ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ނާރުގެ ބަލިތަކުގެ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިއަދު ސެނަހިޔަގައި މިލިޓަރީ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި އާ ހިދުމަތްތަކާއެކު ލެބޯޓްރީ ހުޅުވައިދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ޗެއަރޕާސަން އަލްފާޞިލާ ފާތިމަތު ފިރާޝާއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ލެބޯޓަރީން ދެމުގެންދާ ހިދުމަތްތައް އިތުރުކޮށް ނާރުގެ ބަލިތަކާ ގުޅުންހުރި ޓެސްޓްތައް ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިއީ ސެނަހިޔައިން މުޅިން އަލަށް ދޭންފެށި ހިދުމަތެއް ކަމަށާއި، މީގެ އިތުރުން ލެބޯޓްރީއަށް ގެންވިފައިވާ ބަދަލުތަކާއެކު ލޭގެ ސާމަޕަލު ނެގުމަށް 4 ސްޓޭޝަނެއް މިހާރު ގާއިމްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އޭގެތެރޭގައި ތުއްތު ކުދިންގެ ލޭގެ ސާމަޕަލް ނެގުމަށް ޚާއްޞަ ސްޓޭޝަނެއް ހިމެނެއެވެ.

މި ބަދަލުތަކާއެކުގައި އެކްސްރޭ، ފިޒިއޮތެރެޕީ، އަދި ލެބޯޓްރީގެ ޚިދުމަތަށް އެދޭ މެމޯ ހެއްދުމުގެ ޚިދުމަތް ލެބޯޓްރީ ކައުންޓަރުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދެމުން ގެންދާ ލެބޯޓްރީ ހިދުމަތް އަޕްގްރޭޑް ކުރުމަށްފަހު ލެބޯޓްރީ ހުޅުވަމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް މެޑިކަލް ކޯރ ގެ ސަރޖަން ޖެނެރަލް، ކާނަލް ޑރ.ޢަލީ ޝާހިދު މުޙައްމަދާއި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ މޭޖަރ އައިމިނަތު ޝުމްރާއާއި ސެނަހިޔަގެ އިސް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.