ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެއިލްވެފައިވާ ކަމަށާއި އެ ފޮރުވަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިނގިލި ދިއްކުރެވިޔަސް ރައީސް ސޯލިހްގެ އަމިއްލަފުޅު ޕާޓީގައި "ހުޅު ރޯވެއްޖެ" ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި މި ގޮތަށް ވިދާޅުވެފައި މިވަނީ، ދައުލަތުގެ ދަރަނި ބޮޑުވަމުން ދަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި "ގައުމު ދަރުވާލީމަ" ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވަނިކޮށެވެ.

ޖަމީލް ކުރެއްވި ޓްވީޓްގައި ވަނީ ރައީސް ސޯލިހަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ފައިސާގައި ރައީސް ސޯލިހް ޖެހިވަޑައިގެންފައިވާ ކަމުގެ ތުހުމަތު ކުރެވޭ ކަމަށާއި އެއީ ސީރިއަސް ތުހުމަތެއް ކަމަށެވެ.

ކުރީގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މޭސްތެރިޔާ ކަމުގައި ބެލެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު "އަޑި ނޭނގޭ" އެއްބަސްވުންތައް" އެކުލަވާފައިވާ ކަމަށް ކުރިން ވެސް ވިދާޅުވާ ވާހަކަ ޖަމީލް ޓްވީޓްގައި ލިޔުއްވާފައިވެއެވެ. އަދި ޓެކްސް އާއި ޖޫރިމަނާގެ ނަމުގައި ނަންގަވާ ފައިސާއިން ސީދާ ކޮރަޕްޝަން ހިންގަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިނގިލި ދިއްކުރައްވައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ އަމިއްލަފުޅަށް ފެއިލް ވެފައިވާ ކަން ފޮރުވަން ކަމަށާއި އޭގެ ސަބަބުން އަމިއްލަފުޅު ޕާޓީގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ބޮޑުވެ "ހުޅު ރޯވެފައިވާ" ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަމިއްލަ ޕާޓީތެރޭގައި ވެސް ހުޅު ރޯވެފައި. އަސްލު ވެރިމީހާ ހުންނެވީ މަޖިލިހުގައި. މަނިކުފާނު (ރައީސް ސޯލިހް) ހަމައެކަނި ވަގުތު ގުނަނީ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވައި ޖަމީލް ލިޔުއްވާފައިވެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ބޮޑުވުމާ އެކު ރައީސް ނަޝީދަށް ވޯޓު ދެއްވޭ ނަމަ އެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެކަމަކު ރައީސް ސޯލިހް ވިދާޅުވަނީ އެ ބަޖެޓް ފާސްކުރައްވަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ހަފުތާގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން އެ ބަޖެޓް އޮތް ގޮތަށް ފާސްކުރަން ތާއީދު ކުރައްވައި ވާހަކަ ދެއްކެވިއިރު ބަޖެޓްގައި ހިމެނޭ ވަރަށް ގިނަ ކަންކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަފްލާ

    ޖަމީލު ބުންޏަސް ތެދެއްވާނީ ތެދަކަށް

    16
    1
  2. އ . ޖ . އ

    ބޮނޑިބަތް ތެލި ކެކެން ފަށައިފިއެވެ

    2
    16
  3. މާލެ

    ގައުމު އެއްވެސް އުދަގުލެއް ނެތިބޭނުން ގޮތަކަށް ލިބުނީމަ ޖަލުގަ އޮތް މީހެއް ގެ ސަބަބުން ކަންކަން ނުވާވާހަކަ ދެއްކުމަކީ ވަރަށްދެރަ ކަމެއް. ޔާމީނު ވީގޮތަކަށް ކަންކަން ކުރި. ކުރީސަރު ކާރުގެ ވާހަކަ ދައްކާކަށް ވަގުތު ހޭދައެއް ނުކުރޭ. ގައުމަކީ ރައްޔިތުންގެ ހައްގެއް އެކަން ބޮލުގަ އަޅާން ޖެހެނި ކުރިޔާފަސް އެގިގެން އަދި ކަންކަން ހައްލު ކުރެވޭހާ މައުލޫމާ ތާ އެކު. ވަކިހިސާބަކުން ދެން ކުރިޔޭ ފަހޭ ކިޔަން ޖެހުނީމަ އެއީ ކަންކަން ނުބެލި ހުރިކަމުގެ ހެއްކެއް.

  4. އިކް

    އެއީ އެތެރޭގައި ހުޅު ރޯވާ ޕާޓީއެއް ނޫން. އެއްބަޔަކު އަނެއް ބައެއްގެ ސިއްރުތައް ދަންނަވަރުން އެއްބަޔަކު އަނެއް ބައެއްގެ މަކަރުވެރި ޕްލޭންތަކުގައި ބައިވެރިވެފައިވާލެއް ބޮޑުކަމުން އެމީހުންގެ ތެރޭ މައްސަލަ ޖެހޭނީ ވަކި ހިސާބަކަށް. އުފެދޭ ދެބަސްވުމުގައި އެކަކަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެމީހުންގެ ތެރޭ އެ މައްސަލަ ހިންދާލާނެ. އެއީ އެންމެން އެކީ މާޒީގައި ކުރި އެހެން ކަންކަން ފަޅާއަރައި ސިއްރުތައް ފާޅުވެ ގައުމުގައި ފަލީހަތްވާން ބޭނުންނުވާތީ. ދޮގުތަކާ މަކަރާ އަޑި ނުބައި ޕްލޭންތަކާ ނުބައި އާދަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެމްޕަޔަރއެއް ރޫޅޭނީ ވަރަށް ބޮޑު ބިންހެލުމެއް އައި ދުވަހަކުން.

  5. ހަސަނު

    ފެއިލްވެފަ ހުރިމީހަކު ކޮންވާހަކައެއްތަ.

    2
    2