ށ. ފޭދޫގައި 15 އަހަރުގެ ކުޑަ ކުއްޖަކު ވިހޭ ދަރިފުޅު މަރާލާފައިވާކަމުގެ ތުހުމަތުގައި އެ ކުޑަ ކުއްޖާގެ މަންމަ އާއި ދޮން ބައްޕަ އަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

އެ ކުޑަ ކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީއާގޭ އަޒީޒާ އިބްރާހިމާއި އެ ކުއްޖާގެ ދޮންބައްޕަ، އެ ރަށު ބުލޫހެވަން އަބްދުލްޣަފޫރު ގާސިމްގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންވެސް ވަނީ އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރުކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށް ތާވަލްކޮށްފައި ވާއިރު މި މައްސަލަ ހިނގާފައި ވަނީ 2012 ވަނަ އަހަރުގެ ތެރެގައެވެ.

އެންމެ ފުރަތަމަ މި މައްސަލައިގެ ދައުވާ އުފުލާފައި ވަނީ 2013 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެ ދައުވާ އަނބުރާ ގެންދިއުމަށްފަހު ދެވަނަ ފަހަރަށް މި ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުގެ ތެރެގައެވެ.

2012 އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި އެ އަންހެން ކުއްޖާ ވިހެއި ތުއްތު ދަރިފުޅަށް، ބަލިވެ އިނީއްސުރެ ވިހެއުމާ ހަމައަށް ވެސް އޭނާ ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް އެ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ތުއްތު ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު ފުރިހަމަކޮށްދީފައި ނުވާ އިރު އޭނާ ބަލިވެ އިންކަން ސިއްރުކުރި ކަމަށާއި، އޭނާ ވިހަން އުޅޭކަން އެނގުމުން ވެސް އެ ދެ މީހުން އޭނާ ހޮސްޕިޓަލަށް ނުގެންދާކަން ދައުވާގައި ފާހަގަކޮށްފައިވެއެވެ.

އަދި ސިއްހީ ގޮތުން އެކަށީގެން ނުވާ ފަދަ ގޮތަކަށް އެކުއްޖާ ވިހާފައިވާ އިރު، ށ. ފޭދޫ ވައިމަތީއާގޭ ގިފިލިތެރޭގައި ތުއްތު ދަރިފުޅު ވަޅުލާފައިވާ ކަމާއި، އެ ކުއްޖާ މަރުވެފައިވަނީ އެ ދެ މީހުންގެ ބައިވެރިވުމާއި އިހުމާލުން ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚައިރު

    ސުރުހީގަ އޮތީ މާމަ އަކާ ދޮންކާފައެއްގެ ވާހަކަ.ޚަބަރުގެ އޮތީ މަންމަ އަކާ ދޮންބައްޕައެއްގެ ވާހަކަ

    20
    1
    • ސިކުނޑި

      ނިޔާވީ ތުއްތު ކުއްޖާގެ މާމަ އާއި ދޮންކާފަ އަކަށްނުން ވާނި