ގެއްލިގެން ހޯދަން އިއުލާނުކުރި ޝިރުމީނާ އަބޫބަކުރު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނުނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. ޝިރުމީނާ ފެނިފައި ވަނީ، އޭނާ ގެއްލިގެން ހޯދަން އާއްމުންގެ އެހީއަށް ފުލުހުން އެދުނު ފަހުންނެވެ. އޭނާ ދިރިއުޅޭ ގޭގެ ސިޑިމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ކަމަށް އާއިލާ އިން ބުނީ ނޮވެމްބަރު ދޭއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޝިރުމީނާ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން 31 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކުރިއެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގުގައި ކުރިއަށް ގެންދަން ކޯޓުން ފުރަތަމަ ދިން 15 ދުވަސް ހަމަވުމާ އެކު، އިއްޔެ އަނެއްކާ ވެސް ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

ޝިރުމީނާގެ އާއިލާ މީހަކު "ވަގުތު"އަށް ބުނީ ޝިރުމީނާ ކައިރިން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ ބަޔަކު ރަހީނު ކުރީ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ނުދީފި ނަމަ، މަރާލާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ބުނެއެވެ.

ރަހީން ކުރި މީހުން ފައިސާ އަށް ޑިމާންޑް ކުރި އިރު، ޝިރުމީނާ އެމީހުންނަށް 20،000ރ. ދީފައިވާ ކަމަށްވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ޝިރުމީނާ ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމެއިލްކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެއްޔާ

    ކޮން ކުޑަ ކުއްޖެއް.. ޖިސްމާނީ ބޮޑެތި އަނިޔާ ދެމުންދާއިރު ކުޑަކުއްޖެކޭ ކިޔާ ފަރުޖައްސާގެން ނުވާނެ..

    65
    2
  2. ހަޖަމް

    ޝިރުމީނާ އަބޫބަކުރު އަދި އައިމިނަތު ވަހީދާ (ޓެކްސީ ޑްރައިވަރ) އަށް ފުރާފުރިހަމަވެފަ ތިބި އެކަމަކު ހަމަ ބުއްދި ނެތް ބޮޑެތި ފިރިހެނުން ދިން އަނިޔާ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން. މިއަދު ތިހެން ބިރަކާނުލާ މަޖާކުރުމުގެ ނަތީޖާ އާޚިރުގަ ހިތިވާނެ. ހެޕީ މެންސް ޑޭ.

    17
    1
  3. Anonymous

    މީހުން ރަހީނު ކުރަންވީތަ ކުޑައެއްނޫން. އިތުރު މީހަކު ރަހީނު ނުކުރެވޭވަރަށް އަދަބު ދޭއްވީ

    18
  4. Anonymous

    މީހުން ރަހީނު ކުރަންވީތަ ކުޑައެއްނޫން. އިތުރު މީހަކު ރަހީނު ނުކުރެވޭވަރަށް ޙައްޤު އަދަބު ދޭއްވީ

    17