ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއެކު ކޮންމެ އަހަރަކު ބާއްވާ ޕޮލިސީ ޑައިލޮގްގެ މި އަހަރުގެ ބައްދަލުވުން އަންނަ ހޯމަ ދުވަހު ވާޗުއަލްކޮށް ބޭއްވުމަށް ހަމައްސައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އީޔޫގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއެވެ.

ރާއްޖޭގެ ދައުލަތުގެ ބައެއް އެހެން ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީ އިން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން މަސްވެރިކަމާއި، ތިމާވެށި ހިމާޔަތް ކުރުމާއި، މޫސުމީ ބަދަލުތަކާއި، ތަރައްގީގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ އިތުރުން މާލީ ދާއިރާ، ޑިމޮކްރަސީ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި، ސަލާމަތީ އެއްބާރުލުން އަދި ޝެންގެން ވިސާއާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

ރާއްޖެއާއި އީޔޫއާ ދެމެދު އެކި ދާއިރާތަކުން ހަރުދަނާ ގޮތެއްގައި މަޝްވަރާކޮށް، ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މި ބައްދަލުވުން ބާއްވާ މިއީ ފަސްވަނަ އަހަރެވެ.

މި ޑައިލޮގްގެ އިތުރުން ރާއްޖެއާއި އީޔޫއާ ދެމެދު ސީނިއާ އޮފިޝަލުންގެ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށް މި އަހަރު ނިންމިއެވެ. އޭގެ ފުރަތަމަ ބައްދަލުވުން ވަނީ މި އަހަރުގެ ފެބްރުއަރީ މަހު މާލޭގައި ބާއްވާފައެވެ.