ ލިބިި މަންފާވި ކަމަށް ބެލެވޭ 500 އަށް ވުރެ ގިނަ މީހުންގެ ލިސްޓެއް އޮތްއިރު ދައުވާ ކުރުމުގެ މަރުހަލާއަށް އައުމުން ކޮންމެ ނަމެއް ހާމަކުރާނެ ކަމަށް މައްސަލަ ތަހުގީގު ކުރަމުންދާ އިދާރާތަކުން ބުނެއެވެ. އެ މައްސަލަ މި ސަރުކާރުގައި ތަހުގީގު ކުރަމުންދަނީ އޭސީސީ އާއި ޕްރޮސެކިއުޓާ ޖެނެރަލްއާއި ފުލުހުންނާއި ރައީސްގެ ރިޔާސީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަންއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މަކ؛ރުވެރި ވަގު ވާހަކަ ނުދައްކާ

  2. ހުސޭނުބޭ

    ލަސްވިޔަސް ނުވިޔަސް، ތަޙްޤީޤު ކުރިޔަސް ނުކުރިޔަސް އެމްއެމްޕީއާރުސީގެ ޑޮލަރުތައް ނުކާކަމަކަށް ނުވާނެ! ދެން ތަތްމަސް ނުކާން ހައްޖުވި ބުޅަލަށް ވެގެން އުޅޭނެކަމެއްނެތް!

    16
  3. ޅަތީފް

    ވަގެ އްތިޔަ އީ ލޮލް

    16
  4. އަލިބެއްޔާ

    ވަގެއް ވަގެއް ވަގެއް.. އަހަންނަކީ ވަގެކޭ އެބަ ކިޔާތަ؟؟؟ ހެހެހެހެ

    14
  5. މިއަދު

    ޢެމްއެމްޕީ އާރުސީ މައްސަލަ މިސަރުކާރާއި ސަރުކާރު ކޯލިޝަންގެ ޕާޓީއަކަށް ނިސްބަތްވާ މީހަކު ނުއެގެޔޭބުނީމަ ނުއެގެ.ރ ޔާމީނު ނިއެގެޔޭބުނީމަ އެކުރީ އަދީބިވެސް ޔާމީނޭބުނެފިނަމަ އޯކޭ ކޯލިޝަން ޕާޓީއަކަށް ނިސްބަތްވާމީހެކޭބުނެފިނަމަ ހުސްދޮގު މިއީ މިގައުމުގެ އިންސާފްގުމިންވަރު

    13
  6. ކޮވިޑް

    ރައީސް ޔާމިން އެކައުންޓަށް ފައިސާ ޖަމާކުރީވެސް ތިބުނާ އެކައުންޓަކުން މަހުލޫފު އެކައުންޓަށްވެސް ޖަމާކުރީ ހަމަ އެ އެކައުންޓުން ، ރައީސް ޔާމިން އެކައުންޓަށް ޖަމާވިފައިސާ އެހުރީ ފެންނަން ސަރުކާރަށް ނެގޭގޮތަށް ، މަހުލޫފު އެކައުންޓަށް ޖަމާވި ކަމަށްބުނާ 33 ހާސް ޑޮލަރު ދިޔައީ ކޮންތާކަށް؟ އެހެންވީމާ ވަގަކީ ކާކު؟މަށޭކިޔާތަ!

  7. Anonymous

    ތުހުމަތު ކުރެވޭ ނަމަ ޒިންމާ ތަކުން ދުރުކުރޭ ތިހާ މައުސޫމުކަމަށް ދެއްކެން ބޭނުން ނަމަ ތަހުގިގު ނިމެންދެން ގޭގައި މަޑުކޮއްލާ. ދެއްކުންތެރިޔާ

  8. ޔާގުންޑޭ

    ތިގޮލާއަށް ބައި އެޅި ހަނދާނެއް ނެތް؟