ދިވެހި ޒުވާނަކު މަރުވެއްޖެކަމަށް ބުނެ، އެޑިޓްކޮށްފައިވާ ކަށުނަމާދު ޕޭޖްގެ ޕޯސްޓެއް ދައުރު ކުރާތީ އޭނާ އެކަމާއި ކަންބޮޑުވެ ވާހަކަދައްކައިފިއެވެ.

އެ ޒުވާނާ މީސް މީޑިއާއަށް އެ ޕޯސްޓް ލުމަށްފަހު ވަނީ އެއީ ފޭކް ޕޯސްޓެއް ކަަމަށް ބުނެފައެވެ.

އޭނާ ފޭސްބުކްގައި ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާ މަރުވެއްޖެ ކަމަށް ބުނެ އިއްޔެ އިން ފެށިގެން ފޭކް ކަށުނަމާދު ޕޯސްޓެއް ދައުރު ކުރި ކަމަށާއި، މިފަދަ ޕޯސްޓްތައް ޝެއާ ކުރާއިރު، އޭގެ ސައްހަ ކަމާއި ކިހާވަރެއްގެ ތެދެެއް ކަން ބެލުމަށްފަހުގައި ނޫނީ ޝެއާކޮށް ނުހެދުން އެދޭ ކަމަށެވެ.

އެ ޒުވާނާ ބުނީ، އެ ޕޯސްޓްތައް ދައުރުވަމުން ގޮސްފައި ވަނީ ވައިބާ ގްރޫޕެއްގައި ކަަމަށެވެ.

އެ ޒުވާނާ އެ ޕޯސްޓް ކުރުމާއެކު އެތައް ބަޔަކު އެފަދަ ކަންކަން ނުކުރުމަށް އެދިފައި ވެއެވެ.

ދައުރުވި އެ ފޭކް ކަށުނަމާދު ޕޯސްޓުގައި އެ ޒުވާނާގެ ނަމާއި، އަދި އެހެނިހެން މައުލޫމާތުތައް ހުރީ އެޑިޓްކޮށްފައި އެހެން ފޮންޓަކުން ޖަހާފައި ކަން ފާހަގަކޮށްލެވެ އެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. މަރުވެފައިވާ މީހެއް ކަމަށް ބުނެ، ކަށުނަމާދު ޕޭޖަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ފެންމަތިވެފައި ވަނީ މި އަހަރުގެ ޖުނުއަރީ މަސް ތެރޭގައެެވެ.

އެ ޕޯސްޓާއި ގުޅިގެން ކަށުނަމާދު ޕޭޖުން އެ ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ސަމާސާއަކަށް ނަމަވެސް ދުނިޔޭގައި ހުރި ފަރާތެއް ނިޔާވެއްޖެއޭ ކިޔާފައި އެ ޕޭޖަށް މައުލޫމާތު ނުފޮނުވަން އެދޭ ކަމަށެވެ. އަދި ނިޔާވި މައްޔިތެއްގެ މައުލޫމާތު އެ ޕޭޖަށް މެދުވެރިކޮށް ޖަހަން ބޭނުންވާނަމަ މިއަދުން ފެށިގެން މައްޔިތާގެ މަރުފޯމާއި އައިޑީ ކާޑުގެ ފޮޓޯއެއް ބޭނުންވާނެ ކަމަށް އެ ޕޭޖުގައި ބުނެފައި ވެއެވެ.

ސަމާސާއަކަށްވެސް މިކަހަަލަ ކަންކަން ކުރުން ރަނގަޅެއް ނޫނެވެ. މިފަދަ ކަމަކުން ބޮޑު ހިތާމައަކާއި ކުރިމަތިލާންވެސް ޖެހިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފް

    ވަރަށް ދެރަވަރު ކަމެއް.މަރު އެއީ ސަމާސާކުރަންވާކަހަލަ ކަމެއް ނޫން.މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން.މަރާއި މެދު ބިރުވެތިވެ އެކަމަށް ބޭނުންވާ ކޮއްތު ތައްޔާރުކުރާ މުސްލިމުން އެއީ ބާއްޖަވެރިބައެއް ކަމުގަ ލައްވާށި.އާމީން.

    71