އައްޑޫ ސިޓީ މީދޫ ދާއިރާގެ ތެރޭގައި އެ ސިޓީގެ މަރަދޫފޭދޫ ހިމަނާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މީދޫ ދާއިރާއިން މަރަދޫފޭދޫ ވަކިކުރުމަށް އަމުރެއް ނެރެދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެއެވެ.

އަމިއްލަ ފަރާތެއް ކަމުގައިވާ އަހްމަދު ޝުޖާއު ހުށަހެޅި އެ މައްސަލައިގައި އޮންލައިންކޮށް މިއަދު ބޭއްވި ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އެ ފަރާތުގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ ކޮންމެ އިންތިހާބެއްގެ ކުރިން އިންތިހާބީ ދާއިރާތައް މުރާޖައާ ކުރުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެ މަސްއޫލިއްޔަތު އަދާ ކުރައްވަން ޖެހޭ ގޮތް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ އެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން އާބާދީއަށް ބަދަލު ނާންނަ ނަމަ ކުރިން އޮތް ގޮތަށް އިދާރީ ދާއިރާ ބާއްވަން ޖެހޭ ކަމަށެވެ. އެކަމަކު ކުރިން މަރަދޫ ދާއިރާގައި ހިމެނޭ އެ ރަށް މީދޫ ދާއިރާއަށް ހިމެނީ އެ އުސޫލާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބީ ދާއިރާ ކަނޑައެޅުމުގެ ކުރިން ރަށްރަށުގެ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދަން ޖެހޭނެ ކަމަށް ގާނޫނު ބަޔާން ކޮށްފައިވާ ކަމަށާއި އެކަމަކު އެ ގޮތުގެ މަތިން ރައްޔިތުން ހިޔާލު އީސީ އިން ހޯދާފައި ނުވާ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ނިންމުން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޝުނާނާ ވިދާޅުވިއެވެ.

މައްސަލަ ހުށަހެޅި ފަރާތުގެ ފަރާތުން ވަކީލް ޝުނާނާ އެދިވަޑައިގަތީ މީދޫ ދާއިރާއާއި މަރަދޫފޭދޫ ދާއިރާ ވަކި ދެ އިންތިހާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ. ނުވަތަ މަރަދޫ ދާއިރާގައި ނުވަތަ ފޭދޫ ދާއިރާގައި މަރަދޫފޭދޫ ހިމަނައިދިނުމަށެވެ. އެ ގޮތަށް ވާނެ ގޮތަކަށް އީސީއިން އަމަލު ކުރުމަށް އެ ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިވަޑައިގަތެވެ.

މިކަމާ ގުޅިގެން އީސީގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ އެއީ އިންތިހާބީ މައްސަލައެއް ނުވަތަ ޝަކުވާއެއްގެ ގޮތުގައި ބެލެވޭތީ އެ މައްސަލައިގެ ފުރަތަމަ މަރުހަލާ ހިނގަން ޖެހޭނީ ހައި ކޯޓުގައި ކަމަށެވެ. އީސީގެ ވަކީލް ރިއާޔަތް ކުރެއްވީ ގާނޫނުއަސާސީގައި އޮންނަ އިންތިހާބީ މައްސަލަ ހުށަހެޅުމުގެ ބާބަށެވެ.

މި ކަމަށް މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލް ޝުނާނާ ރައްދު ދެއްވިއެވެ. ހައި ކޯޓަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓުގައި ނެތް ކަމަށް އީސީ އިން ފާހަގަކުރި ނުކުތާ ޝުނާނާ ހަނދާންކޮށް ދެއްވިއެވެ. ހައި ކޯޓާއި ސިވިލް ކޯޓުން ވެސް އެ މައްސަލަ ބޭރުކޮށްލީ އީސީއިން ފާހަގަކުރާ އަސާސެއް ނެތް ނުކުތާތަކަކަށް ކަމަށާއި އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހްތިސާސްގައި ހިމެނޭ އާންމު މަސްލަހަތުގެ ދުސްތޫރީ މައްސަލައެއް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ރަޝީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ދެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ފަހު ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހްތިސާސްގައިވާ މައްސަލައެއް ކަމާމެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމާލެއްވިއެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިންތިހާބީ ދާއިރާތައް މުރާޖައާ ކުރުމަށް އީސީއާއި އައްޑޫ ސިޓީ ކައުންސިލް ބޭއްވި ބައްދަލުވުމެއްގައި އައްޑޫ ކައުންސިލުން ވަނީ މަރަދޫފޭދޫ ވަކި ދާއިރާއެއް ގޮތުގައި ކަނޑައެޅުމަށް އެދިފައެވެ. އެ ބައްދަލުވުމުގައި އެ ގޮތަށް ބޭނުންވާ ކަމަށް އީސީ އިން ވެސް ބުނެފައިވެއެވެ. އެކަމަކު ފަހުން ނިންމުން ބަދަލުކޮށް 2014 ގެ މަޖިލީހުގެ އިންތިހާބުގައި ކަނޑައެޅި ގޮތަށް މީދޫ ދާއިރާގައި ބޭއްވުމަށް އެ ކޮމިޝަނުން ނިންމީއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބޯހަލާކު

  އެމްޑީއެން ގުރޫޕް ދެއްތޯ...ﷲގަންދީފަ ބުނަން ތިމީހުންގެ ހުކުން ސައްހަވާނީކިހިނެއް..؟!
  މީއިސްލާމީގައުމެކޯ...!؟

 2. އުތުރުން

  އައްޑޫ ސިޓީގެ ކ ކޮންމެ ރަށެއް ވަ ކި ދާއިރާއެއްގެ ގޮތުގައި
  އޮންނަން ޖެހޭ ސަބަބެއް ނެތެވެ މަރަދޫފޭދޫ ވަ ކި ދާއިރާ
  އެއްގެ ގޮތުގައި ހަމަޖައްސާ ނަމަ ރާއްޖޭގައި ހުރި އެހެން ރައްތަށްވެސް ވަ ކި ދާއިރާ ތަ ކެއްގެ ގޮތުގައި ހަމަޖައްސަން ޖެހެއެވެ. ކ ކޮންމެ ރަށެއްގައިވެސް މަޖިލީހުގެ މެންބަރެެއް
  ނުވަތަ ދެ މެންބަރުން ތިބެން ރައްޔިތުން ބޭނުންވާނެއެވެ.

 3. ވެރިން

  ޝުނާނާ އަ ކަށް ނޭގޭނެ ލާން ވީ ދާއިރާ

  1
  1